އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް
އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ކުންފުނިތަކުން ހާއްސަ މެސެޖުތަކާ އެކު ވީޑިއޯތައް ނެރެ އެވެ. މިއަހަރު ކުންފުނިތަކުން ނެރުނު ވީޑިއޯތަކަށް ވެސް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފަ އެވެ. އުރީދޫގެ ވީޑިއޯ ވެސް ގިނަ ބައެއްގެ ޝައުގުވެރިކަން ވަނީ ހޯދައިފަ އެވެ.

އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް
އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް

އުރީދޫ އިން ނެރުނު މި ވީޑިއޯގައި ދައްކަނީ ދިވެހިންގެ ސަގާފަތާއި ތަރިކައިގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށްފައިވާ ހިޔާލީ ވާހަކައެކެވެ. ތަރިކައިގެ މުހިންމުކަމާ ގުޅުވައިގެން މި ހިޔާލީ ވާހަކަ ބިނާކުރުމަށް ހިތްވަރު ލިބިފައިވަނީ ދާދި ފަހުން ރާއްޖޭގެ ރަށްތަކަކުން އާސާރީ ތަކެތި ފެނިފައިވުމާ ގުޅިގެންކަމަށް އެ ކުންފުނިން ބުންޏެވެ.

އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް
އުރީދޫގެ ރޯދަ ވީޑިއޯ އިން ތަރިކައިގެ ތަފާތު ވާހަކައެއް

މި ވީޑިއޯ ފަށަނީ މަންމައަކާއި އޭނާގެ ދަރިފުޅު ރޯދަ ވީއްލަން ތިއްބޭ މަންޒަރުންނެވެ. މަންމަ އޭނާގެ ދަރިފުޅު ކައިރީގައި އަވަށްޓެރިއަކަށް ރޯދަ ވީއްލާ ތަކެތި ގެންގޮސްދޭން ބުނުމުން އެ ކުއްޖާ އެކަން ނުކުރަން ބަހަނާ ދައްކަ އެވެ. އެއަށް ފަހު އޭނާގެ މަންމަ ބުނެގެން ފްރިޖުމަތިން ކޮތަޅެއް ނަގަނިކޮށް އޭނާގެ މާމަ ގެންގުޅުނު ފާނޫޒެއް ވެއްޓެ އެވެ. އޭނާގެ މަންމަ، އެއީ ފޭރޭ މީހުން އެ ރަށަށް އައިއިރު ގެންގުޅުނު އެއްޗެއް ކަމަށާއި އެއީ ފްލޯކު ވާހަކައެއް ކަމަށް ބުނެ އެވެ.

ދެން ފެންނަނީ އެ ކުއްޖާ ފާނޫޒު ހިފައިގެން ގޮސް އެ ރޫޅާއިރު އޭގެ ތެރެއިން ޗާޓަކާއި ސިޓީއެއް ފެންނަ މަންޒަރެވެ. މި ސިޓީ ލިޔެފައިވަނީ ދިވެސް އަކުރުން ކަމަށްވުމުން އޭނާ އެ ސިޓީ ދިވެހި ބަހަށް ތަރުޖަމާ ކުރެ އެވެ. އެ ސިޓީގައި ލިޔެފައި ވަނީ ޗާޓާ ގުޅުންހުރި ކުރީގެ ވާހަކަތަކެކެވެ. މި ވާހަކަތައް ވެސް ދައްކަނީ ކަންހިނގައިދިޔަ ގޮތް މަންޒަރުތަކުން ފެންނަ ގޮތަށެވެ. އެއަށްފަހު އޭނާގެ މަންމައަށް އެ ސިޓީ ފެނުމުން ދެ މީހުން ވެގެން އެ ޗާޓުގައި ބުނާ ތަނަށް ގޮސް އެ ތަނުގައި ވަލުލާފައި ހުރި ތަކެތި ނަގަ އެވެ.
މި ވީޑިއޯ ނިމެނީ އެ ކުއްޖާއަށް ތަރިކައިގެ މުހިންމުކަން އެނގި ދިވެހިންގެ ސަގާފަތުގެ ތެރޭގައި އޮންނަ އޯގާތެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމުގެ ގޮތުން އަވަށްޓެރިއަކަށް ރޯދަ ވީއްލާ ތަކެތި ގެންގޮސްދޭ މަންޒަރުންނެވެ.

އުރީދޫގެ ބްރޭންޑް އެންޑް މާކޮމްސް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވި ގޮތުގައި މި ވީޑިއޯއިން މުޖުތަމައަށް އަދި ހާއްސަކޮށް ބޮޑުވަމުން އަންނަ ޖީލަށް ދޭން ބޭނުންވި މެސެޖަކީ ތަރިކައިގެ އަގުވަޒަންކުރުމާއި އެ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މުހިއްމުކަމެވެ. އަދި މުދަލުގެ އިތުރަށް ކާބަފައިން ދީނާއި ގައުމަށްޓަކައި ވެފައިވާ ގުރުބާނީ އާއި ރީތި އާދަކާދަ އާއި ރީތި މިސާލުތަކަކީވެސް ދަމަހައްޓައި އަދި ދިރުވާ އާލާކުރުމަށް މަސައްކުރަންޖޭހޭ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ތަރިކަ އަކީ ކޮންމެ ގައުމެއްގެ ވެސް އެ ބައެއްގެ އައިޑެންޓިޓީ. މިއަދާ ހަމައަށް ފެންނަން ހުންނަ ކާބަފައިންގެ އާދަޔާ ހިލާފު މަސައްކަތްތަކާއި ގައުމަށްޓަކައި ވެފައިވައިވާ ގުރުބާނީ. އަޅުގަނޑުމެން މި ވީޑިއޯ އިން ދައްކުވައިދޭން ބޭނުންވީ ތަރިކައިގެ އަގުވަޒަން ކުރުމާއި އަދި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަ ކަމާއި އޯގާތެރިކަން ފަދަ އާދަކާދަތައް ދިރުވުމަކީ މުހިންމުކަމެއްކަން،" ނޫރާ ވިދާޅުވި އެވެ.

