28 އެޕްރީލް 2021 - 19:02

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މިމަހު 14ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުގައި، މީހުން ޓްރެފިކް ކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ 12 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ. އަދި އެ ގާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމަށް ބެލެވޭނެ ކަންކަން ވެސް ބަޔާންކޮށްފައިވެ އެވެ.
އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ރާއްޖެ އަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެ އެވެ. އަދި ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުމަކީ ވެސް ކުޑަކުދިން ޓްރެފިކްކުރުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ބަޔާން ކުރެ އެވެ.
ގާނޫނަށް ގެނައި އިސްލާހުގައި މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއް ކަމަށް ބަޔާންކުރެ އެވެ. އަދި ޓްރެފިކްކުރާ ފަރާތެއްގެ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލުކުރުމަކީ ވެސް ކުށެކެވެ.
އެ ގާނޫނު ބުނާ ގޮތުން އޭގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުންކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ އެވެ. އަދި އެކަން ކުރުމަށް އަމަލުކުރާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތަށެވެ.