28 އެޕްރީލް 2021 - 13:55

ނިއު ދިއްލީ (އެޕްރީލް 28) - ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ކޮންމެ ހަތަރު މިނިޓުން މީހަކު މަރުވަމުންދާ ކަމަށް ޑޭޓާތަކުން ދައްކައިފި އެވެ.
ނިއު ދިއްލީގެ ހޮސްޕިޓަލްތައް ފުރި، އިތުރު މީހުން އެޑްމިޓް ކުރާނެ ޖާގަ ނެތް އިރު އޮކްސިޖަން ނުލިބި ވެސް އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. ބައެއް ހޮސްޕިޓަލްތަކުން އެއް އެނދު ތިން މީހުން ޝެއާ ކުރާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އިންޑިއާ އިން މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ ދެލައްކަ ފަހަނަޅައި ގޮސްފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 3,285 މީހުން މަރުވެފަ އެވެ. އެއް ދުވަސްތެރޭ އިންޑިއާ އިން މިހާ ގިނަ އަދަދެއްގެ މީހުން މަރުވެފައެއް ނުވެ އެވެ. އިންޑިއާ އިން މިހާތަނަށް 18 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު 24 ގަޑިއިރު ތެރޭ ވަނީ 362,902 މީހުންނަށް ބަލިޖެހިފަ އެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި އެއް ދުވަސްތެރޭ މިހާ ގިނަ އަދަދެއްގެ މީހުން އަދި މިހާތަނަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ. މި މަހު އެކަނި ވެސް އިންޑިއާ އިން ވަނީ ހަ މިލިއަން މީހުން ޕޮޒިޓިވްވެފަ އެވެ.
އިންޑިއާގައި ކުއްލިއަކަށް ކޭސްތައް އިތުރުވެފައި ވަނީ އާ ވޭރިއަންޓްތަކާއި ދީނީ އަދި ސިޔާސީ އެއްވުންތަކަށް ޖާގަ ދިނުމުގެ ސަބަބުންނެވެ.
އިންޑިއާގައި މިހާތަނަށް ވަނީ 150 މިލިއަން މީހުންނަށް ކޮވިޑް ވެކްސިން ދީފަ އެވެ. އަންނަ ހޮނިހިރު ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދޭން ވަނީ ނިންމައިފަ އެވެ. އެކަމަކު ވަރަށް ގިނަ ސްޓޭޓްތަކުން ވަނީ ވެކްސިންގެ ސްޓޮކް ނެތް ކަމަށް ބުނެފަ އެވެ.