މިއީ ރާއްޖޭން ކޮވިޑްގެ އެންމެ ގިނަ ކޭސް ފެނުނު 24 ގަޑިއިރު
މިއީ ރާއްޖޭން ކޮވިޑްގެ އެންމެ ގިނަ ކޭސް ފެނުނު 24 ގަޑިއިރު

މިއަދުގެ އިރުއޮއްސި 6:00 އާ ހިސާބަށް ހިނގި 24 ގަޑިއިރު ތެރޭ ރާއްޖޭން ކޮވިޑް-19 ގެ 386 ކޭސް ފެނި ރާއްޖޭން މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސް ފެނުނު ދުވަހަށް ވެއްޖެ އެވެ.

އެޗްޕީއޭގެ ދުވަހު ހިސާބުތައް މިރޭ އާންމުކުރި އިރު އޭގައިވާ ގޮތުން މާލޭ ސަރަހައްދުން 105 މީހަކާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 198 މީހަކާއި ރިސޯޓްތަކުން ހަ މީހަކާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްތަކުން 77 މީހަކު މިދިޔަ 24 ގަޑިއިރު ވަނީ ޕޮޒިޓިވްކަން އެނގިފަ އެވެ.

މިއީ އެޗްޕީއޭ އިން ބުނި ގޮތުގައި ޓެސްޓުކުރި 3،289 ސާމްޕަލުން ފެނުނު ޕޮޒިޓިވް ކޭސްތަކެވެ. އެހެންވެ މިއީ ކޮންމެ 100 އަކުން 11.7 ގެ ރޭޓެވެ. މިއީ ވެސް މި ފަހުން ދުވަހަކު ވެސް މި ރޭޓް ނުދާހާ މައްޗެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހަކު ވެސް ނުވާހާ ބޮޑަށް އިތުރުވެ ހާލަތު ގޯސްވަމުން ދާއިރު އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 4،009 އަށް އަރައިފަ އެވެ. މިހާތަނަށް ބަލި ޖެހުނު 28،588 މީހުންގެ ތެރެއިން 24،499 މީހަކު ރަނގަޅުވެ އަދި 71 މީހަކު މަރުވެފައިވެ އެވެ.

މި މަހުގެ 23 ވަނަ ދުވަހަކީ މީގެ ކުރިން 24 ގަޑިއިރެއްގައި ރާއްޖޭން ކޮވިޑްގެ އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ. އެ ދުވަހު 319 ކޭސް ފެނުނެވެ. އެއީ މާލޭން 108، އަތޮޅު ތެރެއިން 182، ރިސޯޓްތަކުން 21 އަދި ސިނާއީ މަސައްކަތްކުރާ ރަށްތަކުން 8 ކޭހެވެ.

މިދިޔަ 24 ގަޑިއިރު ގިނަ އަދަދެއްގެ ޕޮޒިޓިވް ކޭސް ފެނުނަސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ކުރީ 24 ގަޑިއިރަށް ވުރެ ވަނީ މަދުވެފަ އެވެ. މިހާރު 119 މީހަކު އެޑްމިޓްކޮށްފައި ތިބި އިރު އިއްޔެ މި އަދަދު ހުރީ 126 ގަ އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް ކޮވިޑް ފެތުރެމުން ދާއިރު އެތައް ރަށެއް މިހާރު އޮތީ މޮނިޓަރިން އަށް ލައި އެ ރަށްރަށަށް އަރައި ފޭނުން މަނާކޮށްފަ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ރަށްރަށުން ކޮވިޑްގެ އެތައް ކޭހެއް އަލަށް ފެނެ އެވެ.

މި ސަރަހައްދުން އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައި ވެސް ކޮވިޑްގެ ބިރުވެރިކަން އެންމެ ބޮޑުވެފައިވާ ގައުމަށް ވާއިރު ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ވަނީ ކޭސްތައް އިތުރުވާން ފަށައިފަ އެވެ. އެހެންވެ ގައުމުތަކުން އަންނަނީ އިންޑިއާ އަށް ދަތުރުކުރުމުގައި ހަރުކަށި އުސޫލުތައް ކަނޑައަޅަމުންނެވެ.

އިންޑިއާ އަކީ ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަށް ވިޔަސް މިހާރު ވަނީ އިންޑިއާ ޓޫރިސްޓުން ރާއްޖޭގެ ގެސްޓް ހައުސްތަކަށް އައުން މަނާކޮށްފަ އެވެ. ގެސްޓް ހައުސްތައް ހިންގަނީ މީހުން އުޅޭ ރަށްރަށުގައި ކަމަށް ވުމުން އާންމުންގެ ތެރޭ ބަލި ފެތުރުމުގެ ކަންބޮޑުވުން ވަނީ އިތުރުވެފަ އެވެ. އަދި އިންޑިއާ އިން އަންނަ ޓޫރިސްޓުން ނޫން އެންމެން ރާއްޖޭގައި ކަރަންޓީނުވާން ޖެހޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކޮވިޑުން ދިފާއުވާން ވެކްސިން ޖެހުމަކީ ބަލި ޖެހުމުގެ ފުރުސަތު އެތައް ގުނައެއް ކުޑަކޮށްދީ އަދި ބަލީގައި ބޮޑުވަރުވުން ވެސް ކުޑަކޮށްދޭ ކަމަކަށް ވާތީ މިހާރު ވެކްސިން ނުޖަހާ ތިބި މީހުން އަވަހަށް ވެކްސިން ޖަހަން އަންނަނީ އިލްތިމާސްކުރަމުންނެވެ.