އިންތިހާބުގެ މަސައްކަތާހެދި މާސެލޯއަށް ޗެލްސީ މެޗު ގެއްލިދާނެ
އިންތިހާބުގެ މަސައްކަތާހެދި މާސެލޯއަށް ޗެލްސީ މެޗު ގެއްލިދާނެ

މެޑްރިޑް (29 އޭޕްރީލް) - ސަރަހައްދީ އިންތިހާބުގެ މަސައްކަތްތަކުގައި ބައިވެރިވާން ޖެހޭތީ، ރެއާލް މެޑްރިޑުގެ ވައިސް ކެޕްޓަން މާސެލޯ ވިއޭރާ އަށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގުގެ މެޗު ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

އަންނަ އަންގާރަ ދުވަހު ބާއްވާ މެޑްރިޑްގެ އެސެމްބްލީ އިންތިހާބުގެ މޮނިޓަރެއްގެ ގޮތުގައި މާސެލޯ ވަނީ ހަމަޖައްސައިފަ އެވެ. ޖެހިގެން އަންނަ ދުވަހަކީ ޗެލްސީއާ ދެކޮޅަށް ލަންޑަންގައި ރެއާލް މެޑްރިޑް މެޗު ކުޅޭ ދުވަހެވެ. އިންތިހާބުގެ މަސައްކަތްތަކުގައި އުޅެން ޖެހިއްޖެނަމަ މާސެލޯއަށް ލަންޑަނަށް ދަތުރެއް ނުކުރެވޭނެ އެވެ.

އިންތިހާބީ މަސައްކަތުން މާސެލޯ ވީއްލުމުގެ ހުއްދަ ލިބޭތޯ އިންތިހާބީ އިދާރާއާ ގުޅިގެން ރެއާލް އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާސެލޯއަކީ 2011 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޕާސްޕޯޓް އޮންނަ ކުޅުންތެރިޔެކެވެ. އިނތިހާބުގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ކޮންމެ މީހަކަށް، އިންތިހާބުގެ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދިނުމުގެ އިހްތިޔާރު އިންތިހާބީ އިދާރާ އަށް ލިބިގެންވެ އެވެ.

ނޮވެމްބަރު 2019 ގައި ބޭއްވި އިންތިހާބުގައި، ލެވަންޓޭގެ ގޯލްކީޕަރު އައިޓޯ ފެނާންޑޭޒްގެ ނަން، އިންތިހާބު އޮފިޝަލުންގެ ރިޒާވް ލިސްޓްގައި ޖެހި އެވެ. އެހެން ނަމަވެސް ލަ ލީގާގައި ކުޅެން ހަމަޖެހިފައިވާ މެޗާ ފުށުއަރާތީ އެ މަސައްކަތުން އޭނާ ވީއްލައި ދިނެވެ.

އެތުލެޓިކް ކްލަބު ބިލްބާއޯގެ އިނާކީ ވިލިއަމްސް 2015 ވަނަ އަހަރު އިންތިހާބުގައި މަސައްކަތަށް ނެގި އެވެ. ނަމަވެސް ލެވަންޓޭއާ ދެކޮޅަށް ބިލްބާއޯ ކުޅެން އޮތް މެޗާ ފުށުއަރާތީ، އޭނާ ވެސް އެ މަސައްކަތުން ވީއްލައި ދިނެވެ.

ބެލެވޭ ގޮތުގައި މާސެލޯ އަށް ވެސް އެ ފުރުސަތު ދޭނެ އެވެ. މެޑްރިޑްގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި މާސެލޯ ވަނީ ފުލުކޮށް ކުޅެފަ އެވެ. އެއީ ފުރަތަމަ 11 ގައި އާންމުކޮށް ކުޅޭ ޑިފެންޑަރު ފާލެންޑް މެންޑީ އަނިޔާގައި ހުރުމުންނެވެ.