ބަލި ކޮންޓްރޯލްކުރަން އޮތީ ލޮކްޑައުން އެކަންޏެއްނޫން: ޑރ. ޝާހް
ބަލި ކޮންޓްރޯލްކުރަން އޮތީ ލޮކްޑައުން އެކަންޏެއްނޫން: ޑރ. ޝާހް

ޝާހް ވިދާޅުވީ ލޮކްޑައުންކުރުން ނުވަތަ އެހެން ފިޔަވަޅުތައް އެޅުން މުހިންމު ވެއްޖެ ނަމަ ޕޮލިސީ ލެވަލްގައި އެކަން ކުރާނެ ކަމަށް.

ޑރ. ޝާހް އަދި ޑރ. ނަޒްލާ ވިދާޅުވީ ލޮކްޑައުނަކުން ބަލި މަދުވާނެ ކަމަށާއި އެކަމަކު އެންމެން ގުޅިގެން މަސައްކަތް ނުކުރާ ނަމަ އަނެއްކާވެސް ކޭސްތައް ދާނީ މައްޗަށް ކަމަށް. ލޮކްޑައުން ކުރުމުން ދިމާވާ ބޮޑެތި މައްސަލަތައް އެބަހުރި ކަމަށާއި ހާއްސަކޮށް ސިއްހީ ދާއިރާ އަށް ކުރިމަތިވާ މައްސަލަތައް ބޮޑު ކަމަށް ނަޒްލާ ވިދާޅުވި.

ބަލި މީހުން އެންމެ ގިނަވިއިރު ފިޔަވަޅުތައް ވަރުގަދަ ނުކުރަނީ ކީއްވެތޯ ކުރި ސުވާލަކަށް ޑރ. ޝާހް ވިދާޅުވީ މިހާރު ވެސް ހުރީ ފިޔަވަޅުތައް އަޅާފައި ކަމަށާއި އެކަމަކު ފިޔަވަޅު އެޅުމަކީ ހަމައެކަނި ލޮކްޑައުން އަށް ދިއުން ނޫން ކަމަށް. ބަލިން ރައްކާތެރިވާން ހުރި އެންމެ އަސާސީ ފިޔަވަޅުތަކަށް ތަބާވެ އެ ކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވި

ކޮވިޑް ވައިރަސްގެ އިތުރު ވޭރިއަންޓް އުޅޭތޯ މިހާރު ބަލާފައި ވޭތޯ ސުވާލުކުރުމުން ޑރ، ޝހް ވިދާޅުވީ ވޭރިއަންޓެއް އުޅޭކަން އެނގުނަސް އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށާއި، ކޮންމެ ބަޔަކަށް ވެސް މި ހާލަތުގައި އޮތީ ބަލިން ރައްކާތެރިވާން ހުރި ފިޔަވަޅުތަކަށް ތަބާވެ ވެކްސިން ޖެހުން ކަމަށް. ވޭރިއަންޓް އުޅޭތޯ ބެލުން ރިސާޗް ބޭނުމަށް ބެލުން އެއީ މުހިންމު ކަމަކަށް ވިޔަސް ވޭރިއަންޓެއް ފެނިގެން ކުރެވޭނެ އިތުރު ކަމެއް ނެތް ކަމަށް ވިދާޅުވި

ޑރ. ޝާހް ވިދާޅުވީ ވެކްސިންގެ ޓޯކަން ދޫކުރުމަށް ބަދަލު ގެނައީ ރޯދަ މަހު ވަގުތުގެ ތާށިކަން އޮތުމާއި ޓޯކަން ނަގާފައި ގިނަ ބަޔަކު ވެކްސިން ޖަހަން ނާންނަ މައްސަލަ ވެސް އޮތުމާ އެކު، ވެކްސިން ކޯޑިނޭޝަން ކޮމިޓީން މަޝްވަރާކޮށްފައި. އެއީ ވެކްސިން ނެތިގެން ގެނައި ބަދަލެއް ނޫން. ވެކްސިން ބޭނުންވާ ވަގުތަށް ވެކްސިން ލިބޭނެ. ކޮންމެވެސް ވެކްސިން ގެނެސް ކޯލްޑް ސްޓޮރޭޖްގައި ބެހެއްޓުން މުހިންމު ނޫން ކަމަށާއި މުޅި ދުނިޔޭގައި ވެސް ވެކްސިން މެނޭޖްކުރުމުގައި ބަލަމުން އަންނަނީ މިގޮތަށް ކަމަށް.

