ދަރުމަވަންތަ ސުކޫކުން އިތުރު 1.5 ބިލިއަން ރުފިޔާ ހޯދައިފި
ދަރުމަވަންތަ ސުކޫކުން އިތުރު 1.5 ބިލިއަން ރުފިޔާ ހޯދައިފި

ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން ވިއްކި ސުކޫކުން އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ހޯދައިފި އެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ބުނި ގޮތުގައި ރާއްޖޭން ވިއްކި ސުކޫކުން އިތުރު 1.5 ބިލިއަން ރުފިޔާ ހޯދާފައިވަނީ ވެސް ކުރީގެ ޕްރޮފިޓް ޕަސެންޓް ކަމަށްވާ 10.5 ޕަސެންޓުގަ އެވެ. މިއީ ވަރަށް ބޮޑު ރޭޓެކެވެ.

މިކަމާ ބެހޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އަލަށް އިޝޫކުރި ބޮންޑު އަދަދާ އެކު ޖުމްލަ 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ވަނީ ސުކޫކު ވިއްކައިގެން ސަރުކާރަށް ލިބިފަ އެވެ. މިއީ ފަސް އަހަރު ފަހުން އިންޓަރެސްޓާ އެކު ސަރުކާރުން އަނބުރާ ދައްކަންޖެހޭނެ ފައިސާ އެވެ. އަނބުރާ ދައްކާއިރު ގާތްގަނޑަކަށް 387 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) ދައްކަން ޖެހޭނެ އެވެ.

މިމަހުގެ ކުރީ ކޮޅު ސުކޫކު ވިއްކައިގެން ލިބުނު ފައިސާ ހޭދަކުރީ ކުރީ ސަރުކާރުން ނަގާފައިވާ 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ލޯނު ދައްކަން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރިން ވިދާޅުވެފައިވެ އެވެ.

ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އޯވަޑްރާފްޓް ފެސިލިޓީގެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކޮށްފަ އެވެ. ސުކޫކުން ލިބުނު 191 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ހޭދަކުރީ ދައުލަތުގެ ދަރަނި ދެއްކުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން އިމާރާތްކޮށްފައިވާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ބޭނުންކޮށްފައިވަނީ ސުކޫކު ވިއްކަން އިޝޫކުރާ އަދަދުގެ 51 ޕަސެންޓްގެ އަގު ހުރި މުދަލެއް [ގެ ހުށަހަޅަން ޖެހޭތީ އެވެ. މޯގޭޖް ކުރުން ފަދަ ގޮތަކަށް ޕްރޮޕަޓީ ބޭނުންކުރި ނަމަވެސް މިއީ ކޮންވެންޝަނަލް އުސޫލުތަކުގައި އޮންނަ ގޮތަށް ކުރާ ކަމެއް ނޫނެވެ. ސުކޫކް އިޝޫކުރާއިރު ދެ ފަރާތުގެ ހިއްސާ އޮންނަ ގޮތަށް އެސްޕީވީ [ކުންފުންޏެއް] އުފައްދައި އެ އެސްޕީވީގެ ނަމުގައި، ސްކޫކް ސެކިއުކުރެވޭ ވަރުގެ ޕްރޮޕަޓީ ހުންނަން ޖެހެ އެވެ. މި ކުންފުނީގެ ވިޔަފާރި ފަށާނީ ސްކޫކް އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އެ ފައިސާ ހޯދުމަށެވެ. އާންމު މޯގޭޖް އުސޫލުގައި އޮންނަ ގޮތަށް، ދަރަނި ނުދެއްކުމުން މޯޖޭގް ވިއްކައެއް ނުލާނެ އެވެ.

ސަރުކާރުގައި ހުރި މުދަލުގެ ތެރެއިން އެސްޕީވީގެ މުދަލަކަށް ހަދަން އެކަށީގެންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ އަހަރު ބުނެފައިވެ އެވެ.