ރާއްޖޭގެ އިގްތިސާދު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި: ވޯލްޑް ބޭންކްް
ރާއްޖޭގެ އިގްތިސާދު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި: ވޯލްޑް ބޭންކްް

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ވަރަށް ބާރަށް ކުރިއަރާތީ، އިގްތިސާދު މިހާރު އޮތީ ކުރީގެ ހާލަތަށް ދިއުމުގެ މަގުމަތީގައި ކަމަށް ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލާއި ލަންކާ އަށް ކަނޑައަޅާފައިވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒާވޮސް ވިދާޅުވެއްޖެ އެވެ.

ފާރިސް ރާއްޖެ އަށް ކުރެއްވި ދަތުރު މިއަދު ވަނީ ނިންމަވާލައްވައިފަ އެވެ. އޭނާ ރާއްޖެއަށް ވަޑައިގަތީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ސިއްހީ އަދި އިގްތިސާދީ ހާލަތުން އަރައިގަނެ، ކުރިއަށް ވުރެ ރަނގަޅަށް އިގްތިސާދު ބިނާކުރުމުގައި އެހީތެރިވުމާ ގުޅޭ މަޝްވަރާތަކަށެވެ.

"އެކަށޭނަ ފިޔަވަޅުތަކާއި އެ ކަންކަމަށް ތަބާވުމުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ވަނީ ވަރަށް ބާރަށް ކުރިއަރަން ފަށާފައި،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އިގްތިސާދީ ކުރިއެރުން ލަފާކުރާ ގޮތުގެ މައްޗަށް ބިނާކޮށް، މާލީ ހާލަތާއި ދަރަނި ބެލެހެއްޓުން މެނޭޖުކޮށްގެން، ކުރިއަށް ވުރެ ތިމާވެއްޓާ ރަށްޓެހި އަދި ކުރިމަތިވެދާނެ ކާރިސާތަކަށް ބޮޑަށް ތައްޔާރުވެފައިވާ ތަރައްގީއެއް ރާއްޖެ އަށް ގެނެވިދާނެ ކަމަށެވެ.

މި ދަތުރު ކުރައްވާފައިވަނީ، މި މަހުގެ 15 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ވާލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އަ ޑިޖިޓަލް ޑޯން ރިޕޯޓް ނެރުމަށް ފަހު އެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އެހެން ނަމަވެސް، ޓޫރިސްޓުން ޒިޔާރަތްކުރާ އަދަދު ބާރަށް ކުރިއަރަމުން ދިއުމާއި ޓޫރިޒަމް ދާއިރާގައި ކުރަމުން އަންނަ އިންވެސްޓްމަންޓްތަކުގެ ނަތީޖާއެއްގެ ގޮތުން، މި އަހަރު ރާއްޖޭގެ އިގްތިސާުދު 17.1 ޕަސެންޓްގައި ކުރިއަރާނެ ކަމަށް ވާލްޑް ބޭންކުން ލަފާކުރެ އެވެ.

ކޮވިޑްގެ ހާލަތުގައި ރާއްޖެ އަށް ބޮޑު އެހީތެރިކަމެއް ވޯލްޑް ބޭންކުން ވަނީ ފޯރުކޮށްދީފަ އެވެ. އެ ބޭނކުން ވަނީ ރާއްޖެ އަށް 182 މިލިއަން ޑޮލަރުގެ އެހީ ދީފަ އެވެ. އޭގެ ތެރޭގައި އިމަޖެންސީ ފެސިލިޓީތައް ގާއިމް ކުރުމުށާއި އިންކަމް ސަޕޯޓް ޕްރޮގްރާމްތައް ހިންގުމަށް ބޮޑު އެހީއެއް ދިނެވެ.