28 އެޕްރީލް 2021 - 22:49

ރާއްޖެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 464 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު ޕޮޒިޓިވްވި 464 މީހުންގެ ތެރެއިން 207 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އަދި ރަށްރަށުން 146 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން 14، ސަފާރީތަކުން ތިނެއް އަދި ސިނާއީ ރަށްރަށުން 93 މީހަކާއި ތަރައްގީ ކުރަމުން އަންނަ ރަށަކުން ވެސް މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއާ އެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 29،052 އަށް އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 24،575 އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 4396 ގަ އެވެ.
ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 122 މީހަކަށް ފަރުވާދެމުން އަންނައިރު 72 މީހަކު ވަނީ ކޮވިޑްގައި މަރުވެފަ އެވެ.