އުރީދޫ އަކީ އަބަދަވެސް ތަފާތު ޕްރޮޑަކްޓުތަކާއި ވީޑިއޯތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދޭ ކުންފުންޏެއްގެ ގޮތުގައި ފާހަގަވެ އެވެ. އެގޮތުން، މިއަހަރު އެކުންފުނިން ނެރުނު އަހަރީ ކަލަންޑަރަކީ ވެސް މިހާތަނަށް ރާއްޖޭން ފެނުނު އެންމެ ތަފާތު އެއް ކަލަންޑަރެވެ. ރާއްޖޭގެ ތާރީހީ އެކި ވާހަކަތަކުގެ މަންޒަރުތައް "އޭއާރު" ފީޗާ ހިމަނައިގެން ނެރުނު ކަލަންޑަރު ވެސް ހާއްސަ ކޮށްފައިވަނީ ރާއްޖޭގެ ސަގާފަތުގެ ތެރެއިން ތަފާތު ވާހަކަތަކަށެވެ. އެހެންކަމުން ވީޑިއޯ ހެދުމުގައި އުރީދޫ ކަލަންޑަރާއި ރާއްޖޭގެ ތަރިކައާއި އޮތް ގުޅުވުމަށް ވެސް ވަރަށް ބޮޑަށް ބަލައިފައި ވާނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

މި ވީޑިއޯ އިން ދިން މެސެޖުގެ އިތުރުން ވީޑިއޯއިން ދައްކުވައިދިން ރީތި މަންޒަރުތައް ވެސް ހިތްގައިމެވެ. މި ވީޑިއޯގެ ހުރިހާ މަންޒަރުތަކެއް ވެސް ކުޅެފައިވަނީ މާލެ ސަރަހައްދުގަ އެވެ. ކުރީ ޒަމާނުގެ ރަށެއް ގޮތަށް ދައްކުވައިދީފައިވަނީ ވިލިމާލޭގައި ނަގާފައި ހުރި މަންޒަރުތަކެކެވެ. މި ވީޑިއޯގެ ހުރިހާ މަންޒަރެއް ނެގީ އުރީދޫއާ އެކު މަސައްކަތް ކުރަމުން އަންނަ ޕަބްލިސިޓީ ބިއުރޯގެ އެހީއާ އެކު، ރެޑްލިޓް މީޑިއާގެ ސިނޮމޮޓޮގްރަފަރު އަހުމަދު ޝިނާނެވެ.

ޕަބްލިސިޓީ ބިއުރޯގެ ޗީފް އޮޕްރޭޓިން އޮފިސަރު މުހައްމަދު އަލްސަން "މިހާރު" އަށް ވިދާޅުވީ ވީޑިއޯ ހެދުމުގެ ކުރިން ހެރިޓެޖް މިނިސްޓްރީގެ ތާރީހު ދިރާސާކުރާ ދެ ބޭފުޅެއްގެ ހިޔާލު ހޯދާފައިވާ ކަމަށާއި، ވީޑިއޯ ހަދާފައިވަނީ އޭގެ ތެރެއިން އެއް ހިޔާލަށް ކަމަށެވެ. އަދި މި ވީޑިއޯގައި ބޭނުންކޮށްފައި ތާރީހީ ބައެއް ތަކެއްޗަކީ "ލޮސްޓް ސުވެނިއާ"ގެ އެހީގައި ލިބުނު ތަކެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަލްސަން ވިދާޅުވި ގޮތުގައި ވީޑިއޯގައި ފެންނަ ތަށިތަކަކީ އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ތައްޔާރު ކުރި އެއްޗިއްސެވެ. މި ތަށިތައް ޑިޒައިންކޮށްފައިވަނީ އެންމެ ކުރީ ޒަމާނުގައި ބޭނުންކުރި ތަށިތައް ހުންނަ ގޮތަށެވެ.

މީގެ އިތުރުން މި ވީޑީއޯގައި ކުޑަ ކުއްޖާއަށް ފެންނަ ދިވެސް އަކުރުން ލިޔެފައިވާ ސިޓީ އަކީ ވެސް އަސްލު ދިވެސް އަކުރުން ލިޔެފައި އޮތް ސިޓީއެއް ކަމަށް އަލްސަން ވިދާޅުވި އެވެ. މި ސިޓީ ލިޔުމަށް ވެސް ހެރިޓޭޖް މިނިސްޓްރީގެ އެހީ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ. ވީޑިއޯގައި މި ސިޓީއަށް އަޑު އަޅާފައިވަނީ ވެސް އެ މިނިސްޓްރީގެ ތާރީހު ދިރާސާ ކުރާ ނާޖިހު ދީދީ އެވެ.

އުރީދޫގެ މި ވީޑިއޯއަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފަ އެވެ. މިހާތަނަށް ފޭސްބުކްގައި މި ވީޑިއޯ އަށް 362،000 ވިއުސް ވަނީ ލިބިފަ އެވެ.