29 އެޕްރީލް 2021 - 14:07

ހުވަދު އަތޮޅުން ބާނާ މަސްކޮޅު ހިފައިގެން ތ. އަތޮޅަށް ގޮސް އައިސް ހޯދައިގެން މަސް ކިިރަން ދާން ޖެހެނީ ލ. އަތޮޅަށެވެ. މިއީ މަސްވެރިންގެ ދުލުން މިއަދު އެކަނި އަޑުއިވޭ ވާހަކަ އެއް ނޫނެވެ. މަސްވެރިކަން ތިޔާގިވާ ކޮންމެ ފަހަރު މަސް ނުކިރިގެން މިވާހަކަތައް އެ މީހުން ދައްކަ އެވެ. މިއީ ބާ ވާހަކަތަކެއް ނަމަވެސް ހައްލެއް ނުލިބުނު ކަންކަމެވެ. ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އަނެއްކާ ވެސް ތިޔާގިވެ، މަސްކޮޅު ނުކިރި އުކައިލާ މޫސުން ކުރިމަތިވިއިރު މިއޮތީ އެ ވާހަކަ ދައްކަން ޖެހިފަ އެވެ. އެކަމަކު، ހައްލެއް ނުލިބޭ ވާހަކަ އެވެ.

ހުވަދު އަތޮޅުގައި މަސްވެރިކަން އެންމެ ރަނގަޅު ގއ. ގެމަނަފުށީ "މާކޮޅު" ދޯނީގެ މުހައްމަދު ނިޔާޒް ބުނީ، މަސްވެރިކަން ރަނގަޅުވާ ދުވަސްވަރަށް މިފްކޯ އިން ތައްޔާރުވެފައި ނެތް ކަމަށެވެ. ސަބަބަކީ ކޮންމެ އަހަރަކު ވެސް މަސްވެރިކަން ރަނގަޅުވާ ދުވަސްވަރުގައި އައިސް ނުލިބުމާއި މަސް ކިރުވުމުގެ އިންތިޒާމުތައް ދަށްވުން ކަމަށް އޭނާ ބުންޏެވެ. އެހެން ނޫނީ ކޫއްޑޫގެ ކެޕޭސިޓީގެ އިތުރަށް ބޯޓުފަހަރު ގެނެސްގެން މަސް ކިރުވަ އެވެ. މި ފަހަރު އެ މަންޒަރު ވެސް ނުފެންނަ ކަމަށް އޭނާ ބުންޏެވެ.

