ނުދެވުނު ހިތް
ނުދެވުނު ހިތް

ހޯމަ ދުވަހާ ގުޅޭ

ޝާޔަންގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. ޝާޔަން ހިނިތުންވެލިއެވެ. އަރީޝް ވެސް ބަލައިލީ ފޯނުގެ އިސްކުރީނަށެވެ.

"ހަލޯ ބޭބީ،" ޝާޔަން ތުއި އަޑަކުން ބުނެލިއެވެ. "މަންމަ އިރުކޮޅަކުން އެބަދަން. މާމައާއެކު ފެންވަރައިލާ އިނގޭ. އޯކޭ ލަވްޔޫ ދޫނީ."

މޭޒުމަތީގައި ޝާޔަން ފޯނު ބާއްވާލަމުން ހިނިތުންވެލިއެވެ. ސީދާ އަރީޝްގެ މޫނަށް ބަލައިލަމުންނެވެ. އަރީޝް ސުވާލުގެ ނަޒަރުން ޝާޔަންގެ މޫނަށް ބަލައިލިއެވެ.

"އަރުޝަމް. އަހަރުމެންގެ ސިއްކަ. ކުލާސް ކުއްޖެއްގެ ޕާޓީއަކަށްދާން، ނުގޮސްގެން." ޝާޔަން ބުނެލިއެވެ.
އަރީޝަށް ކަމެއް ހަނދާންވުމުން ދަބަސް ނަގައި އުނގުމަތީގައި ބާއްވާލިއެވެ. ދަބަހުގެ ޒިބު ކަހައިލަމުން ނޫކުލައިގެ ޕާރުސަލެއް ނަގައި ޝާޔަންއަށް ދިއްކޮށްލިއެވެ.

"މި؟" ޝާޔަން ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ އަރީޝަށެވެ.

"އަރޫއަށް އޮތް ގިފްޓެއް." އަރީޝް ހިނިތުންވެލިއެވެ.

"އަނެއްކާ އެއްކަލަ ހަކުރުތައް. ޗޮކުލެޓް ދޯ. ކުދިންނަށް މާގިނައިން ހަރުލީ ކާނާދެވޭތީއޭ އެ ކުދިން ހަލަބޮލިވެ ހިފިނުހުރެގެން މިއުޅެނީ. އަރީ ވެސް ކޮންމެ ފަހަރަކު ހަމަ ޗޮކުލެޓާއި ފާޑުފާޑުގެ ހަކުރުލީ ކާނާ. އަދިވެސް ކުރިން ދުވަހު ދިން އެއްޗެހި ވެސް ހުސްނުވޭ."

ޝާޔަންގެ މޫނަށް ބަލަން އަރީޝް އިނީއެވެ. ފާޑަކަށް ހެވިފައެވެ. އެއީ އޭނާގެ މިޒާޖެވެ. އޭނާގެ ގޮތެވެ. ބަސްމަދުވެފައި ކޮންމެހެން ބުނާން ޖެހޭ އެއްޗެއް ނޫނީ އަރީޝް ނުބުނާނެއެވެ. ޝާޔަންގެ ޝަކުވާއަކަށް ވާ އެއް އަނެއްކަމަކީ އެއީއެވެ. ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް އަރީޝް އިސްކަން ނުދޭތީއެވެ.

"ކިހިނެއްވީ މިހާރު ތިބަލަނީ؟ އަޅެ މަ މިބުނަނީ ދޮގެއްތަ؟" ޝާޔަން ލަދުގަންނަ ގޮތްވިއެވެ.

"މިފަހަރު ތީ ޗޮކުލެޓެއް ނޫން." އަރީޝް ޕާރުސަލް ދިއްކޮށްލައިގެން އިނދެ ބުނެލިއެވެ.

"ދެން." ޝާޔަން ޕާރުސަލުގައި ހިފިއެވެ.

"ޕީއެސްއެއް." އަރީޝް ހިނިތުންވެލިއެވެ.

