17 ނޮވެމްބަރ 2016 - 00:55

ޕޮލިސް ކްލަބް އަތުން ސީދާ ތިން ސެޓުން މޮޅުވެ އަލް މުދިޝް ގައުމީ އަންހެން ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން މޯލްޑިވިއަން ސްޕޯޓްސް އެންޑް ރިކްރިއޭޝަން މިރޭ ހޯދައިފި އެވެ.

މޯލްޑިވިއަން އަށް ޗެމްޕިއަންކަން ލިބުނީ އެ ޓީމާއި ޕޮލިސް އަދި ފުވައްމުލަކު މިސްކިތްމަގަށް ލިބުނު ޕޮއިންޓް އެއްވަރުވުމުން މެޗުތަކުގައި ހޯދި ފައިދާ ޕޮއިންޓުން ކުރި ލިބުމުންނެވެ.

ތިން ޓީމަށް ވެސް ނުވަ ޕޮއިންޓް ލިބިފައިވާއިރު މޯލްޑިވިއަން އަދި މިސްކިތްމަގަށް ވެސް ވަނީ ފައިދާ ހަ ސެޓު ލިބިފަ އެވެ. އެގޮތުން ވެސް ދެ ޓީމު ހަމަހަމަވުމުން ދެން ބެލީ މެޗުތަކުގައި ހޯދި ޕޮއިންޓަށެވެ. ފައިދާ ޕޮއިންޓަށް ބެލިއިރު މޯލްޑިވިއަން އަށް ކުރި ލިބުނީ ފައިދާ 55 ޕޮއިންޓުންނެވެ. މިސްކިތްމަގަށް ލިބިފައިވަނީ ފައިދާ 40 ޕޮއިންޓެވެ. ލީގުގެ ދެ ވަނަ މަގާމް މިސްކިތްމަގަށް ލިބުނު އިރު ޕޮލިސް ތިން ވަނަ އަށް ދިޔައީ އަނެއް ދެ ޓީމަށް ވުރެ ފައިދާ ސެޓު މަދުވުމުންނެވެ.

މިއަދު ހަވީރު ފިސްޑާ އަތުން މިސްކިތްމަގު މޮޅުވެފައިވާތީ ލީގު ކަށަވަރުކުރަން ޕޮލިހަށް އޮތީ މިރޭގެ މެޗުން ދެ ސެޓުން މޮޅުވާން މަޖުބޫރުވެފަ އެވެ. އެކަމަކު ލީގު ކަށަވަރުކުރަން ސީދާ ތިން ސެޓުން މޮޅުވާން މަޖުރޫބުވެފައި އޮތް މޯލްޑިވިއަން ވަނީ ހުރިހާ ގޮތަކުން ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ސެޓު އެ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ.
ދެ ވަނަ ސެޓު ފަށައިގެން ލީޑު ނެގީ ހައްވާ ރާޝިދާ އާއި އައިމިނަތު އަރީޝާ އަދި ފާތިމަތު ޖޫޒަން ފަދަ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ޕޮލިހުންނެވެ. އެކަމަކު ސެޓުގެ މެދަކާ ހަމަޔަށް ދިޔައިރު ދެ ޓީމު ވަރަށް ވާދަވެރިކޮށް ފެނުނުއިރު މޯލްޑިވިއަން އިން 23-23 އިން އެއްވަރުކުރި އެވެ. އޭގެ ފަހުން ޕޮލިހުން އަނެއްކާ ވެސް ލީޑު ނެގި ނަމަވެސް މޯލްޑިވިއަން ވަނީ 27-25 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ތިން ވަނަ ސެޓުގައި އަނެއްކާ ވެސް ޕޮލިހުން ލީޑު ނެގި އެވެ. މި ސެޓުގެ ކުރީކޮޅު މޯލްޑިވިއަން ފެނުނީ އާދައިގެ ކޮށެވެ. އެކަމަކު ސެޓު ކުރިއަށް ދިޔަ ވަރަކަށް އައިމިނަތު ޝައްފަ އާއި އައިޝަތު މާޖިދާ އަދި އެމެރިކާގެ ދެ ކުޅުންތެރިން ކުޅެމުން ދިޔަ މޯލްޑިވިއަން އިތުބާރު ހޯދި އެވެ. މޯލްޑިވިއަން އިން ތަފާތު ކުޑަކުރުމަށް ފަހު ލީޑު ނެގީ 24-21 އިންނެވެ. އަދި ޕޮލިހަށް އިތުރު ޕޮއިންޓެއް ނުދީ، ފުލުފުލުގައި ހޯދި ޕޮއިންޓްތަކާ އެކު 25-21 އިން ސެޓު ކާމިޔާބުކޮށް ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރި އެވެ.
މިރޭގެ މެޗުން މި ނަތީޖާ ނުވަތަ ޕޮލިސް ދެ ސެޓުން މޮޅުވުން ނޫން ނަތީޖާއެއް ނުކުތް ނަމަ ޗެމްޕިއަންކަން ލިބޭނީ ކުޅިބަލަން އޮތް މިސްކިތްމަގު ޓީމަށެވެ.
މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިހުގެ ހައްވަ އެވެ. ޑްރީމް ޓީމުގައި ހިމެނުނީ އޭނާގެ އިތުރުން ޕޮލިހުގެ ހައްވާ ސަހާ އާއި ޖޫޒަން އާއި މޯލްޑިވިއަންގެ ޝައްފަ އާއި މާޖިދާ އާއި ފިސްޑާގެ އައިމިނަތު ރާޝިދާ އަދި މިސްކިތްމަގު ޓީމުގެ ފާތިމަތު ނިޔާޒާ އެވެ.
މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ފިސްޑާގެ އައިމިނަތު ރިޔާޝާ ހޮވުނުއިރު އެ އުމުރުފުރާގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ އަރީޝާ އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ މިސްކިތްމަގު ޓީމުގެ ޕްރަތީބާ މާލީ އެވެ. ފެއާޕްލޭ ޓީމް އެވޯޑް މިސްކިތްމަގު ހޯދިއިރު އެއް ވަނަ ކޯޗަކީ މޯލްޑިވިއަންގެ މުހައްމަދު އިކްލީލެވެ.
ދެން ފަށާ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގައި ވާދަކުރާނީ މޯލްޑިވިއަން އާއި މިސްކިތްމަގާއި ޕޮލިސް އަދި ފިސްޑާ އެވެ. ފުރަތަމަ ސެމީގައި މޯލްޑިވިއަން އާއި މިސްކިތްމަގު ކުޅެ މޮޅުވާ ޓީމަކަށް ފައިނަލުން ޖާގަ ލިބޭއިރު ބަލިވާ ޓީމަކަށް ޖެހޭނީ ޕޮލިހާއި ފިސްޑާ ކުޅެ މޮޅުވާ ޓީމަކާ އެކު ތިން ވަނަ ސެމީގައި ކުޅޭށެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ އެ މެޗު ކާމިޔާބުކުރާ ޓީމަކަށެވެ.