29 އެޕްރީލް 2021 - 12:09

މިފްކޯ އަށް ކޮންޓްރޯލް ކޮށްގެން މަސް ގަންނަން ނިންމި މުއްދަތު އިތުރުކޮށްފި އެވެ.
އެ ކުންފުންޏަށް މަސް ކިރުވާ އަދަދު ކޮންޓްރޯލްކުރީ، ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، ބާރު ބޮޑުވުމުގެ ސަބަބުންނެވެ. މިހާރު ކަނޑައަޅާފައިވާ ލިމިޓުގެ ތެރެއިން ދޯންޏަކުން މިފްކޯ އަށް ގަންނާނީ ހަތަރު ޓަނުގެ މަހެވެ.
މިފްކޯ އިން ކުރިން ބުނެފައިވާގޮތުގައި ކޮންޓްރޯލް ކޮށްގެން މަސް ގަންނާނީ މިދިޔަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
ނަމަވެސް، މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ފަހުން ވިދާޅުވީ، ލިމިޓު ކަނޑައެޅުމާ ގުޅޭގޮތުން ގޮތެއް ނިންމާނީ އަދި ދެތިން ދުވަހަށް ބެލުމަށް ފަހު ކަމަށެވެ. މި ލިމިޓަކީ މަސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަނޑައެޅި ލިމިޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ނިންމީ މަސްވެރިންނާ މަޝްވަރާ ކުރުމަށް ފަހު ހަތަރު ވަރަކަށް ޓަނު ކިރަން. އެއީ ހުރިހާ ދޯންނަކަށް ވެސް ފުރުސަތު ދޭން ވެގެން. އަޅުގަނޑުމެން ބަލާނަން އަންނަ ހަފުތާގެ ތެރޭގައި އިތުރަށް މަސްވެރިން އަތުން މަސް ގަންނަން. އަދި ކޮންޓްރޯލް ދޫކުރަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ދެކުނުގެ މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން އެ ސަރަހައްދުގައި އުތުރުގެ މަސްދޯނިތައް ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ނަތީޖާއަކީ އެ ކުންފުނީގައި މަސް ގަނޑުކުރެވޭ ވަރަށް ވުރެ އިތުރަށް މަސް ލިބުމެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު މަސްވެރިކަން ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފަ އެވެ. މިދިޔަ އަހަރުގެ އޭޕްރިލް މަސް ނިމުނުއިރު މިފްކޯ އަށް 15،000 ޓަނުގެ މަސް ކިރާފައި އެވެ. މި އަހަރުގެ މިހާތަނަށް ވަނީ 22،666 ޓަނުގެ މަސް ކިރައިފަ އެވެ.