އާސެނަލްއަކީ ވިއްކާ ކުލަބެއް ނޫން :ކްރޮންކޭ
އާސެނަލްއަކީ ވިއްކާ ކުލަބެއް ނޫން :ކްރޮންކޭ

ލަންޑަން (28 އޭޕްރީލް) - އާސެނަލްއަކީ، ވިއްކާ ކުލަބެއް ނޫން ކަމަށް، އެ ކްލަބުގެ މެޖޯރިޓީ ހިއްސާ އޮންނަ އެމެރިކާގެ ކޮރޮންކޭ ސްޕޯޓްސް އެންޓަޕްރައިޒަސް ކުންފުނިން ބުނެފި އެވެ.

އާސެނަލް ނުވިއްކާނެ ކަމަށް، ކްރޮންކޭގެ އާއިލާއިން ބުނެފައި މިވަނީ، ސްވިޑެންގެ ބިލިއަނަރު، އަދި މަޝްހޫރު މިޔުޒިކް ސްޓްރީމިން މީޑިއާ ޕްލެޓްފޯމް "ސްޕޮޓިފައި" ގެ ކޯ ފައުންޑާ ޑެނިއަލް އީކް އާސެނަލް ގަންނަން ޝައުގުވެރިކަން ފާޅު ކޮށްފައި ވަނިކޮށެވެ.

ސްޓޭން ކޮރެންކޭ އާއި އޭނާގެ ދަރިފުޅު ޖޯޝް ކޮރެންކޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އާސެނަލް ގަންނަން ބިޑް ހުށަހާޅާފައިވާ ވާހަކަ މީޑިއާގެ ތެރެއިން އަޑު އިވެމުންދާ ކަމަށެވެ. އެހެންނަމަވެސް އެފަދަ އެއްވެސް ބިޑެއް އާސެނަލްއަށް ލިބިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.

"އަހަރެމެން މިތިބީ 100 ޕަސަންޓް އާސެނަލްއަށްޓަކައި އަދި ކްލަބުގެ ހިއްސާއެއްގެ މިންވަރެއް ވެސް އަހަރެމެން ނުވިއްކާނަން،" ބަޔާނުގައިވެ އެވެ. "އަހަރެމެންގެ އަޒުމަކީ އާސެނަލްއަކީ ވާދަވެރި ކްލަބަކަށް ހެދުން އަދި ތަށިތައް ކާމިޔާބު ކުރަން ވާދަކުރާ ކްލަބަކަށް ހެދުން."

ޖޯޝް ކޮރެންކޭ އާއި އާސެނަލްގެ ސީއީއޯ ވިނައި ވެންކަޓޭޝަމް ވަނީ، އާސެނަލްގެ ހުރިހާ ސްޓާފުންނާ އެކު 50 މިނެޓަށް ދެމިގެން ދިޔަ ކޮންފަރެންސް ކޯލެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ކޮންފަރެންސް ކޯލްގައި ވެސް އާސެނަލް ވިއްކާލަން އުޅޭ ވާހަކަތަކުގެ އެއްވެސް ހަގީގަތެއް ނެތްކަން މުވައްޒަފުންނަށް ސާފު ކޮށްދީފައި ވެއެވެ.