މެޑްރިޑްގައި ޗެލްސީއަށް އަވޭ ގޯލްގެ ފައިދާ
މެޑްރިޑްގައި ޗެލްސީއަށް އަވޭ ގޯލްގެ ފައިދާ

މެޑްރިޑް (28 އޭޕްރީލް) - ކްރިސްޓިއަން ޕްލިސިޗް ރެއާލް މެޑްރިޑް ކޮޅަށް ޖެހި ގޯލުން، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ރެއާލްގެ މައްޗަށް ޗެލްސީން އަވޭގޯލްގެ ފައިދާ ހޯދައިފި އެވެ.

މެޑްރިޑް އަލްފުރެޑޯ ޑި ސްޓެފަނޯ ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވުމުން، ދެ ވަނަ ލެގަށް ދާއިރު ޗެލްސީއަށް ފައިދާ އެބައޮތެވެ. އަންނަ ބުދަ ދުވަހުގެ ރޭ، ލަންޑަންގެ ސްޓެމްފޯޑް ބްރިޖްގައި ކުޅޭ މެޗު ލަނޑެއްނުޖެހި އެއްވަރު ވިއަސް ޗެލްސީ ފައިނަލަށް ދާނެ އެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެެވެ. މެޗުގެ 14 ވަނަ މިނެޓްގައި އެންޓޯނިއޯ ރޫޑިގާ ތަނަވަސްކޮށް ދިން ބޯޅައިން ޕްލިސިޗް ޗެލްސީއަށް ލަނޑު ކާމިޔާބު ކޮށްދިނެވެ. އޭރިއާތެރެއިން ޕްލިސިޗްއަށް ލިބުނު ބޯޅަ ހޯދަން ރެއާލްގެ ކީޕަރު ޓިބޯ ކޯޓްއާ ޑައިވްވެސް ކުރި އެވެ. ނަމަވެސް ޕްލިސިޗް ވަނީ ކޯޓްއާ ކައިރިން ނައްޓާލާފައި ގޯލްގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 29 ވަނަ މިނެޓްގައި ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އޭޑާ މިލިޓާއޯ ތަނަވަސް ކޮށްދިން ފުރުސަތަކުން ކަރީމް ބެންޒެމާ އެވެ. ޗެލްސީގެ ހާފުގެ މެދެއްހާ ހިސާބުން ރެއާލްއަށް ލިބުނު ހިލޭ ޖެހުން މާސެލޯ ވިއޭރާ އޭރިއާ ތެރެއަށް ނަގައިދިނުމުން މިލިޓާއޯ ބޮލުން އެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސްކޮށް ދިނެވެ. އޭނާ ވަނީ ބޯޅަ މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލްގެ ތެރެއަށް ބޯޅަ އެތެރެކޮށްފަ އެވެ.