27 އެޕްރީލް 2021 - 16:28

ނިއު ދިއްލީ (އެޕްރީލް 27) - ރެކޯޑް އަދަދުތަކުން ކޮރޯނާވައިރަހަށް މީހުން ޕޮޒިޓިވްވެ އޮކްސިޖަނަށް ޖެހިފައިވާ އިންޑިއާ އަށް ބޭރުގެ ގައުމުތަކުން ފޮނުވި އެހީ ލިބެން ފަށައިފި އެވެ.
އެހީގެ ފުރަތަމަ ޝިޕްޓަންޓުގެ ގޮތުގައި އިނގިރޭސިވިލާތުން ފޮނުވި 100 ވެންޓިލޭޓަރާއި 95 އޮކްސިޖަން ކޮންސެންޓްރޭޓަރު މިއަދު ވަނީ ދިއްލީ އެއާޕޯޓަށް ބާލައިފަ އެވެ. ނިއު ދިއްލީގައި ހުންނަ އިނގިރޭސި ވިލާތުގެ ހައި ކޮމިޝަނުން ބުނެފައި ވަނީ 495 އޮކްސިޖަން ކޮންސެންޓްރޭޓަރާއި 120 ނަން-އިންވޭސިވް ވެންޓިލޭޓަރާއި 20 މެނުއަލް ވެންޓިލޭޓަރު މި ހަފުތާގައި ފޮނުވާނެ ކަމަށެވެ.
އެމެރިކާ އާއި ފްރާންސް، ޖަރުމަން، ކެނެޑާ އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ އިންޑިއާ އަށް އެހީ ފޮނުވާނެ ކަމަށް ބުނެފަ އެވެ.
ވޭތުވެދިޔަ ހަތަރު ދުވަހު އިންޑިއާ އިން ވަނީ ރެކޯޑް އަދަދުތަކުން މީހުން ޕޮޒިޓިވްވެފަ އެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ވަނީ 319,435 މީހުން ޕޮޒިޓިވްވެ 2،700 މީހުން މަރުވެފަ އެވެ.
އިންޑިއާގެ ސިއްހީ އޮފިޝަލުން ބުނަނީ ހަލުވިކަމާ އެކު ބަލި ފެތުރެނީ އާ ވޭރިއަންޓްތަކުގެ ސަބަބުން ކަމަށެވެ. އެކަމަކު ގިނަ ބަޔަކު ބުނަނީ ދީނީ ފެސްޓިވަލްތަކަށް އެތައް ބަޔަކު އެއްވެ ގައިގޯޅިވެ އުޅުމުގެ ސަބަބުން ބަލި ފެތުރުނީ ކަމަށެވެ. ދެވަނަ ރާޅަކަށް އިންޑިއާ ތައްޔާރުވެފައި ނެތް ކަމަށް ބުނެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވެސް ދަނީ ފާޑުކިޔަމުންނެވެ. އިންޑިއާ އިން ކޮވިޑުގެ ފުރަތަމަ ރާޅު ކޮންޓްރޯލް ކުރި އިރު މިދިޔަ ފެބްރުއަރީ މަހު ކޭސްތައް ވަނީ 8،000 އަށް ވެސް ދަށްވެފަ އެވެ.