ކޮވިޑް: މިއަދުގެ ދެވަނަ މަރާ އެކު ޖުމްލަ އަދަދު 73 އަށް
ކޮވިޑް: މިއަދުގެ ދެވަނަ މަރާ އެކު ޖުމްލަ އަދަދު 73 އަށް

ކޮވިޑް-19ގައި ފަރުވާދެމުންދިޔަ އިތުރު މީހަކު މިރޭ މަރުވެއްޖެ އެވެ. މިއީ މިއަދު އެ ބަލީގައި މަރުވި ދެވަނަ މީހާ އެވެ.

ހެލްތު އިމަޖަންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި މިރޭ 8:44 ހާއިރު މަރުވީ އުމުރުން 50 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން އައި މީހެކެވެ.

މިއާ އެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 73 އަށް އަރައިފަ އެވެ.

މިއަދު މެންދުރެއް ހާއިރު ވެސް ކޮވިޑް ޖެހިގެން މީހަކު މަރުވި އެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި 85 އަހަރުގެ އަންހެނެކެވެ.

މިރޭ މަރުވީ ކޮވިޑް ޖެހިގެން ރާއްޖެ އިން މި މަހު މަރުވި ފަސް ވަނަ މީހާ އެވެ. އަދި މި އަހަރުގެ 26 ވަނަ މަރެވެ.