"ގޯހެއް ނޫން. ހަކުރަށްވުރެ ބޮޑު ކަމެއްތި. ބެލެނިވެރިން ލޯބިން ކުދިންނަށް ހޯދައިދޭ ތި ޒާތުގެ އެއްޗެހިން މިއަދުގެ ޖީލު މިވަނީ ހަލާކުވާން ފަށައިފަ،" ޝާޔަން ފުންނޭވާއެއް ދޫކޮށްލިއެވެ. "ކުއްޖާ ރުއްސަންވެގެން ކޮޓަރީގައި ބައިންދަންވެގެން ކޮންމެ މީހަކު ވެސް ގަނެދެނީ ކޮންމެ ވެސް ސްކުރީނެއް. ނޫނީ ކޮންމެ ވެސް އިލެކްޓްރޯނިކް އެއްޗެއް. ވިސްނައިނުލާ އެއަށް ކުއްޖާ ދެވިހިފާ ކަމެއް. ކޮންޓްރޯނު ނުކުރެވިއްޖެ ނަމަ އެއީ އަދި މާ ގޯސްކަމެއް. ކުދިންގެ ވިސްނުމާއި ފިކުރު ހަލާކުކޮށްލާ އެއްޗެއް. އެނގޭނެ ސްކުރީން ޑިޕެންޑެންސީ ޑިސްއޯޑަރއޭ ކިޔާ އެންމެ ގިނައިން ވާހަކަދައްކާ ބަޔަކީ އަހަރުމެން. އެކަމަކު ދެން މަށަށް މި ޖެހުނީ އެ ދާއިރާއާ ވެސް ދުރަށްދާން. އަރީޝްގެ މޮޅުކަމަކީ ވެސް އެ."

"މާނައަކީ؟" އަރީޝަށް ބުނެލެވުނެވެ.

"ސްކުރީން ޑިޕެންޑެންސީ ޑިސްއޯޑަރ، މިއީ ވެސް މިހާރު އާއްމުވަމުން އަންނަ ބައްޔެކޭ. ކުދިންނަށް ސްކުރީނުލީ ވަސީލަތްތައް ދީ ބަލައި ނުލައި ބޭއްތިއްބީމަ އެއަށް ދެވި ހިފާ ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ކުއްޖާ ވައްޓައިލާ ކަމެކޭ." ޝާޔަން ބުނެދިނެވެ.

"ސަލާމަތެއް ނެތެއްނު." އަރީޝް ލަސްލަހުން ބުނެލިއެވެ.

"އާނ! މައްސަލައަކީ އަހަރުމެންނަށް އިހުމާލުވެވޭތީ. މި ބުނީ ބެލެނިވެރިންގެ ފަރާތުން ކުދިންނަށް ދޭންވީ ސަމާލުކަން ނުދެވޭތީއޭ."

ޝާޔަންގެ ވާހަކަ މެދު ކަނޑައިލީ އަނެއްކާ ވެސް ފޯނު ވައިބުރޭޓްވާން ފެށުމުންނެވެ. އޭނާ ބަލައިލީ ސީދާ އަރީޝްގެ މޫނަށެވެ. ފޯނުގެ ސްކުރީނު އަރީޝަށް ދައްކާލިއެވެ.

އަރީޝްގެ މޭ ތެޅިގަތެވެ. އޭނާގެ ހިތުގެ ވިންދު އަވަސްވިއެވެ. ބުނަން ނޭނގޭ ކަހަލަ ތުރުތުރެއް މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ދުވެގަތެވެ. ކޮންމެވެސް ވަރަކަށް މީހާ ދާހިއްލާ ގޮތްވިއެވެ. ދެތިން ފަހަރަކު ނޭފަތުގެ ކުރި ފޮހެލެވުނެވެ.

"އާނ! ކޮބާ؟ ވަދޭ އެތެރެއަށް. ސެކަންޑު ފްލޯގަ މި ތިބީ." ޝާޔަން ފޯނުން ވާހަކަދެއްކިއެވެ.

އަރީޝަށް ބަލަން އިނދެވުނީއެވެ. ޝާޔަންގެ މޫނަށެވެ. އެ ހިނިތުންވުމަށެވެ.

