29 އެޕްރީލް 2021 - 17:25

ކުޑަކުދިން ގުރުއާނަށް އަހުލުވެރިކުރުވަން ތަފާތު އެކި ޗެލެންޖުތަކާއެކު ގުރުއާން މުބާރާތަކަށް އަމިއްލަ ފަރާތަކުން ހުޅުވާލައިފި އެވެ.
ޖުމުލަ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅައިގެން، އިސްލާމިކް މިނިސްޓްރީގެ ހުއްދައާއެކު ކުރިިއަށް ގެންދާ މުބާރާތުގައި ރަޖިސްޓަރީ ވާން ޖެހޭނީ quiz.alimagu.com އިންނެވެ.
"އަލިމަގު ގުރުއާން ޗެލެންޖު، 2021" އިންތިޒާމު ކުރައްވާ އަހުމަދު ސައީދާއި ޝުރުފަތު އަބްދުﷲ އަކީ "ގުރުއާން ކިޔެވުމަށް އަލިމަގެއް" ފޮތް ލިޔުއްވި ދެ ބޭފުޅުންނެވެ.
ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މުބާރާތުގައި ގުރުއާންގެ ކުރު ސޫރަތްތަކާއި ނަމާދާއި ކެތްތެރިކަމާ ގުޅޭ އާޔަތް އަދި ގުރުއާނުގައިވާ ބައެއް ދުއާތަކުގެ މާނަ ދަސްކުރަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ތަޖުވީދުގެ ބައެއް ބައިތަކާއި ސޫރަތްތައް ތަރުތީބުކުރުމާއި ސޫރަތްތަކުގެ ނަމާއި ފުރަތަމަ އާޔަތް ގުޅުވުން ވެސް ހިމަނާފައި ވެ އެވެ.
މުބާރަތް ހުޅުވާލާފައިވަނީ 9-13 އަހަރާ ދެމެދުގެ ކުދިންނަށެވެ. އެކި އުމުރުގެ ކުދިން ދަސްކުރަންޖެހޭ ބައިތައް ޑައުންލޯޑުކޮށްގެން ކިޔުމާއި އޮންލައިން އެޕްލިކޭޝަން ބޭނުންކޮށްގެން ސުވާލުތައް ދަސްކުރަން މިހާރު ވަނީ ފަށައިފަ އެވެ.
ސައީދު ވިދާޅުވީ އޮންލައިންކޮށް ގެންދާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވައިލުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. މިހާތަނަށް 200 ކުދިން ރަޖިސްޓަރީ ކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެސެސްމަންޓުގެ ލިޔުމުން ފުރިހަމަކުރަންޖެހޭ ބައިތައް މެއި 10، 2021 އަށް، ދަސްކުރަންޖެހޭ ސޫރަތްތަކާއި އާޔަތްތަކުގެ ބައި މެއި 11، 2021 އަށް އަދި އެންމެ ފަހުގެ އޮންލައިން އެސެސްމަންޓް މެއި 12، 2021 އަށް ވަނީ ތާވަލްކޮށްފަ އެވެ.
"މި މުބާރާތުގައި ބައިވެރިވާން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް ބައިވެރިވެވޭނެ،" ސައީދު ވިދާޅުވި އެވެ.
ގުރުއާން ޗެލެންޖުގެ ކޮންމެ އުމުރުފުރައަކުން އެންމެ މަތީ މާކްސް ހޯދާ ފަސް ކުއްޖަކަށް އަންނަ އީދު ވިލޭރޭ ފައިސާގެ އިނާމު ދޭނެ އެވެ. އުމުރުން ނުވަ އަހަރުން ދަށަށް 3،000ރ. 10 އަހަރުން ދަށަށް 3،500ރ. 11 އަހަރުން ދަށަށް 4،000ރ. 12 އަހަރުން ދަށަށް 4،500ރ އަދި 13 އަހަރުން ދަށަށް ހުށަހަޅާފައިވަނީ 5،000ރ. އެވެ.
މުބާރާތް ރާވާފައިވަނީ 13 އަހަރުން ދަށުގެ ކުދިންނަށް ވިޔަސް އެއަށް ވުރެ ދޮށީ ކުދިންނަށް ޕްރޮގްރާމް މެޓީރިއަލް ޑައުންލޯޑުކޮށް އޮންލައިންކޮށް ސުވާލުތަކަށް ޖަވާބުދީ ފަރިތަކުރެވޭނެ ފުރުސަތު ހުޅުވާލާފައި ވެ އެވެ. އިތުރު މައުލޫމާތު ހޯދަން 7798620 އަށް ގުޅަން އެދެ އެވެ.