މާފު ލިބުމަށް ފަހު އަލިބެ ޓީޓީގެ ފުރަތަމަ މުބާރާތަށް
މާފު ލިބުމަށް ފަހު އަލިބެ ޓީޓީގެ ފުރަތަމަ މުބާރާތަށް

ޓީޓީ އެސޯސިއޭޝަނުން ރާވާ ހިންގާ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް އަދި އެސޯސިއޭޝަންގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރެވޭނެ ގޮތަށް، މިދިޔަ އަހަރު ސަސްޕެންޑް ކުރި ކުރީގެ އެއްވަނަ ކުޅުންތެރިޔާ އަލީ އާދަމް މަނިކު (ތަޅާފިލި އަލިބެ) އަށް މާފު ލިބުމަށް ފަހު ފުރަތަމަ ފަހަރަށް މުބާރާތްތަކުގައި ކުޅެން ފަށައިފި އެވެ.

އަލިބެ މާފަށް އެދެން، އެސޯސިއޭޝަނުން އެންގީ ސެޕްޓެންބަރު މަހު ބޭއްވި، ޓީޓީގެ އިންތިހާބު ފަސް ކުރުމަށް، ސިވިލް ކޯޓަށް ދިޔަ މައްސަލައިގަ އެވެ. އެކަމާ ގުޅިގެން މާފަށް ނޭދެނީސް އަލިބެ ސަސްޕެންޑް ކުރުމަށް އިންތިހާބަށް ފަހު އެސޯސިއޭޝަނުން ނިންމި އެވެ.

އަލިބެ މާފަށް އެދެން ޖެހޭ ކަމަށް ފާހަގަ ކޮށްފައިވާ ތިން މައްސަލައަކީ؛ އިންތިހާބާ ގުޅިގެން ކޯޓަށް ދިއުން، ޓީޓީ އެސޯސިއޭޝަންގެ އަގު ވެއްޓޭ ގޮތަށް ވާހަކަ ދެއްކުން އަދި ޒުވާން ކުޅުންތެރިންގެ ހިތްވަރު އެލޭ ގޮތަށް ވާހަކަ ދައްކާފައިވާ މައްސަލަ އެވެ.

އަލިބެ، ކުރިން ވިދާޅުވެފައި ވަނީ އޭނާ ސަސްޕެންޑް ކުރިކަން އެންގީ އެސްއެމްއެސް އަކުން ކަމަށެވެ. މާފަށް އެދުމުގެ ގޮތުން ފޮނުއްވި ސިޓީގައި އަލިބެ ލިޔުއްވާފައި ވަނީ، މާފަށް އެދެންވީ ކޮން ސަބަބުތަކާ ގުޅިގެންތޯ ސާފު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެކަން ސާފު ނުވި ނަމަވެސް އަލިބެ ވަނީ މާފަށް އެދޭކަން ހާމަކޮށް ޑިސެމްބަރު މަހު ޓީޓީއޭއެމްއަށް ސިޓީއެއް ފޮނުވައިފަ އެވެ.

"ތިޔަ އެސޯސިއޭޝަންގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އެސޯސިއޭޝަންގެ ވަސީލަތްތައް ބޭނުން ކުރުމަށް އަޅުގަނޑަށް މިއަދު އޮތް ހަމައެކަނި މަގަކީ އެސޯސިއޭޝަނުން އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އަޅުގަނޑު މާފަށް އެދުން ކަމަށް ވާތީ ތިޔަ އެސޯސިއޭޝަންގެ ކިބައިން މާފަށް އެދިއްޖެއީމެވެ." ގައުމީ ޓީމަށް މެދުނުކެނޑި 21 އަހަރު ކުޅުނު އަލިބެ ސިޓީގައިވެ އެވެ.

ޓީޓީ އެސޯސިއޭޝަންގެ ޖެނަރަލް ސެކެޓްރީ އިސްމާއީލް ސުޖާއު ވިދާޅުވީ، އަލިބެ ސިޓީ ފޮނުއްވި ހިސާބުން މާފަށް އެދެވުނީ ކަމަށާއި ޓީޓީއޭއެމްގެ އެކްސްކޯ އިން އެ ސިޓީ އާ މެދު ވަކި ގޮތެއް ނިންމަން ނުޖެހޭނެ ކަމަށެވެ.

އަލިބެ ވިދާޅުވީ ސިޓީ ފޮނުވިތާ 15 މިނެޓް ތެރޭ އޭނާ ގޮސް ޓީޓީ ހޯލްގައި ކުޅެން ފެށި ކަމަށެވެ. އަދި އޭގެ ފަހުން ގަވައިދުން ޓީޓީ ޕްރެކްޓިސްތައް މުނިއުފާ ޔޫތު ސެންޓަރުގައި ހުންނަ ޓީޓީ ހޯލްގައި ކުރިއަށް ގެންދަވާ ކަމަށް ވިދާޅުވި އެވެ.

"މިއީ އޭގެ ފަހުން ކުޅެލަން ލިބުނު ފުރަތަމަ މުބާރާތް،" މިހާރު ކުރިއަށްދާ ރަމްޟާން ޓީޓީ ކަޕަށް އިޝާރާތް ކޮށް، ގައުމީ ޗެމްޕިއަންކަން 10 އަހަރު ހޯދި އަލިބެ ވިދާޅުވި އެވެ.

ޓީޓީގެ އިޖުތިމާއީ މުބާރާތެއްގެ ގޮތުގައި ކޮންމެ ރަމްޟާން މަހެއްގައި ބާއްވާ މުބާރާތް، މީގެ ކުރިން ބާއްވާނީ ދުންތަރި މަނިކު މެމޯރިއަލް މުބާރާތުގެ ނަމުގަ އެވެ. މުބާރާތުގެ ހުރިހާ ހަރަދުތަކެއް ކުރަނީ ކުރީގެ ޗެމްޕިއަން މަރުހޫމް ދުންތަރި އިބްރާހިމް މަނިކުގެ އާއިލާއިންނެވެ. ސުޖާއު ވިދާޅުވީ މި ވަގުތު ހާލަތު ހުރި ގޮތުން ދުންތަރި މަނިކުގެ އާއިލާއިން މިފަހަރު އެ އިންތިޒާމު ހަމަޖައްސަވައި ދެވެން ނެތްކަމަށް އަންގާފައިވާ ކަމަށެވެ.

ޓީމު އިވެންޓަށް އެކަނި ހާއްސަކޮށްފައިވާ މުބާރާތުގައި ކޮންމެ އަހަރަކު ވެސް އަލިބެ ކުޅުއްވަ އެވެ. ކޮވިޑް-19 ގެ ލޮކްޑައުންއާ ގުޅިގެން މިދިޔަ އަހަރު އެ މުބާރާތް ބާއްވައިފައެއް ނުވެ އެވެ.