"އެބަ އާދޭ،" ޝާޔަން ފޯނު ބާއްވަމުން ބުނެލިއެވެ. "ކީއްވެތަ އެހާ ވަރަކަށް މިއަދު ތި ބަލަނީ؟ ވަރަށް ދަހި ގޮތަކަށް ތި ބަލަނީ."

އަރީޝް ހިނިތުންވެލިއެވެ. އޭނާ ލޮލަށް ގޮތެއް ހަދައިލަމުން އަނެއްކާ ވެސް ބަލައިލީ ސީދާ ޝާޔަންގެ މޫނަށެވެ. އެ ފުން ދެ ލޮލަށެވެ.

"ހަމަ އަހަންނަށް ފުރުސަތެއް ނެތްތަ؟" އަރީޝަށް އަހައިލެވުނެވެ.

ޝާޔަން ގާތަށް ހިނިއަންނަ ގޮތްވިއެވެ.

"ޖަވާބު ވަރަށް ސާފެއްނު. އަހަރުމެން ވަކިވީ އެހެން މީހުން ގޮތަކަށް ނޫނެއްނު. ވަކިވީ ރީތިގޮތުގައެއްނު." ޝާޔަން ބުނެލިއެވެ.

"އެކަމަކު ވެސް؟" އަރީޝް ހިތުހައި ކުރު ގެޅެމުންދިޔަ ޚިޔާލުތައް ބޭރުކޮށްލަން ބޭނުންވިއެވެ.

"އާނ. އަހަރެން ވަރަށް ލޯބިވިން އަރީޝްދެކެ. އަރީޝް ވެސް އަހަންނަށް އެދޭކަން އެނގޭ. އެކަމަކު އަހަރުމެންނަކަށް ދެމަފިރިން ގޮތުގައި ނޫޅެވުނެއްނު. އަހަރުމެން ކިހާ މަސައްކަތެއް ކުރިން ކާވެނީގެ ގޮށް މޮހޮނަ ނުދީ ބާރުކުރާން. އަހަރުމެން ކިހާ ހިތްވަރެއް ކުރީން. ޚުދު އަހަރެން ކިޔާ ގުރުބާނެއްވީން. ޝަކުވާ ނުކޮށް މައްސަލަ ނުޖައްސާ އުޅެވޭތޯ. އެކަމަކު އެކަމެއް ނުވިއެއްނު."

"އެކަމަކު ވެސް." އަރީޝް ދެވަނަ ފުރުސަތަކަށް ބޭނުންވެގެން ތެޅިގަތް ކަހަލައެވެ.

"އަހަރުމެންނަށް އުޅެވޭނީ ހަމަ ރަހުމަތްތެރިން ގޮތުގަ. މައްސަލައަކީ އަހަރުމެން ހިނގި ފާލަން ބަދަލުކުރެވުން. ދެމީހުން ވެސް މި ގުޅުމުގެ ބިންގާ އެޅީ ރަހުމަތްތެރިކަމުގެ ފާލަންމަތީގަ. އަރީޝް ބޭނުންވެގެން އެ ފާލަން ދޫކޮށްފަ އެހެން ފާލަމަކަށް އެރީ. އަހަރެން ވެސް ހީކުރީ ވަރަށް ރަނގަޅަށް ކަންކަން ކުރިއަށް ދާނޭ. އެކަމަކު އަރީޝަކަށް އަހަންނަކަށް ވަގުތެއް ނުދެވޭ. ދިރިއުޅުމަށް ވުރެ އޮފީހުގެ ޒިންމާތައް މާ މުހިއްމު. ގޭގައި އަބަދު ބާކީވެފަ އިންނަން އަހަންނަށް ފަސޭހައެއް ނޫން. އަހަރެންގެ އުފާތަކުގެ މަކާނަށް ސޯފާ ވާހަކަށް އަހަރެން ނަފުސު ގަބޫލެއް ނުކުރޭ."

"އަހަރެން ގަބޫލުކުރަން. އަހަރެން ބަދަލުވާނަން. ބަދަލުކުރާނަން." އަރީޝް ހިތްވަރުކޮށްފައި ބުނެލިއެވެ.