ޑރ. ޝާހް ވިދާޅުވީ މިހާރު ހުރި ވެކްސިން ސްޓޮކް ހުސްވަން ވާއިރަށް އާ ސްޓޮކް ލިބޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށާއި ވެކްސިން ހުސްވެގެން ވެކްސިން ޕްރޮގްރާމް ހުއްޓާލަން ޖެހޭނެ ކަމަށް ނުބެލެވޭ ކަމަށް. އަދި އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތަސް، ތަކެތި ނުލިބި ރާއްޖޭގައި ކޮވިޑް ފަރުވާ ދިނުމުގައި ދަތިކަމެއް ކުރިމަތިވާނެ ކަމަށް ނުފެންނަ ކަމަށް.

ޑރ. ޝާހް ވިދާޅުވީ ކޮވިޑާ ދެކޮޅަށް ބޭނުންވާ ވެކްސިނާއި އެހެން ތަކެތީގެ ސަޕްލައި ވެސް ލިބެމުން އަންނަ ކަމަށާއި އެންމެންނަށް ފުދޭ ވަރަށް ވެކްސިން ލިބޭނެ ކަމަށް. އޭނާ ވިދާޅުވީ ބަލި ފެތުރެން ފެށިތާ ކުރީކޮޅު ހުރިހާ އެޖެންސީތައް ގުޅިގެން ޕްރެސްތައް ބާއްވައި ކުރަމުން ދިޔަ މަސައްކަތް މިހާރު އެގޮތަށް ނުފެނުނަސް، އިދާރާތައް ގުޅިގެން މިހާރު ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް

މިހާރު ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ކޮވިޑްގެ ކޭސްތައް ރެކޯޑް އަދަދަކުން ފެންނަމުން ދާތީ، މިއަދުގެ ޕްރެސްގައި އެކަމާ ގުޅިގެން އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިއުލާނުކުރާނެ ކަމަށް ބެލެވުނަސް ޕްރެސްގައި އެފަދަ ކަމެއް އިއުލާނެއް ނުކުރޭ. އެދުނީ މިހާރު ހުރި ފިޔަވަޅުތަކަށް އަމަލުކުރުމަށް.

ޑރ. ޝާހް ވިދާޅުވީ ކޮވިޑް ކޮންްޓްރޯލްކުރެވެމުން އައީ ރައީސްއާ ހިސާބުން ހުރިޙާ ތަނަކުން ވެސް އެއްބާރުލުން ދީގެން ކުރަމުން އަންނަ މަސައްކަތުން ކަމަށް. ނަމަވެސް މިހާރުގެ ހާލަތަށް ބަލައި އިތުރު ފިޔަވަޅެއް އިއުލާނެއް ނުކުރޭ

ނަޒްލާ އާއި ޝާހް ވިދާޅުވީ ކޮވިޑްގެ އާ ވޭރިއަންޓްތަކާއި މިއުޓޭޝަން ވެސް އަންނާނެ ކަމަށައި އިންޑިއާގައި ވެސް ދިމާވެގެން އުޅެނީ އެ މައްސަލަ ކަމަށް. އެހެންވެ މިކަމަށް ސަމާލުވާންޖެހޭނެ ކަމަށާއި މިހާރުވެސް ގެންދަނީ ދިރާސާތައް ކުރަމުން ކަމަށް. މި ނުރައްކާ ކުޑަކުރުމަށް އެންމެން އަވަހަށް ވެކްސިން ޖަހަން ދެ ބޭފުޅުން ވެސް އެދިވަޑައިގެންނެވި

މާލޭގެ ހާލަތު މިހާރު އޮތް ގޮތުން، މީހުން ގިނައިން އެއްވެ ނޫޅުމަށް ނަޒްލާ އެދިވަޑައިގެން ވިދާޅުވީ އީދު ބަންދުގައި ވެސް އެންމެ ރަނގަޅުވާނީ މާލޭން ބޭރަށް ނުދިއުން ކަމަށް.

ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފެށި ފަހުން ސިވިއަ ކޭސްތައް މަދުވެފައި ވާތީ ކުރިއާ އެއްވަރަށް ހޮސްޕިޓަލަށް ބާރު ބޮޑު ނުވާ ކަމަށް. މިހާރު ބަލި ޖެހޭ މީހުންގެ ތެރެއިން އެޑްމިޓްކުރަން ޖެހޭ ރޭޓް ހުރީ 13-16 ކަމަށް ވިދާޅުވި.

