27 އެޕްރީލް 2021 - 14:42

ދިރާގު ޕޭ ބޭނުންކޮށްގެން ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) ސިސްޓަމެއް ކަމުގައިވާ ފިއެސް IdzLink އާ އިންޓެގްރޭޓް ކޮށްފި އެވެ. މީގެ ނަތީޖާއަކީ ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު IdzLink ގެންގުޅޭ ރީޓެއިލް ފިހާރަތަކުގައި ފައިސާ ދެއްކޭނެ ފުރުސަތު ފަހިވުމެވެ.
ދިރާގު ޕޭ އިން ފިއެސްގެ ހިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައި ވެސް ފައިސާ ދެއްކުމުން، ދިރާގު ޕޭ މެދުވެރިކޮށް ކަސްޓަމަރުގެ ފޯނަށް އޯޓީޕީއެއް ލިބޭނެ އެވެ. އޭގެ މާނައަކީ ފައިސާ ދެއްކުނީ އެވެ. އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ވެސް މި ޕީއޯއެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ އެވެ.
ފިއެސްގެ ޕީއޯއެސް މެދުވެރިކޮށް، ދިރާގުގެ ބިލް ދެއްކުމުގެ އިތުރުން ރީލޯޑް ވެސް ކުރެވޭނެ އެވެ.
ދިރާގުގެ ޕްރޮޑަކްޓް މެނޭޖަރު މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝަން ވިދާޅުވީ މި އިންޓެގްރޭޝަންގެ ސަބަބުން ވިޔަފާރި ކުރުމުގައި ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
"ދިރާގުޕޭ ކަސްޓަމަރުންނަށް ވެސް ވިޔަފާރި ކުރެއްވުމަށް އިތުރަށް ފަސޭހަވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރާގު ޕޭ ވީހާ ވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގުފަހި ކުރުން،" އޭނާ ވިދާޅުވި އެވެ.
ފިއެސް ސިސްޓަމްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ހަސަން ވިދާޅުވީ، ދިރާގު ޕޭ ފަދަ ޒަމާނީ މޮބައިލް ޕޭގެ ހިދުމަތެއް އެ ކުންފުނީގެ ސިސްޓަމްގައި އިންޓެގްރޭޓް ވުމުން ކަސްޓަމަރުންނަށް ވިޔަފާރި ކުރުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
"IdzLink އަކީ ފިހާރަތަކާއި ކަސްޓަމަރުންނާ ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް،" އޭނާ ވިދާޅުވި އެވެ.
ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. ފިއެސްގެ ހިދުމަތްތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި މިހާރު ބޭނުންކުރެ އެވެ. އޭގެ ތެރޭގައި އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިން، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ވެލިގާ ހާރޑްވެއާ، މުނި އެންޓަޕްރައިސް، ޝީޝާ، ސީލިންކް ހިމެނެ އެވެ.