28 އެޕްރީލް 2021 - 13:55

އިންޑިއާގެ ކޮވިޑްގެ ހާލަތުގެ ސަބަބުން ރާއްޖެ އަށް އަންނަ ޓޫރިސްޓުން މި މަހު މަދުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ.
މައުސޫމު ވިދާޅުވީ، މި ވަގުތު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ 23 ޕަސެންޓް ހިއްސާވާ ގައުމުގެ ކޮވިޑްގެ ހާލަތު ގޯސްވުމުން އެކަމުގެ އަސަރު ޓޫރިސްޓް އެރައިވަލް އިން ފެންނާނެ ކަމަށެވެ.
"އިންޑިއާގެ ހާލަތުގެ ސަބަބުން މި ޓޫރިސްޓުންގެ އަދަދު ދަށްވަނީ. ކުރިން އުންމީދު ކުރިން މި މަހު ވެސް އެއް ލައްކަ ޓޫރިސްޓުން އަންނާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން މީހުން ދިރިއުޅޭ ރަށްތަކުގައި ހުންނަ ގެސްޓްހައުސްތަކަށް އެ ގައުމުގެ ޓޫރިސްޓުންނަށް ނާދެވޭނެ ގޮތަށް ރާއްޖެއިން ވަނީ ފިޔަވަޅު އަޅައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ ތިން މަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ވެސް 800 ޓޫރިސްޓުން އިންޑިއާއިން އަންނަ ކަމަށެވެ. އެހެން ނަމަވެސް މި މަހު އިންޑިއާ އިން އާއި ޓޫރިސްޓުންގެ އެވްރެޖް ވަނީ 600 އަށް ވެއްޓިފަ އެވެ. އެހެންކަމުން މިދިޔަ ތިން މަހަށް ވުރެ ގާތްގަނޑަކަށް 6،000 ޓޫރިސްޓުން
މި މަހު މަދުވާނެ އެވެ.
މައުސޫމު ވިދާޅުވީ، މި މަހު ޓޫރިސްޓުން އަންނަ ވަރު މަދުވި ނަމަވެސް އަންނަ މަހު އަނެއްކާ ވެސް ޓޫރިސްޓުން އަންނަ ވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ ޔޫރަޕްގެ ގައުމުތަކުން ކޮވިޑްގެ ލުއިތައް ދީ ދަތުރުކުރުން އިތުރުވުމެވެ. އަންނަ މަހު ރާއްޖެ އަށް ޕޯޗުގަލް އިން ވެސް ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވެ އެވެ.
މި އަހަރުގެ މިހާތަނަށް 370،000 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު އެއް މިލިއަން ޓޫރިސްޓުން ގެނައުމެވެ.