"އަރީޝަކީ ކާކުކަން އެންމެ ރަނގަޅަށް އެނގޭނީ އަހަންނަށް. އަރީޝަށް ވާނެ ކަންކަމާއި ކުރާން އުނދަގޫ ކަންކަން ވެސް. ދެން މިކަމާ ނޫޅެމާދޯ. އަހަންނަށް އަހަރެންގެ ހަޔާތުގެ ސަފުހާ ތަކުގައި ކުލަ ޖެއްސުމުގެ ބާރުދީ. ޕްލީޒް. މިހާރު އެއްފަހަރު އަރީޝް ބޭނުންވެގެން އަރީޝްގެ އެދުމަށް އަހަރެންގެ ކުލަފޮށްޓާއި ފިހިގަނޑު އަރީޝަށް ދީފިން. އަރީޝް ބޭނުންވެގެން އެ ސަފުހާތަކުގައި ކުލަ ޖައްސާދެވިއްޖެ. އެކަމަކު އެ މަންޒަރު ރީއްޗެއް ނުވި. ހިތްގައިމެއް ނުވި. ވީހާ ވެސް ކަމަކީ ސަހަރާއެއްގައި މަލެއް ފޮޅުން. އެ މަލަށް ދޭނެ ފެނެއް ކާނާއެއް އެ ސަހަރާއަކުން ނުފެނުނު."

"އޯކޭ. ވީ ކެން ބީ ބެސްޓް ފްރެއިންޑްސް ފޯ އެވަރ." އަރީޝް ހިތްވަރުކޮށްފައި ބުނެލިއެވެ.

ޝާޔަންގެ ލޮލުގައި އަޅައިގަތީ މައިދޮރުން އެތެރެއަށް ވަން އަފުނާނެވެ. އެހެންވެ އޭނާ ހިނިތުންވެލިއެވެ. މަޑުމަޑުން ކޮޅަށް ތެދުވެ އަތުން އިޝާރާތްކޮށްލިއެވެ. އަފުނާނު ވެސް އަތުން އިޝާރާތްކޮށްލަމުން ޝާޔަންއާ ދިމާއަށް ހިނގައިގަތެވެ. ޝާޔަންގެ އައިނު ލޮލަށް ހެޔޮކޮށްލިއެވެ.

"މިއީ ފާތިމަތު އަފުނާނު، ނާނު،" އަރީޝަށް އަފުނާނު ތައާރަފުކޮށް ދިނީ ޝާޔަންއެވެ. "މިއީ މުހައްމަދު އަރީޝް، އަރީ."

ދެމީހުން ދެމީހުންނަށް ތައާރަފުކޮށް ދިނުމަށްފަހު ގޮނޑިއަށް އިޝާރަތްކޮށްލީ ވެސް ޝާޔަންއެވެ. އެމީހުން އިށީންނަން ދެން ދެ މީހުންނަށް ބަލަން ޝާޔަން ހުއްޓެވެ. އަފުނާނު އިނީ ކުޑަކޮށް ރަކިވާގޮތް ވެފައެވެ.

"އަރޫގެ ޕާޓީގެ ގަޑި ޖެހެނީ. ދަނީ އިނގޭ ނާނު." ޝާޔަންގެ ހަރަކާތްތައް އަވަސްވިއެވެ.

އަރީޝް ދިން ޕާރުސަލް ނަގައި އަތްދަބަހަށް ކޮށްޕާލިއެވެ. އަތްދަބަސް ކޮނޑުގައި އެލުވާލިއެވެ. އަރީޝް އިނީ ޝާޔަންގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާ އުޅުނު ގޮތުން އަރީޝަށް ކަމެއް ޔަގީންވި ކަހަލައެވެ.

"ދަނީ، ގުޑްލަކް ދެ ކުދިންނަށް ވެސް." ޝާޔަން މޭޒުކައިރިއަށް ހުއްޓިލަމުން ބޮޑު ހިނިތުންވުމެއް މޫނުގައި ކުރަހާލިއެވެ.

