ހިޔާނާތް ފަޅާއަރުވާލި ގާސިމް ކަރެކްޝަންސްއާ ހަވާލުކޮށްފި
ހިޔާނާތް ފަޅާއަރުވާލި ގާސިމް ކަރެކްޝަންސްއާ ހަވާލުކޮށްފި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައުލޫމާތުތަކެއް އާންމުކުރި މައްސަލާގައި އަށް މަހުގެ ޖަލު ހުކުމެއް އިއްވި ގާސިމް އަބްދުލްކަރީމް ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ގާސިމް ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރީ މެންދުރުފަހު އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ގާސިމް ކަރެކްޝަނަލް ސާވިސްގެ ބެލުމުގައި ދަށުގައި ހުރިކަން އެތަނުގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވި އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ 1.22 ބިލިއަން ރުފިޔާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ދައުރުކުރި ގޮތުގެ ބޭންކް ސްޓޭޓްމަންޓް އާންމުކުރި މައްސަލާގައި ބީއެމްއެލްގެ ކުރީގެ މުވައްޒަފު ގާސިމް އަށް މަހާއި 12 ދުވަހަށް ޖަލަށްލާން އިއްޔެ ހުކުމް ކުރިއިރު އޭނާ ބަންދުގައި ހުންނަތާ އަށް މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެހެންވެ އޭނާ ވަގުތުން ދޫކޮށްލަން އޭނާގެ ވަކީލް ވަނީ ކަރެކްޝަންސްގައި އެދިފަ އެވެ.

އެހެންވެ ގާސިމް މިނިވަން ނުކުރަނީ ކީއްވެތޯ ސުވާލު ކުރުމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުއްދަތު އަންގައިދިނުމަށް އެދި ސިޓީއަކުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ ސިޓީގެ ޖަވާބު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދި ސިޓީއެއް ނުލިބޭ. ލިޔުމަކުން އޮންނާނީ އެދިފައި، ޖަވާބު ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގޮތެއް ނިންމާނަން،" ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ގާސިމް މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް ހަތަރު މަހެއްހާ ދުވަސް ފުލުހުން ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ގޭ ބަންދަށް ބަދަލުކުރީ މިދިޔަ ޖުލައި މަހު އެވެ. ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހޭތީ ގާސިމްގެ ވަކީލް ވިދާޅުވެފައިވަނީ ގާސިމްގެ ހުކުމުގެ މުއްދަތު މިހާރު ހަމަވެފައިވާ ކަމަށާއި އޭނާ ވަގުތުން ދޫކޮށްލަން ޖެހޭ ކަމަށެވެ.

ގާސިމަށް އުފުލި ދެ ދައުވާ ސާބިތުވެގެން އޭނާގެ މައްޗަށް އެ ހުކުމް އައިއިރު އެ މައްސަލާގައި އޭނާއާ ދޭތެރޭ އަމަލުކުރި ގޮތުން އިންޓަނޭޝަނަލް އެންޓި ކޮރަޕްޝަން އެވޯޑަށް އޭނާ ވަނީ ނޮމިނޭޓްވެފަ އެވެ.