28 އެޕްރީލް 2021 - 13:49

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގެ އާބާދީގެ 58.7 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފި އެވެ.
ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހިމެނޭ ގޮތަށް ރާއްޖޭގެ އާބާދީ އުޅެނީ ފަސް ލައްކައިގަ އެވެ. ކޮވިޑް ވެކްސިންގެ ޓްރަޔަލްތަކުގައި ކުޑަކުދިން، ބައިވެރިކޮށްފައި ނުވާތީ އެ ކުދިންނަށް ވެކްސިން ޖެހުމުގެ ހުއްދައެއް ނޯވެ އެވެ.
މިހެންވެ މުޅި އާބާދީ އަށް ވެކްސިން ދެވޭކަށް ނޯވެ އެވެ. ރާއްޖެއިން މި ވަގުތު ޖުމްލަ ވެކްސިން ޖެހި މީހުންގެ އަދަދު 382078 އަށް އަރަ އެވެ. އޭގެ ތެރޭގައި ދެވަނަ ޑޯޒް ޖެހި 88،649 މީހަކު ހިމެނެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް، 293،429 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެ އެވެ. މުޅި އާބާދީގެ ނިސްބަތުން އެއީ 58.7 ޕަސެންޓް މީހުންނެވެ.
ރާއްޖެއަށް ގާތްގަނޑަކަށް 627،850 ޑޯޒް ވެކްސިން ލިބިފައިވެ އެވެ. އޭގެ ތެރޭގައި ކޮވިޝީލްޑް ވެކްސިންގެ ހަތަރު ލައްކައަށް ވުރެ ގިނަ ޑޯޒް އާއި ސައިނަފޯމްގެ ދެ ލައްކައަށް ވުރެ ގިނަ ޑޯޒް އަދި ފައިޒާގެ 5850 ޑޯޒް ވެކްސިން ހިމެނެ އެވެ.
ކޮވޑް-19 އިން އަރައިގަތުމަށް އާބާދީގެ 98 ޕަސެންޓް މީހުންނަށް ވެކްސިން ދޭން ޖެހޭނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ވިދާޅުވެ އެވެ. ދިވެހިންނެކޭ އެއްގޮތަށް ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ވެކްސިން ދެނީ ހިލޭ އެވެ.
ފެބްރުއަރީ މަހު ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމު ފަށާފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މުޅި އާބާދީއަށް ހަ މަސް ދުވަހުގެ ތެރޭގައި ވެކްސިން ޖަހައި ނިމެނޭނެ ކަމަށް ވިދާޅުވެފަ އެވެ.