ސާރާ އާއި އަނަންޔާއާ އަޅާކިޔުމަކީ މައްސަލައެއް ނޫން: އަލާޔާ
ސާރާ އާއި އަނަންޔާއާ އަޅާކިޔުމަކީ މައްސަލައެއް ނޫން: އަލާޔާ

މިހާރު ބޮލީވުޑްގައި ވިދަމުން އަންނަ ބަތަލާއިން ކަމަށްވާ ސާރާ އަލީ ޚާނާއި އަނަންޔާ ޕާންޑޭއާ އަޅާކިޔުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށާއި އެ ތަރިންނަކީ މިހާރު ކާމިޔާބު ބައެއް ކަމަށް ބުނެ ޒުވާން ބަތަލާ އަލާޔާ ފަރްނީޗަރުވާލާ ތައުރީފުކޮށްފި އެވެ.

ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ ދަރިފުޅު އަލާޔާ، 23، ބޮލީވުޑަށް ނުކުތީ ސާރާގެ ބައްޕަ ސައިފް އަލީ ޚާނާ އެކު މިދިޔަ އަހަރު ކުޅުނު ފިލްމު "ޖަވާނި ޖާނެމަން" އިންނެވެ. އެ ފިލްމުން އޭނާ އަށް މި އަހަރު ބޭއްވި 66 ވަނަ ފިލްމުފެއާ އެވޯޑްސްގެ އެންމެ މޮޅު އާ ބަތަލާގެ އެވޯޑް ވެސް ލިބިފައިވެ އެވެ.

އެންމެ ފިލްމަކުން އަދި ފެނުނަސް ސާރާ އާއި އަނަންޔާ ފަދަ އަރަމުން އަންނަ އުންމީދީ ބަތަލާއިންނާ އަޅާކިޔާތީ އެކަމާ ބެހޭ ގޮތުން އީޓީގައި ވާހަކަ ދައްކަމުން އަލާޔާ ބުނީ އެކަމާ އޭނާ އުފާވާ ކަމަށެވެ.

ސާރާ އަކީ 2018 ގެ "ކާދަރުނާތު" އިން ތައާރަފުވި ބަތަލާއެކެވެ. އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ބޮލީވުޑަށް ނުކުތީ 2019 ގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. ދެ ތަރިން އޭގެ ފަހުން ވެސް ފިލްމުތަކެއް ކުޅެފައިވާ އިރު، މިހާރު ވެސް އަތުގައި އުންމީދީ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ.

"އެ ދެ ތަރިންނަކީ ވެސް އެ މީހުންގެ ގޮތުގައި ވަރަށް ޔުނީކް އަދި އެހާމެ ހުނަރުވެރި ދެ ބަތަލާއިން. މިހާތަނަށް އެ މީހުން ކޮށްފައި މަސައްކަތްތައް ވެސް ވަރަށް ކާމިޔާބު،" ދާދި ފަހުން ބައޮގްރަފީ ނެރުނު އެކްޓަރު ކަބީރް ބޭދީގެ ކާފަދަރިފުޅު ބުންޏެވެ. "އަހަންނަކީ އަބަދު ވެސް ފާޑުކިޔުންތައް ޕޮޒިޓިވްކޮށް ނަގާނެ މީހެއް. އެހެންވީމަ ސާރާ އާއި އަނަންޔާއާ އަޅާކިިޔުމަކީ އެއްވެސް މައްސަލައެއް ނޫން. އަހަރެމެން ކޮންމެ މީހަކު ވެސް ބަލަނީ އެ މީހެއްގެ އަމިއްލަ މަސައްކަތަށް ފޯކަސްކުރެވޭތޯ. އެއީ އެންމެ މުހިއްމި ކަމަކީ."

"ޖަވާނި ޖާނެމަން" ގެ ފަހުން އަލާޔާ އެއްވެސް ފިލްމަކަށް ރަސްމީކޮށް ސޮއިކުރި ކަމެއް ކަށަވަރެއް ނުވެ އެވެ. އެކަމަކު "ސްޓޫޑަންޓް އޮފް ދި އިޔާ 3" ގެ އިތުރުން ޑައިރެކްޓަރު އަނޫރާގް ކެޝަޕްގެ ފިލްމެއް އޭނާ އަށް ހުށަހަޅާފައިވާ ކަމަށް އަޑުއަރާފައިވެ އެވެ.

މިދިޔަ މަހު އަލާޔާގެ ވީޑިއޯ ލަވައެއް ވެސް ނެރެފައިވެ އެވެ. "އާޗް ސަޖޭޔާ" ގެ ނަން ދީފައިވާ ލަވަ އަކީ "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ޑައިރެކްޓަރު ޕުނީތު މަލްއުތުރާ ޑައިރެކްޓްކުރި ލަވައެކެވެ.

ފުރަތަމަ ފިލްމުން ލިބުނު އެވޯޑާ ބެހޭ ގޮތުން އަލާޔާ ބުނީ އެއީ ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އެ އެވޯޑާ އެކު އޭނާގެ މައިންބަފައިންނަށް ވެސް އުފަލުން ގޮސް ރޮވުނު ކަމަށް ބުންޏެވެ.

"މުޅި އާއިލާ ވެސް އަހަންނަށް ލިބުނު އެވޯޑާ މެދު ވަރަށް އުފާވެފައި ތިބީ." އަލާޔާ ބުންޏެވެ.