29 އެޕްރީލް 2021 - 12:09

ލައިޕްޒިގް (29 އޭޕްރީލް) - ޖޫން މަހު މަގާމު ހުސްވާ، ރެޑްބުލް ލައިޕްޒިގްގެ ކޯޗަކަށް، ރެޑުބުލްއިން ހިންގާ ދެ ވނަ ކްލަބު އޮސްޓްރިއާގެ ސަލްސްބާގްގެ ކޯޗް، ޖެޒީ މާޝް ހަމަޖައްސަން އުޅޭ ކަމަށް މީީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެމެރިކާ އަށް ނިސްބަތްވާ ކޯޗު ގެންދަން، ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ފްރޭންކްފާޓުން ވެސް ހުށަހެޅި އެވެ. ނަމަވެސް އޭނާ ވަނީ އެ ދެ ހުށަހެޅުމަށް ވެސް ނޫނެކޭ ބުނެފަ އެވެ.
ލައިޕްޒިގްގެ މިހާރުގެ ކޯޗް، ހޫލިއަން ނާގެލްސްމަން މި ސީޒަނަށް ފަހު، ބަޔާން މިޔުނިކުގެ ކޯޗުކަމާ ހަވާލު ވާނެ އެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރެޑްބުލްގެ ވިސްނުން ހުރީ ލައިޕްޒިގްގެ ކޯޗަކަށް މާޝް
ހަމަޖައްސާށެވެ. އަދި ސަލްސްބާގްގައި އޭނާ އަދާކުރާ މާގަމަށް ޒުވާން ކޯޗް ހަމަޖައްސާ ގޮތަށް ރެޑުބުލްއިން ވިސްނުން ގެންގުޅެ އެވެ.
މާޝް ވަނީ، ލައިޕްޒިގްގެ ކުރީގެ ކޯޗް ރާލްފް ރަންގްނިކްގެ އެސިސްޓެންޓެއްގެ ގޮތުގައި އެ ޓީމުގައި މަސައްކަތް ކޮށްފަ އެވެ. ތިން އަހަރުގެ އެއްބަސްވުމުގެ ދަށުން ސަލްޒްބާގްގެ ކޯޗް ކަމާ އޭނާ ހަވާލުވީ 2019 ގަ އެވެ.
މާޝްގެ ކޯޗް ކަމުގެ ދަށުން، ސަލްސްބާގުން ވަނީ، އޮސްޓްރިއާގެ ލީގުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައިފަ އެވެ. އަދި މި އަހަރު ވެސް ލީގު ހޯދުމުގެ އެންމެ ތަނަވަސް ފުރުސަތެއް އޮތީ އެ ޓީމަށެވެ.
އެމެރިކާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި 2010 ވަނަ އަހަރު މަސައްކަތް ފެށި މާޝް އޭގެ ފަހުން މަސައްކަތް ކުރީ އެމެރިކާގެ މޭޖާ ލީގުގެ ކްލަބު ކެނަޑާގެ މޮންޓެރެއާލް އިމްޕެކްޓްގަ އެވެ. ރެޑްބުލްއާ އެކު އޭނާ އެންމެ ފުރަތަމަ މަސައްކަތް ފެށީ، މޭޖާ ލީގުގައި ނިއުޔޯކް ރެޑްބުލްސް ޓީމުންނެވެ.