28 އެޕްރީލް 2021 - 12:58

ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން، ސިމްބޮލިކް ރިކޯޑުގެ ލަވަކިޔުންތެރިޔާ އަހުމަދު އާދިލް (އެޑިލް) ހޯދަން އޭނާގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.
ފުވައްމުލަކު، ދިގުވާޑު، ގެރަދޫގެ، އަހުމަދު އާދިލް 26، ހޯދަން ފޮޓޯ އާންމުކޮށްފައި ވަނީ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައެއްގަ އެވެ. އެ މައްސަލަ ބަލަމުން އަންނަނީ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުންނެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 9792803 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ފުލުހުން އެދެ އެވެ.
އެޑިލް އަކީ ސިމްބޮލިކް ރެކޯޑްސް އިން ފުލުހުންގެ ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓް ގުޅިގެން ނެރުނު ވީޑިއޯ ލަވަ "އުދުހިފާ" ގެ ފަންނާނެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރުމާއި އެހެން ކުށްތަކާ ޒުވާނުން ދުރުކުމަށް ހޭލުންތެރިކުރުވާ ލަވައެކެވެ.
އެޑިލް ހޯދަން ފުލުހުން އާންމުކުރިއިރު، މި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި ސިމްބޮލިކްގެ މަޝްހޫރު ރެޕާ، އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ފުލުހުން ވަނީ ބޮޑެތި ދައުވާތަކެއް އުފުލައިފަ އެވެ.