މަރުވާ މީހުންގެ ހަށިތައް އަންދާނެ ލަކުޑިއަށް ޖެހިއްޖެ
މަރުވާ މީހުންގެ ހަށިތައް އަންދާނެ ލަކުޑިއަށް ޖެހިއްޖެ

ނިއު ދިއްލީ (އެޕްރީލް 29) - އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު އިތުރުވެ ހަށިތައް އަންދާނެ ލަކުޑި ލިބުމުގައި ދަތިތަކާ ކުރިމަތިވެއްޖެ އެވެ.

މަރުވާ މީހުން އަންދާނެ ތަންތަން ނެތުމުން އެންމެ ފަހުން ޕާކުތައް ވެސް ވަނީ މީހުން އަންދާ ތަންތަނުގެ ގޮތުގައި ބޭނުންކުރަން ފަށައިފަ އެވެ.

މަރުވާ މީހުން އަންދާ ތަންތަނުން ބުނީ ކުރިން ގެންނަ މީހުންގެ އަދަދު މިހާރު އެތައް ގުނައެއް އިތުރުވެއްޖެ ކަމަށެވެ.

މީހުން އަންދަން ޒަމާނުންސުރެ ހަމަޖައްސާފައި ހުރި ގިނަ ތަންތަން ހުރީ މިހާ ގިނަ އަދަދެއްގެ މީހުން އެއްފަހަރާ އެންދޭ ގޮތަކަށް ވެސް ނޫނެވެ. މިދިޔަ ދެ ހަފުތާ ތެރޭ ވެރިރަށް ނިއު ދިއްލީން ގެންނަ ހަށިތައް ދެ ގުނަ އިތުރުވެފައިވާ ކަމަށްވެ އެވެ.

އާއިލާގެ މީހުން މަރުވުމުން އަންދަން ދާ މީހުން، އަންދަން ޖާގައެއް ލިބެންދެން ނުވަތަ އަންދާނެ ލަކުޑި ލިބެންދެން ކިއޫގައި އެތައް އިރަކު ތިބެންޖެހެ އެވެ.

ގީތާ ކޮލޮނީގެ މީހުން އަންދާ ތަނުން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަނުގައި މީހުން އަންދަން ކުރިއަށް އޮތް ދެ މަސް ދުވަހަށްވާ ވަރަށް ލަކުޑި ހުއްޓާ އެންމެ 10 ދުވަސް ތެރޭ އެ ހުސްވެފައިވާ ކަމަށެވެ.

ހޮސްޕިޓަލްތައް ފުރިގެން އެނދު ނުލިބޭ އިރު ވެރިރަށް ނިއު ދިއްލީގައި އެތައް ހާސް ބަޔަކު ވަނީ ފަރުވާގެ އިންތިޒާރުގައި ހޮސްޕިޓަލްތަކުގެ ބޭރުގައި ކިޔޫ ޖެހިފަ އެވެ. ޕްރިޔަންކާ މަންޑާލް، 30، ނަމަކަށް ކިޔާ މީހަކު މީގެ ހަފުތާއެއްހާ ދުވަސްކުރިން އޭނާގެ މަންމަ ބަލިވީއްސުރެ އޮކްސިޖަން ލިބޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.

"ބޮޑެތި ފަސް، ހަ ފިހާރައަށް ދެވިއްޖެ. އެއްވެސް ތަނަކުން ބޭހެއް ނުލިބޭ. ކިތަންމެ ވަގުތެއް ކިޔޫގައި ހުންނަން ޖެހުނަސް މަންމައަށް ޓަކައި އެކަން ކުރާނަން،" ޕްރިޔަންކާ ބުންޏެވެ.

ވެރިރަށް ދިއްލީގައި ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު 20،000 އިން މަތީގައި އުޅޭތާ ޖެހިޖެހިގެން ހަތަރު ދުވަސްވެއްޖެ އެވެ. ދިއްލީގައި މަރުވާ މީހުން އަދަދު ވެސް ކޮންމެ ދުވަހަކު އުޅެނީ 300 އިން މަތީގަ އެވެ. ވެރިރަށުގެ ޕޮޒިޓިވިޓީ ރޭޓަކީ މިހާރު 30.21 ޕަސެންޓެވެ. ދިއްލީގައި ދަނީ ކޮންމެ ހަތަރު މިނިޓަކުން މީހަކު މަރުވަމުންނެވެ.

އިންޑިއާ އިން އިއްޔެ ވަނީ 379,459 މީހުން ޕޮޒިޓިވްވެ 3،647 މީހުން މަރުވެފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 18.3 މިލިއަން މީހުން ޕޮޒިޓިވްވެ 204,812 މީހުން މަރުވެފަ އެވެ.