ކޯޓުގެ ސްޓާފުން އެޑްމިޓްވާން ލަގްޒަރީ ހޮޓަލެއް ހަމަޖެއްސުމުން ރަތަށް
ކޯޓުގެ ސްޓާފުން އެޑްމިޓްވާން ލަގްޒަރީ ހޮޓަލެއް ހަމަޖެއްސުމުން ރަތަށް

ނިއު ދިއްލީ (އެޕްރީލް 28) - ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ މީހުންގެ އާއިލާތަކަށް ކޮވިޑް ޖެހިއްޖެ ނަމަ ފަރުވާ ދިނުމަށް ހެލްތު ފެސިލިޓީއެއްގެ ގޮތުގައި ނިއު ދިއްލީގެ ލަގްޒަރީ ހޮޓަލެއް ކަމާބެހޭ ފަރާތްތަކުން ހަމަޖެއްސުމުން އެތައް ބައެއްގެ ރުޅިވެރިކަން އިތުރުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށުގައި ކޮވިޑް ކޭސްތައް އާދަޔާޚިލާފަށް އިތުރުވެ ހޮސްޕިޓަލްތަކުގައި މީހުން އެޑްމިޓް ކުރާނެ ޖާގަ ނެތިގެން އެތައް ބަޔަކަށް ފަރުވާ ނުދެވި މަރުވަމުންދާ އިރު ހައި ކޯޓުގެ ފަނޑިޔާރުން ބަލިވެއްޖެ ނަމަ ލަގްޒަރީ ހޮޓަލެއް ހޮސްޕިޓަލަކަށް ބަދަލު ކުރުމަކީ ގިނަ ބަޔަކަށް ގަބޫލް ކުރެވުނު ކަމެއް ނޫނެވެ.

ލޯކަލް ގަވަރްމެންޓުން ބުނެފައި ވަނީ ދިއްލީގެ ހައި ކޯޓުން ވަނީ، އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާތީ މަތީ ކޯޓުތަކުގެ ސްޓާފުންނަށް އަޝޮކާ ހޮޓަލުން 100 ކޮޓަރި ރިޒާވްކޮށްފައިވާ ކަމަށެވެ. ނަމަވެސް ދިއްލީ ހައި ކޯޓުން ވަނީ އެފަދަ ހުށަހެޅުމެއް ހުށަހަޅާފައި ނުވާ ކަމަށް ބުނެފަ އެވެ. ލޯކަލް ގަވަރްމެންޓުގެ އެ ހުށަހެޅުމަށް ދެކޮޅު ކަމަށް ވެސް ހައި ކޯޓުން ބުނެފައިވެ އެވެ.

"ފަސް ތަރީގެ ކޮޓަލަކުން 100 ކޮޓަރި ބުކްކުރަން ހުށަހެޅީ ކޮން އިރަކު؟ ކޯޓުން އެދިފައި ވާނީ ޖުޑިޝަރީގެ އޮފިސަރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ އެ މީހުންގެ އާއިލާ މީހަކަށް ކޮވިޑް ޖެހިއްޖެ ނަމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްދޭން،" ދިއްލީ ހައި ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. "މުވައްސަސާއެއްގެ ގޮތުން ވަކި ޚާއްސަ ޚިދުމަތެއް ހޯދުމަށް އެދުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން."

ކޯޓުން ބަޔާން ނެރެފައި ވަނީ ވަކީލުންނާއި އާއްމު ރައްޔިތުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުންނެވެ.