ޓީވީ ބަތަލާ އާޝްކާ އެކްޓިން ދޫކޮށްލައިފި
ޓީވީ ބަތަލާ އާޝްކާ އެކްޓިން ދޫކޮށްލައިފި

މީގެ އަހަރުތަކެއް ކުރިން ސޮނީ ޓީވީން ގެނެސްދިން ކާމިޔާބު ސިލްސިލާ "ކުސުމް" ގައި ކުމުދުގެ ރޯލުގެ ކުޅެގެން މަޝްހޫރުވި ބަތަލާ އާޝްކާ ގޮރާޑިއާ އެކްޓިން ކެރިއަރު ހުއްޓާލަން ނިންމައިފި އެވެ.

މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި 35 އަހަރުގެ ބަތަލާ ބުނީ އެކްޓިން އަށް މިހާރު ޝައުގުވެރިކަން ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށާއި މިހާރު ބޭނުން ވަނީ ވިޔަފާވެރިއަކަށްވާން ކަމަށެވެ. އާޝްކާ ބުނި ގޮތުގައި ވިޔަފަރީގެ ވިސްނުމަކީ އަބަދު ވެސް އޭނާގެ ލޭގައި ދައުރުވާ ކަމެކެވެ. އެހެންވެ އެކްޓިން ދޫކޮށްލައި މިހާރު ބޭނުން ވަނީ އަމިއްލަ ވިޔަފާރިއެއް ފަށަން ކަމަށް ބުންޏެވެ.

ނަމަވެސް އެކްޓިން ދޫކޮށްލަން ނިންމި އިރު، މިއީ ވަގުތީ ނުވަތަ ދާއިމީ ކަމަކަށް ވެދާނެތޯ ޚުދު އާޝްކާގެ ހިތުގައި ވެސް ސުވާލު އުފެދިފައިވެ އެވެ. އޭނާ ބުނީ އެކަން ދޫކޮށްލާނީ ވަގުތާއި ހާލަތަށް ކަމަށާއި މި ވަގުތު ހުރިހާ ވިސްނުމެއް ހުރީ ވިޔަފާރީގެ ދާއިރާ އަށް ކަމަށެވެ.

"އަހަރެން އަބަދު ވެސް ދެކެމުން އައި ހުވަފެނެއް ވިޔަފާރިވެރިއަކަށްވުމަކީ." އެމެރިކާގެ މީހަކާ ކައިވެނިކޮށްގެން އުޅޭ ބަތަލާ ބުންޏެވެ.

އާޝްކާ ބުނީ އުމުރުން 16 އަހަރު މުމްބާއީ އަށް ދެވުމުން އެކްޓިން އަށް ވަދެވުނީ އިއްތިފާގަކުން ކަމަށެވެ. އޭރު ވެސް ވިޔަފާރީގެ ދާއިރާ އަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް އޮތް ކަމަށެވެ.

"ކުސުމް" އިން ވިދައިލި ނަމަވެސް އާޝްކާގެ އެކްޓިން ކެރިއަރު ފެށީ ސޮނީގެ "އަޗާނަކް 37 ސާލް ބާދު" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ސިންދޫރު ތެރޭ ނާމް ކާ"، ގަޔާމަތު"، "ކިޔު ކީ ސާސް ބީ ކަބީ ބަހޫތީ"، "ޕިޔާ ކާ ގަރު"، "ކަހީ ތޯ ހޯގާ" ހިމެނެ އެވެ.

އާޝްކާ އެންމެ ފަހުން ކުޅުނު ސިލްސިލާ އަކީ އެންޑް ޓީވީން 2019 ގައި ގެނެސްދިން "ޑާޔަން" އެވެ.

ޓީވީ ސިލްސިލާތަކުގެ އިތުރުން އޭނާ ރިއަލިޓީ ޝޯތަކުގައި ވެސް ވާދަކޮށްފައިވެ އެވެ. އޭގެ ތެރޭގައި "ބިގް ބޮސް 6" އާއި "ޚަތުރޯން ކޭ ކިލާޅީ 4" އަދި "ނަޗް ބަލިޔޭ 8" ހިމެނެ އެވެ.