"އާންމުކޮށް ވެސް އިރުވައި މޫސުމުގައި މަސްވެރިކަން ރަނގަޅު ދުވަސްވަރެއް އާދޭ. އެކަމަކު މި ދުވަސްވަރަށް އެއްވެސް ވަރަކަށް މިފްކޯ އިން ތައްޔާރެއް ނޫން،" އޭނާ ބުންޏެވެ.
މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވިއިރު، އެ ކުންފުނިން މިހާރު ވަނީ ކޮންމެ ދޯންޏަކުން ހަތަރު ޓަނު ކިރުވޭ ގޮތަށް ބަދަލު ގެނެސްފަ އެވެ. ބޮޑެތި މަސް ދޯނިތަކުން އާންމު ގޮތެއްގައި ވެސް އެވްރެޖްކޮށް 10 ޓަނާއި 15 ޓަނުގެ މަސް ބާނަ އެވެ. މަސްވެރިކަން ތިޔާގިވާ ދުވަސްވަރުގެ އަދަދަކީ 20 ޓަނާއި 35 ޓަނެވެ. މި ގޮތަށް އެހާ ބޮޑަށް ކޮންޓްރޯލް ކުރުމުން މަސްވެރިކަން ރަނގަޅު ދުވަސްވަރުން މަސްވެރިންނަށް ލިބެނީ ގެއްލުން ކަމަށް ހުވަދު އަތޮޅުގެ އެހެން މަސްވެރިޔަކު ބުންޏެވެ.
މިފްކޯ އިން ބުނެފައިވާ ގޮތުގައި މަސް ކިރާވަރު ކޮންޓްރޯލް ކުރަން ޖެހުނީ ހާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެ، ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުން ހުވަދު އަތޮޅަށް މަސްވެރިކަން ކުރަން ދިއުމުގެ ސަބަބުން ކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލްއާ ހަމައަށް 15،000 ޓަނު މަސް ކިރާފައިވާ އިރު މި އަހަރުުގެ މިހާތަނަށް 22،000 ޓަނުގެ މަސް ކިރާފައިވެ އެވެ. ކޫއްޑޫގެ މަސް ކިރުމުގެ ކެޕޭސިޓީ އަކީ 2،000 ޓަނެވެ.
"މިހާރު ބާނާ މަސް ކިރުވެނީ އެއް ދުވަސް، ދެ ދުވަސް ފަހުން. މިހެންވީމާ މަހުގެ ކޮލިޓީ ހިފަހައްޓަން އައިސް ބޭނުންވޭ. އެކަމަކު ބޭނުންވާ ވަރަށް އައިސް ހޯދަން ވެސް ދާން ޖެހެނީ އެހެން އަތޮޅުތަކަށް،" އޭނާ ބުންޏެވެ.
ރާއްޖޭގައި ދުއްވާ ދޯނިފަހަރުގެ ސައިޒު ބޮޑުވެ، ކެޕޭސިޓީ ބޮޑުކޮށްފައިވާ އިރު ވެސް މަސް ކިރުވުމުގެ ކެޕޭސިޓީއަށް ބަދަލެއް ނާދެ އެވެ. ކޫއްޑޫ އާއި ފެލިވަރުން މަސް ކިރުވޭ ކެޕޭސިޓީއަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މަސް ކިރުވާ ވަރު ކޮންޓްރޯލް ކުރުމުން މަސް ބާނަން ދިއުމުން ދާ ހަރަދު މާބޮޑު ކަމަށް މަސްވެރިޔާ ހާލިދު ހުސައިން ބުންޏެވެ.
"ހަތަރު ޓަނު ކިރުވާފައި ލިބޭ ފައިސާ އިން މަސްވެރިންނަށް ބަހާނެ އެއްޗެއް ނޯންނާނެ. އެހެންވެ އަޅުގަނޑުމެން މިތިބީ މަހަށް ނުގޮސް ރަށުގައި،" އޭނާ ބުންޏެވެ.
އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސްވެރިކަން ތިޔާގިވާ ދުވަސްވަރު އަބަދުވެސް އެއް ވާހަކަތަކެއް ދައްކަން ޖެހުމެވެ. އެނާ ގަބޫލުކުރާ ގޮތުގައި ކުއްޑޫ ހިންގަން ތިބި މީހުންގެ އެއްވެސް ރޭވުންތެރިކަމެއް ނެތެވެ. އަދި ކެޕޭސިޓީ އިތުރު ކުރަން އަވަސް މަސައްކަތްތަކެއް ކުރަން ސަރުކާރުން ނޫޅުމަކީ ވެސް މައްސަލައެކެވެ.
ހުވަދު އަތޮޅު ސަރަހައްދުގައި މަސްވެރިކަން ރަނގަޅު އިރު އެ ސަރަހައްދުން އައިސް ހޯދަން ވެސް އެހާ އުނދަގޫ ކަމަށް "މީނާ" ދޯނީގެ މަސްވެރިޔާ އަބްދުﷲ ދީދީ ބުންޏެވެ.
އޭނާ ބުނިގޮތުގައި، މަސް ނުކިރުވޭއިރު، މަސް ތާޒާކޮށް ބެހެއްޓުމަށް ބޭންވާ އިންތިޒާމުތައް ވެސް ރޭވިފައެއް ނެތެވެ. ދެކުނުގެ ސަރަހައްދުގައި 500 ޓަނުގެ އައިސް އުފެއްދެ އެވެ. އެކަމަކު ވެސް މި ދުވަސްވަރު އެ ސަރަހައްދަށް މަސްވެރިކަން ކުރަން އެއްވެފައިވާ ދޯނިތައް ގިނަ ކަމުން މަސްވެރިންނަށް ބޭނުންވާ ވަރަކަށް އައިސް ވެސް ނުލިބެ އެވެ.
"މަހުގެ ކޮލިޓީ ހިފަހައްޓަން މަސްވެރިން މި ދާން ޖެހެނީ މާ ދުރު އަތޮޅުތަކަށް އައިސް ބަލާ،" އޭނާ ބުންޏެވެ.
ބޮޑެތި ބައެއް ދޯނި ފަހަރުގައި މިވަގުތު އައިސް އުފެއްދޭނެ ގޮތް ހަމަޖެހިފައި ހުރި ނަމަވެސް އަދިވެސް ގިނަ ދޯނިތަކުގައި މަސް ތާޒާކޮށް ބަހައްޓަނީ އައިސް ޕްލާންޓުތަކުން އައިސް ހޯދައިގެންނެވެ. މަސް ރަނގަޅު ކޮލިޓީގައި އައިސްއާ އެކު ވެސް ބެހެއްޓޭނީ ދެ ދުވަސް ވަންދެންނެވެ. އެ އަށް ފަހު މަހުގެ ފެންވަރަށް ބަދަލު އާދެ އެވެ.
މިފްކޯ އިން ކޫއްޑޫގައި ކިރުވާ މަސް ކޮންޓްރޯލް ކުރުމުން ބައެއް މަސްދޯނިތައް މަސް ކިރަން މިހާރު ދަނީ ލ. މާންދު އަށެވެ. ނަމަވެސް އެ ސަރަހައްދަށް ދެވެނީ އައިސް ލިބޭ މަސްދޯނިތަކަށް އެކަންޏެވެ. މިފްކޯއިން ވަނީ މަސް ކިރުމުގައި ގެންގުޅޭ ކޮންޓްރޯލަށް އަދި ބަދަލެގެނެވެން ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު، ކެޕޭސިޓީ އޮތް ވަރަކުން ވީހާ ވެސް ގިނަ ދޯންޏަކުން މަސް ކިރަމުން ދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ނަމަވެސް މަސްވެރިން ތިބީ ބޭނި މަސްކޮޅު ނުކިރި ގޮތް ހުސްވެފަ އެވެ.