ސިޔަރަތުގައި ކިޔާ "އަލިފް ހާ" ގެ މާނަ އަކީ ކޮބާ؟
ސިޔަރަތުގައި ކިޔާ "އަލިފް ހާ" ގެ މާނަ އަކީ ކޮބާ؟

ގައުމުގެ އެންމެ ބޮޑު އަދީބު ހުސައިން ސަލާހުއްދީންގެ އެފަދަ ދެވަނައެއް ނެތް، ކީރިތި ރަސޫލާގެ ސިޔަރަތުގެ ތަރުޖަމާ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި، ކޮންމެ ވަގުތަކު ވިޔަސް ހާޖަރާގޭ މުހައްމަދު ތައުފީގުގެ އަޑުން އިވިއްޖެ ނަމަ ހީވާނީ ރޯދަމަސް ހެންނެވެ. އެ ސިޔަރަތުގެ ތަރުތީބާއި އިބާރާތްތައް ހިތުދަސް މީހުން ބައިވަރެވެ. އެއިން ދަސްވެފައި ހުރި ބައެއް ބަސްތައް އަހަރެމެންގެ ސަމާސާ ބަހުރުވައިގެ ތެރެއަށް ވެސް ވަދެފައިވެ އެވެ.

ސިޔަރަތުގައި ކިޔާ "އަލިފް ހާ" ގެ މާނަ އަކީ ކޮބާ؟
ސިޔަރަތުގައި ކިޔާ "އަލިފް ހާ" ގެ މާނަ އަކީ ކޮބާ؟

އޭގެ ތެރެއިން އެންމެ އާންމު އެކައްޗަކަށް ވާނީ "އަލިފް ހާ" އެވެ. ސިޔަރަތުގައި ބައެއް ވާހަކަތައް ކިޔައިދިނުމަށް ފަހު "އަލިފް ހާ" އޭ ބުނެ އެ ހިސާބުން އެ ވާހަކައެއް ނިންމާލާ ގޮތަށް، އަހަރެމެން ވެސް އެކި ކަންކަމުގައި އުފެދޭ ބަހުސްތަކުގައި އެންމެ ފަހު ބަސް ބުނެފައި، ދެން ދައްކާނެ ވާހަކައެއް ނެތްކަން އަންގައިދޭން "އަލިފް ހާ" އޭ ބުނާ ފަހަރު އާދެ އެވެ. އެކަމަކު އެއީ ކީކޭ ހެއްޔެވެ؟

ސިޔަރަތުގެ ތަރުޖަމާ ފައްޓަވަމުން ސަލާހުއްދީން ދެއްވާފައިވާ ތައާރަފްގައި މި "އަލިފް ހާ" ގެ ވާހަކަ ވެސް އާދެ އެވެ. އެއީ ސިޔަރަތު ތަރުޖަމާކުރެއްވުމުގައި ގެންގުޅުއްވި ހަމަތަކާއި އުސޫލުތައް ބަޔާންކޮށްދެއްވަމުންނެވެ. ސަލާހުއްދީންގެ އިބާރާތްކޮޅު ހަމަ އެ އޮތް ގޮތަށް މިތާ ނަކަލުކޮށްލާނަމެވެ.

"މި އަޅާ މި ސިޔަރަތު ތަރުޖަމާކުޅައުމަށް، ސިޔަރަތު ފޮތްތަކުގެ ތެރެއިން ޚިޔާރުކުޅައީ "އިމާމުލް ހަރަމައިން ވަ މުފްތިލް ބަލްދައިން އަލްމަރުހޫމުލް އައްލާމަތުއް ސައްޔިދު އަހްމަދު ޒައިނީދު އަހްލާން ރަހިމަހުﷲ ވަނަފައުނާބި" މިކަލޭގެފާނުންގެ "ސިޔަރަތުއް ނަބަވިއްޔާ" އޭ ކިޔޭ ފޮތާއި އަލްމަރްހޫމު ޝައިޚް މުހައްމަދުލް ޚިދްރީބި އަލްމުފައްތިޝް ބިލްޒާރަތިލް މައާރިފް ވަ މުދައްރިސުއް ތާރީޚިލް އިސްލާމީ ބިލް ޖާމިއަތުލް މިސްރިއްޔާ ރަހިމަހުﷲ ވަނަފައުނާބި މިކަލޭގެފާނުން ހެއްދެވި "ނޫރުލް ޔަގީން ފީ ސިޔަރަތިއް ސައްޔިދިލް މުރްސަލީން" މި ނަން ކިޔުނު ފޮތާއި ދެ ފޮތެވެ.

