17 ނޮވެމްބަރ 2016 - 10:37

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވައިލި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި އޮތީ ޖެނުއަރީ 2، 2017ގަ އެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރުން އިތުރު ހަ މަސް ދުވަހަށް ފަސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ބިލެއް ހުށަހަޅައިފަ އެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނު ވުޖޫދަށް އައީ ވެސް، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެ ފަދަ ގާނޫނަކަށް އެދި ގޮވަގޮވައި އޮންނަތާ އެތައް އަހަރެއް ވެފައި ވަނިކޮށެވެ. އެ ގާނޫނުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އެވެ. ޖިނާއީ ކުށްތައް ތަހުގީގު ކުރުމާއި ޝަރީއަތް ކޮށް ހުކުމް ކުރުމުގައި މިހާރު ފަނޑިޔާރުންގެ އިޚްތިޔާރަށް ދޫކޮށްލެވިފައިވާ އެތައް ކަމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ފެތިގެންދާނެ އެވެ.

ރާއްޖޭގައި ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ހިންގަމުން އަންނަނީ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިންނެވެ. އެ ގަވާއިދުގައި ގިނަ ކަންތައް ހުރީ ގާޒީންގެ އިޚްތިޔާރަށް ދޫކޮށްލާފައި ކަމުން އެއް ކަމެއްގައި އެކި ގާޒީން އެކިފަހަރު އެކި ގޮތަށް އަމަލު ކުރާ ގޮތް މެދުވެރިވެ އެވެ. އެއީ، ބަންދުގެ މަރުހަލާތަކާއި ޝަރީއަތުގެ މަރުހަލާތަކުގައި އަމަލު ކުރަންވީ ގޮތެއް ސާފުކޮށް ގާނޫނެއްގައި ބަޔާންކޮށްފައި ނެތުމުންނެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުން މައިގަނޑު ހަތަރު ކަމަކަށް ބަދަލު އަންނާނެ އެވެ. ފުރަތަމަ ކަމަކީ، ތަހުގީގު މަރުހަލާގައި އަމަލުކުރާނެ އުސޫލުތައް ގާނޫނީ އޮނިގަނޑުގެ ތެރޭގައި އެކަށައެޅިގެން ދިއުމެވެ. ދެ ވަނަ ކަމަކީ، މީހެއްގެ މައްޗަށް ދައުވާ ކުރާ ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެކަން ކުރުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލާޒިމް ވުމެވެ. ތިން ވަނަ ކަމަކީ، ފުރަތަމަ ފަހަރަށް ކުރާ ކުދިކުދި ކުށްތަކުގައި ދައުވާ ނުކޮށް ދޫކޮށްލުމުގެ އިޚްތިޔާރު ޕީޖީ އަށް ލިބިގެން ދިއުމެވެ. ހަތަރު ވަނަ ކަމަކީ ޝަރީއަތް ފެށުމުގެ ކުރިން އިބްތިދާއީ އަޑުއެހުމެއް ބޭއްވުމާއި ޝަރީއަތުގެ އަޑުއެހުންތައް އަވަސްކުރަން ޖެހުމާއި އަޑުއެހުންތައް ނިމުމުން ވަކި މުއްދަތެއްގައި ހުކުމްކޮށް އަދަބު ކަނޑައަޅަން ޖެހުމެވެ.
މީހުން ހިފައި ހައްޔަރު ކުރުމާއި ތަންތަން ބަލައި ފާސް ކުރުމާއި ކޯޓު އަމުރު ހޯދުމާއި ތަހުގީގުގައި އަމަލުކުރާނެ ބައެއް އިޖުރާއާތްތައް ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނުގައި ހުރި ކަމުގައި ވިޔަސް، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ކޮންމެހެން ފުރިހަމަވާން ޖެހޭ އިޖުރާއާތްތަކެއް ނެތެވެ. ނަމަވެސް އާ ގާނޫނުގައި ތަހުގީގުގެ މަރުހަލާގެ އިޖުރާއާތުތައް ވެސް ވަނީ އެކަށައަޅައިފަ އެވެ.