އަރީޝާއި އަފުނާނު ކޮޅަށް ތެދުވިއެވެ. އަރީޝަށް ބަލައިލެވުނީ ސީދާ ޝާޔަން ފުން ދެ ލޮލަށެވެ. އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފެނުމުން އަރީޝަށް ހިންދިރުވާލެވުނެވެ. އަރީޝްގެ ހިތުގައި ޖެހުނެވެ. އޭނާ ނުވިސްނަން ހުއްޓަސް ވިސްނަން މަޖުބޫރުކުރުވިއެވެ. އޭނާއަށް ޓަކައި ޝާޔަންވީ ގުރުބާނާ މެދުގައެވެ.

ދިރިއުޅުމުގެ ކުޅިފަސް ހޯދަން ކުރި ހިތްވަރާ މެދުގައެވެ. ކާވެނީގެ ގޮށުގައި ކަތުރުފަނި އެޅިޔަ ނުދީ އެކަން ދެމެހެއްޓޭތޯއެވެ. ނަމަވެސް، އެކަން ވީ ނާކާމިޔާބެވެ.

އޭރު އަރީޝަށް ނުވިސްނުނީއެވެ. ޝާޔަން ދެއްކި ވާހަކަތަކުގެ މަތުލަބަކީ ކޮބައިކަން ނޭނގުނީއެވެ. އޭރު އަރީޝަށް އެކަން ތަރުޖަމާ ކުރެވުނީ ޝަކުވާގެ ސިފައިގައެވެ. ބޭކާރު ހާސަރުގެ ގޮތުގައެވެ. ހަގީގަތަކީ އެއެއް ނޫންކަން މިއަދު ޝާޔަން އެ ސާބިތުކޮށްދެނީއެވެ. އަރީޝަށް ޓަކައި އޭނާ ކޮންމެ ފަދަ ގުރުބާނެއް ވެސް ވެދާނެ ކަން އޭނާ އެ ދައްކާދެނީއެވެ. އަރީޝްގެ ދިރިއުޅުމުން ނުކުމެ އޭނާ ދިޔުމަށްފަހު ވެސް އަރީޝްގެ ހުރިހާ ކަމެއް ގާތުން ބެލުމަށް ފަހު މިއަދު އޭނާ އެ ދަނީއެވެ. އަރީޝަށް ހިނގަންވީ މަގު ވެސް ދައްކާދީފައެވެ. ހުންގާނު ސީދާކޮށްދީފައެވެ. އަރީޝްދެކެ ލޯބިވާ އަރީޝް ބޭނުންވާ ކަހަލަ ބައިވެރިއަކާ ބައްދަލު ކުރުވާފައެވެ. ދެން އޮތީ އަރީޝްގެ ހިތްވަރެވެ. ޝާޔަން ހޯދައިދިން ލޯބީގެ ހަދިޔާ ބަލައިގަންނާނީތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ސީދާ އަރީޝެވެ.

ޝާޔަން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އަރީޝާއި އަފުނާނަށް ފަސްދެމުންނެވެ. ލޮލަށް ގިނަވި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުންނެވެ. މައި ދޮރާހަމަ ގޮސް ޝާޔަން ބަލައިލިއެވެ. އައިނުގައި ހިފައިލަމުން ހިނިތުންވެލިއެވެ. ނަމަވެސް އޭރު ހަމަ ރަނގަޅަށް ވެސް އޭނާ ފެންކަޅިވެއްޖެއެވެ. ލޮލަށް ގިނަވި ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ. އެކަން އަރީޝަށް ނުދައްކާން އޭނާ މަސައްކަތްކުރިއެވެ. ބޮޑު ހިނިތުންވުމަކުން އޭނާ އަލްވަދާއު ކިޔެވެ.

އަރީޝްގެ ހިތުގެ އުދާސްތައް ބޮކިބޮކި ޖަހައި ކެކިގަތެވެ. އޭނާ ހިތްކުދިކުދިވާން ފެށިކަހަލައެވެ. ހިތުގެ ދެފަރާތުގައި ކޮށި ކީހެއް ކާއްތައިލައި ދެފަޅި ކޮށްލިކަހަލަ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ލޮލަށް ގިނަވި ކަރުނަތައް އޮހުނަ ނުދޭން އޭނާ މަސައްކަތް ކުރިއެވެ.

