ޓްރާންސްޕޯޓުން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާދީ ގެއްލުމުގެ ބަދަލުދޭން ޓްރައިބިއުނަލުން އަމުރުކޮށްފި
ޓްރާންސްޕޯޓުން ވަކިކުރި ނުވަ މީހަކަށް އަލުން ވަޒީފާދީ ގެއްލުމުގެ ބަދަލުދޭން ޓްރައިބިއުނަލުން އަމުރުކޮށްފި

ޓްރާންސްޕޯޓް އޮތޯރިޓީގެ ވަޒީފާ އިން ވަކިިކުރާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު، މިދިޔަ އަހަރު ވަޒީފާއިން ވަކިކުރި ނުވަ މީހަކަށް އަލުން އަނބުރާ ވަޒީފާ އިޔާދަކޮށްދިނުމަށާއި ވަޒީފާ އިޔާދަކޮށްދޭ ދުވަހާ ހަމައަށް މުސާރައާ އިނާޔަތް ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ ޓްރާންސްޕޯޓް އޮތޯރިޓީގެ އެ މުވައްޒަފުން ވަކިކުރާނެ ކަމުގެ އިންޒާރު ފުރަތަމަ ދިނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އޭރު އެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިން ހާޒިރު ކުރި އެވެ.

ޓްރާންްސްޕޯޓުން ކުރިން ބުނި ގޮތުގައި ބައެއް މުވައްޒަފުންނަށް ނޯޓިސް ދިނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ ތަނެއް ހިމެނޭ ގޮތުން ނެގި ހާޒިރީ ރިޕޯޓަކަށް ބެލުމަށް ފަހުގަ އެވެ.

އެކަށީގެންވާ ސަަބަބެއް ނެތި ވަޒީފާ އިން ވަކިކުރި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ނުވަ މީހަކު ހުށަހެޅި މައްސަލައިގައި އެ މީހުން ތަމްސީލުކުރީ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން (ޕީއައިއެލްސީ) އިންނެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އިން މިއަދު މައްސަލަ ނިންމުން ބުނެފައި ވަނީ އެމީހުން ވަޒީފާއިން ވަކިކޮށްފައި ވަނީ މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމުން، އެމީހުން ކުރިން އަދާކުރަމުންދިޔަ ވަޒީފާ އަލުން އިޔާދަކޮށްދިނުމާއެކު، ވަޒީފާ އިޔާދަކޮށްދޭ ތާރީހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ވެސް ދޭން ޖެހޭނެ ކަމަށެވެ.

މުވައްޒަފުން ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބަކާ ލައިގެން އަދި ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން އޮންނަން ޖެހޭ ކަމަށެވެ. އެކަންކަން ގާއިމުނުކޮށް ވަޒީފާއިން ވަކިކުރުމަކީ ވެވޭ ބޭއިންސާފެއް ކަމަށް ޕީއައިއެލްސީން ބުނެފައިވެ އެވެ.

"މި ނިންމުމަކީ ވަޒީފާއިން ވަކިކުރުމާ ގުޅިގެން ވަޒީފާ އަދާކުރުމުގެ ހައްގުން މަހްރޫމްވެފައިވާ ފަރާތްތަކަށް އިންސާފު ލިބިގެންދިޔަ ނިންމުމެއްކަން އުފަލާއެކު ފާހަގަކުރަމެވެ،" ޕީއެލްއައިސީން ނެރުނު ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން 11 މީހަކު ވަޒީފާއިން ވަކިކުރި އެވެ. އެކަމަކު ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރުން ތަމްސީލުކުރީ އޭގެ ތެރެއިން ނުވަ މީހެކެވެ. އަނެއް ދެ މީހުން، މައްސަލަ ވެއްދީ އަމިއްލަ ގޮތުން ލޯޔަރުން ތަމްސީލުކޮށްގެނެވެ. އެކަމަކު އެމީހުންނާ އެއްކޮށް މައްސަލަ ނިމިފައެއް ނުވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން އެ މުވައްޒަފުން ވަކިކުރަން އުޅުނު މައްސަލައިގައި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ އޭރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސްް މުވައްޒަފަކަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.