މި ދެ ފޮތަކީ މި އަޅާ ދެކެއުޅޭ ސިޔަރަތުތަކުގެ ތެރެއިން އެންމެ ސައްހަކަން ބޮޑު، އެންމެ ފަސޭހަ ދެ ފޮތެވެ. އަދި މި ނޫން ވެސް ކިތަންމެ ފޮތެއް މި ސިޔަރަތު ތަރުޖަމާކުޅައުމުގައި ބެލެވުނެވެ. މާތުރަ: އަސްލަކީ އެ ދެ ފޮތެވެ.

ފަހެ އެއިން ފޮތަކުން ތަރުޖަމާކޮށް ލިޔެ ގަރާރުކުޅަ ތަކެއްޗެއްގެ ބޭރު ބަހެއް ލިޔަނީ ނަމަ އެ ބަހެއް ފެށޭ ތާނގައި "ޔަގޫލުލް މުތަރްޖިމް" ނުވަތަ "ގާލަލް މުތަރްޖިމް" ނިމޭތާނގައި "އަލިފް ހާ" މިފަދައިން ލިޔާހުށީމެވެ."

ވިދާޅުވެފައި އެ ވަނީ ތަރުޖަމާކުރުމުގައި އަސްލަކަށް ބެއްލެވި ދެ ފޮތުގައި އޮތް އެއްޗެއް ނޫން ނަމަ އެއީ ޔަގޫލުލް/ގާލަލް މުތަރްޖިމް [ތަރުޖަމާކުރާ މީހާގެ ބަސް/ބުނުމެއް] ކަމަށެވެ. މާނަ އަކީ އެއީ ތަރުޖަމާގައި އަސްލަކަށް ބެއްލެވި ފޮތަށް ނިސްބަތްނުވާ ވާހަކައެއްކަމެވެ. އެހެންވެ "އަލިފް ހާ" އަންނަނީ މިހެން ހުރި ތަފްސީލު އިބާރާތްތައް ނިމުނީކަން އަންގައިދެއްވުމުގެ ގޮތުންކަމެވެ.

"އަލިފް ހާ" އަކީ انتهى [އިންތަހާ] ރަމްޒުކޮށްދޭ ދެ އަކުރެވެ. އޭގެ މާނަ އަކީ "ނިމުނީ" އެވެ.

އެހެންވެ ސަލާހުއްދީންގެ ތަރުޖަމާގައި "އަލިފް ހާ" އޭ އޮތް ކޮންމެ ތަނެއް އެއީ ތަރުޖަމާގެ އަސްލު ކަމަށްވާ "ސިޔަރަތުއް ނަބަވިއްޔާ" އާއި "ނޫރުލް ޔަގީން ފީ ސިޔަރަތިއް ސައްޔިދިލް މުރްސަލީން" ފޮތުގައި ނެތް ވާހަކައެއް ކިޔައިދެއްވާފައި އެ ވާހަކަ ނިންމެވި ހިސާބެވެ.

އަރަބި ބަސް ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި "އަލިފް ހާ" އަކީ އިހުގެ އަރަބި ލިޔުންތަކުގައި ވެސް ބޭނުންކޮށްފައި ހުންނަ ރަމްޒު އަކުރުތަކެކެވެ. އެ ބޭނުންކޮށްފައި ހުންނަނީ ވަކި މައުޟޫއެއްގައި ލިޔުން ކުރިއަށް ގެންދަމުން ގޮސް، އެއާ ގުޅޭ އެހެން ވާހަކައެއް ކިޔައިދީފައި އެ ވާހަކަ ނިންމުނުކަން އަންގައިދޭށެވެ. "އަލިފް ހާ" ގެ ފަހުން ދެން އަނެއްކާވެސް ކުރިއަށް ގެންދާނީ ކުރިން ވާހަކަދެކެވެމުން އައި މައުޟޫގަ އެވެ.

މީގެ ފަހުން ސިޔަރަތު އަޑުއަހާއިރު މި ލަފްޒުތަކަށް ވިސްނުމުން ސިޔަރަތު އިތުރަށް ސާފުވާނެ ކަމަށް ފެނެ އެވެ. - އަލިފް ހާ