"އެބަ އަންނަން ރެސްޓް ރޫމަށް ވަދެލައިފަ." އަރީޝް ގަދަކަމުން ހިނިތުންވެލަމުން އަފުނާނު ގާތުބުނެލިއެވެ.
އަފުނާނު ހިނިތުންވެލިއެވެ.

އަރީޝް ފާހާނާއަށް ވަދެ ފާރުގައި ދެއަތުން ތަޅައިގަތެވެ. އިސްގަނޑު ތެރެއަށް އިނގިލިތައް މަހައިލަމުން ދަމައިލިއެވެ. އިނގިލިތަކަށް ވާންކޮށްލެވުނެވެ. އޭނާއަށް އިހުސާސް ކުރެވުނީ މީހަކު އޭނާގެ އުފާތައް ފޭރިގަތްކަމެވެ. ނޭވާ ހޮޅިއަށް ބަރު އެއްޗެއް އަޅައިލާ ހާސްކޮށްލާ ކަމުގެ އިހުސާސެވެ. އަރީޝް އަމިއްލައަށް ގައިގެ އެތަން މިތަނުގައި ތެޅުނެވެ. ތަރުތީބުކޮށްލެވިފައިވާ އިސްތަށިގަނޑު ހާވާލެވުނެވެ. ބެގީ ނައްޓައިލެވުނެވެ. ދެއަތުން މޭމަތީގައި ހިފައިލެވުނެވެ. އެއާކު ގަމީހުގެ ގޮށްތައް ބުރައިގެން ދިޔައެވެ. އޭނާ ދެތިން ފަހަރަކު ފާރުގައި ޖަހައިލިއެވެ.

ކުއްލިއަކަށް މީހަކު ފާހާނާގެ ތަޅުގައި ހިފައިލިއެވެ. އަރީޝަށް ހަމަހޭވެރިވެވުނީ އެހައި ހިސާބުންނެވެ. އޭނާ ދޮރު ހުޅުވާލުމަށް ފަހު ބޭރަށް ނުކުތެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ދިޔައެވެ. އަފުނާނަށް އަރީޝް ފެނުނެވެ. އޭނާއަށް ކޮޅަށް ތެދުވެވުނެވެ. ދެ ލޯ ބޮޑުކޮށްލަމުންނެވެ. އަރީޝް ހުރި ގޮތް ފެނިފައި އޭނާ ހާސްވާ ގޮތްވިއެވެ. ތަރުތީބޮކޮށްލެވިފައި ހުރި އިސްތަށިގަނޑަށް އާ ބަދަލަށެވެ. ވަޒަންހަމަ ރޫތައް ގެއްލުމުންނެވެ. ގަމީހުގެ ގޮށްތައް ގެއްލުމުންނެވެ. އަފުނާނަށް ބަލަން ހުރެވުނީއެވެ. އަރީޝަށް އައި ކުއްލި ބަދަލުގެ ސަބަބުންނެވެ.

އަރީޝް އައިގޮތަށް ގޮނޑިއަށް ވެއްޓިގަތެވެ. އޭނާ އިނީ ފާޑަކަށް ގަބުއަރާފައެވެ. ބުނާން ނޭނގޭ ކަހަލަ ގޮތަކަށް ބޭގަރާރުވެފައެވެ.

"އަފުނާނު، އަހަންނަށް މައާފުކުރާތި. އައި އޭމް ވެރީ ސޮރީ. އަހަންނަށް މިކަމެއް ބަރުދާސްތެއް ނުކުރެވޭނެ. ލޯތްބެއް ގުރުބާނެއް ނުކުރެވޭނެ. އަހަރެން ބަދަލުވާނަން، ބަދަލުކުރާނަން. އަހަންނަށް ލޯބިވެވުނީ ޝާޔަންދެކެ. އެކަން މިއަދު ވިސްނިއްޖެ. އަހަރެންގެ ހިތެއް އިތުރު މީހަކަށް ނުދެވޭނެ. ވެރީ ސޮރީ އަފޫ..."

(ނިމުނީ)