ޑރ. ނަޒްލާ މުސްތަފާ: 10 މާޗު މަހު ކޮވިޑް ޕޮޒިޓިވިޓީ ރޭޓް މާލެ ސަރަހައްދުގައި ތިން ޕަސެންޓުގައި ހުރި ނަމަވެސް މިހާރު ހުރީ 10 ޕަސެންޓްގައި. އަދި ފްލޫ ކްލިނިކުން ޕޮޒިޓިވިޓީ ރޭޓް 14 ޕަސެންޓަށް ވަނީ އަރާފައި. މީގެ މާނަ އަކީ ވަރަށް ބޮޑު އައުޓްބްރޭކެއް އެބަ އޮތޭ.

ރަށްރަށުގައި ކޭސްތައް ގިނަވެފައި ވާތީ، އެ ދާ ރަށަކަށް ދިއުމަށް ފަހު އިތުރު ރަށްރަށަށް ނުދިއުމަށާއި ރަށްރަށަށް ދާއިރު ބައްދަލުވާ މީހުން އެނގިފައި އޮތުމަކީ ކޮންޓެކްޓް ޓެރޭސިން އަށް ވަރަށް މުހިންމު މައުލޫމާތު ކަމަށް މައުރޫފް ވިދާޅުވި. އޭނާ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން އަށް ސައްހަ މައުލޫމާތު ނުލިބޭތީ ބަލި ކޮންޓްރޯލްކުރަން ދަތިވާ ކަމަށް

ހެޑް އޮފް އެޓޯލް ޕްރިޕއެއާޑްނެސްގެ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ ގިނަ އަދަދެއްގެ ކޭސްތައް ރަށްރަށުން ކޭސްތައް ފެނި މޮނިޓަރިންގައި ވާއިރު ކޮވިޑްގެ ކޭސްތައް 100 އިން މަތި ހަ ރަށެއްގައި އެބަ އޮތް ކަމަށް. އަދި މިހާރު ރަށްރަށުގައި ކޮވިޑްގެ އެކްޓިވް 1200 ކޭސް ހިމެނޭ ކަމަށް.

ޑރ. ޝާހް ވިދާޅުވީ ވެކްސިން ޖަހަމުން ދާއިރު، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ކުޑަކޮށްގެން ނުވާނެ ކަމަށް. ރާއްޖެއަށް ގެނެސްފައިވާ ވެކްސިންގެ ބެޗްތައް ހުސްވަމުންދާ ވަރަކަށް އާ ބެޗްތައް ގެންނަނާނެ ކަމަށާއި އެންމެންނަށް ފުދޭ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޝާހް ވިދާޅުވި

ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު އަދިވެސް ނުޖަހާ 20،000 މީހަކު މިހާރު ވެސް އެބަ ތިބި ކަމަށާއި އެހެންވެ އެންމެން އަވަހަށް ވެކްސިން ޖެހުމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްގައި ޝާހް ވިދާޅުވީ ވެކްސިން ދޭންޖެހޭ އާބާދީގެ 67 ޕަސެންޓަށް އަދި ޖުމްލަ އާބާދީގެ 52 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާއި މިއީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި އޮތުމަށް ފަހު މި މަހު ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މީހުންގެ ހަރަކާތްތައް އިތުރުވި ފަހުން ކޭސްތައް އިތުރުވަމުން ގޮސް މިދިޔަ 48 ގަޑިއިރަކީ ރާއްޖޭން ކޮވިޑް ފެނުނު ފަހުން އެންމެ ގިނައިން މި ބަލީގެ ކޭސްތައް ފެނުނު ދެ ދުވަހެވެ.

އިއްޔެގެ އިރުއޮއްސި 6:00 އާ ހިސާބަށް ރާއްޖޭން ކޮވިޑްގެ 29,052 ކޭސް ފެނިފައިވެ އެވެ. އޭގެ ތެރެއިން 24,575 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު 73 މީހަކު ވަނީ މަރުވެފަ އެވެ. ކުރިއާ ޚިލާފަށް މިހާރު ބަލި ބޮޑަށް ފެތުރެނީ އަތޮޅުތެރޭގަ އެވެ.