ސަލްމާންގެ "ސީޓީ މާރް" ގެ މޭކިން
ސަލްމާންގެ "ސީޓީ މާރް" ގެ މޭކިން

ސަލްމާންގެ ޚާންގެ އާ ފިލްމު "ރާދޭ: ޔޯޒް މޯސްޓް ވޯންޓެޑް ބާއީ" ގެ ފުރަތަމަ ލަވަ "ސީޓީ މާރް" އާންމުކުރުމާ އެކު ލަވަ ވަނީ ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ. ޔޫޓިއުބުން ލަވަ ބެލި މީހުންގެ އަދަދު މިހާރު 50 މިލިއަނާ ގާތްކުރަނީ އެވެ.

ކުލަ ގަދަ ސެޓެއްގައި ސަލްމާނާއި ޑިޝާ ޕަޓާނީގެ ފޯރިގަދަ ނެށުންތައް ފެންނަ ލަވަ އާންމުކުރުމަށް ފަހު، މިހާރު މި ވަނީ އެ ލަވަ ޝޫޓްކުރަން ކުރި މަސައްކަތުގެ ތެރެއިން ފަރުދާގެ ފުރަހަގުގެ ބައެއް މަންޒަރުތައް ދައްކާލައިފަ އެވެ. ސަލްމާނާއި ޑިޝާ ވެސް ބުނެފައިވާ ގޮތުގައި "ސީޓީ މާރް" އިން ޑައިރެކްޓަރު ޕްރަބޫދޭވާ ބޭނުންވީ އެ ދެ މީހުންގެ ވަރުގަދަ ނެށުންތަކެއް ދައްކާލާށެވެ.

އެހެންވެ ލަވައިގެ ކޮރިއޯ، ޖާނީ ލައްވައި ހަދާފައި ވަނީ އަޅައިގަންނަ ކަހަލަ ވަރަށް ގިނަ ސްޓެޕްތަކާ އެކީގަ އެވެ. މޭކިންގައި ވަނީ ސަލްމާނާއި ޑިޝާ ސްޓެޕްތައް ޗާލުކޮށް، ރީތިކުރަން ކުރި މަސައްކަތާއި ޖުމްލަކޮށް ލަވަ އަށް ކުރި މަސައްކަތްތައް ދައްކާލައިފަ އެވެ.

ޕްރަބޫދޭވާ އަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ނެޑުންތެރިޔާއަށްވެފައި "ރާދޭ" އަކީ އޭނާ ޑައިރެކްޓްކުރި ފިލްމަކަށްވާތީ ފިލްމުގެ ހުރިހާ ލަވަތަކަކުން ވެސް ރީތި ނެށުންތަކެއް ފެންނާނެ އެވެ. "ސީޓީ މާރް" ލަވައިގެ
އަސްލަކީ 2017 ގެ ތެލެގޫ ފިލްމު "ޑީޖޭ" ގެ "ސީޓީ މާރް" އެވެ. އެ ފިލްމަކީ އައްލޫ އަރުޖުން އާއި ޕޫޖާ ހެގްޅޭ ކުޅުނު ފިލްމެކެވެ.

އައްލޫގެ "ސީޓީ މާރް" އަކީ ވެސް ވަރަށް ފޯރިގަދަ ޗާލު ލަވައެކެވެ. ހާއްސަކޮށް އޭނާ ސްޕެޓްތައް ވަރަށް ގިނަ ބަޔަކު ފާހަގަކޮށް، ސަލްމާންގެ ލަވަ އަށް ވުރެ އެ ލަވަ މާ ރީތި ކަމަށް ވެސް ބުނެފައިވެ އެވެ.

އަންނަ މަހުގެ 13 ގައި "ރާދޭ" ރިލީޒްކުރަން ފިލްމުގެ ޕްރޮމޯޝަންތައް ކުރިއަށް ގެންދާ އިރު، މިއަދު އަނެއްކާ ވެސް ފިލްމުގެ އިތުރު ލަވައެއް ނެރޭނެ އެވެ. އެއީ އައިޓަމް ލަވައެއްގެ ގޮތުގައި ޖެކްލިން ފެނަންޑޭޒް ހިމަނައި، ސަލްމާން ވެސް ފެންނަ "ދިލް ދޭ ދިޔާ" އެވެ.

ލަވައިގެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް ސަލްމާން ބުނީ އެ ލަވަ އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.