ވަކީލުން ދެކޭ ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނާ ނުލައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަކީ ވަރަށް ދޯހަޅި ނިޒާމެކެވެ. ތަހުގީގުގެ މަރުހަލާގަ އާއި ޝަރުއީ މަރުހަލާގައި، ތުހުމަތު ކުރެވޭ މީހުންގެ ހައްގުތައް ނިގުޅައިގަނެވޭ ގޮތަށް އަދި ތަހުގީގު ކުރާ ފަރާތްތަކާއި ޝަރީއަތް ހިންގާ ފަރާތްތަކުން ބޭނުން ގޮތަކަށް ކަންތައް ނިންމޭ ގޮތަށް އޮތް ނިޒާމެކެވެ.
"މިއީ ވަރަށް ހިތާމަ ހުރި ކަމެއް. މިއިން ދޭހަ ކޮށްދެނީ ޖިނާއީ އަދުލުގެ ނިޒާމު ރަނގަޅު ކުރުމުގެ ވިސްނުމެއް އެއްވެސް ފަރާތެއްގައި ނެތް ކަމާއި މިހާރު މި އޮތް ދޯހަޅި ނިޒާމުގެ ފައިދާ ނަގަން ސިޔާސީ ފަރާތްތަކުން ބޭނުންވާ ކަން،" ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވާ ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ތައްޔާރު ވުމަށް ދައުލަތުގެ މުއައްސަސާތަކަށް އަށް މަސް ދުވަސް ލިބިފައިވާ އިރު އެ ގާނޫނަށް އަމަލް ކުރަން ފަސް ކުރަން މަޖިލީހަށް ހުށަހެޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.
"އެ މުއްދަތުގައި އެ ގާނޫނަށް އަމަލު ކުރަން ތައްޔާރުވާން ދައުލަތުން މަސައްކަތް ނުކުރުމަކީ އޭގެ ސަބަބުން، ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް އެ ގާނޫނުން ލިބެން ޖެހޭ ހައްގުތައް ލިބުން ފަސްކުރަން ޖެހޭ ސަބަބެއް ނޫން،" ޝަމީލް ވިދާޅުވި އެވެ.
"ޖިނާއީ އިޖުރާއާތުގެ ގާނޫނަކީ ޖިނާއީ އަދުލުގެ ނިޒާމަށް ކޮންމެހެން ބޭނުންވާ ގާނޫނެއް. އެ ގާނޫނުގެ ސަބަބުން ތަހުގީގު ކުރުމާއި ދައުވާ އުފުލުމާއި ޝަރީއަތް ކުރުމުގެ އިޖުރާއާތުތައް ލިޔެވިފައި އެންމެންނަށް އެނގޭނެހެން ބަޔާންވެފައި އޮތުމުން އެކި ފަހަރު އެކި ގޮތަށް މުއައްސަސާތަކުން އަމަލު ކުރާ ކަމަށް ބުނެ ކުރާ ޝަކުވާތަކަށް ވެސް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ.".
އޭނާ އެ ގާނޫނުން ފާހަގަކުރައްވާ އެންމެ މުހިންމު ކަމަކީ، ތުހުމަތުކުރެވޭ މީހާގެ މައްޗަށް ކުށުގެ ދައުވާ އުފުލަން ޖެހޭ މުއްދަތާއި އެ ތުހުމަތުން ދިފާއުވާން ލިބޭ ފުރުސަތުތަކާއި ޝަރީއަތް ކުރުމުގެ ތެރޭގައި ލިބެން ޖެހޭ ފުރުސަތުތައް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އޮތުމެވެ. އެހެންކަމުން އެފަދަ މުހިންމު ގާނޫނެއް އޮއްވައި އެ ގާނޫނަށް އަމަލުނުކުރުމުން، އާންމު ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިގެން ދާނެ އެވެ.
"ގާނޫނުގައި ހުރި ބައެއް ކަންތައް ފުރިހަމަ ނުވާ ނަމަ، އެ ބައިތަކަށް އަމަލު ކުރުމަށް ވަކި މުއްދަތުތަކެއް ދެވިދާނެ. މިސާލަކަށް ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަޑު ނުވަތަ އަޑާއި މަންޒަރު ރެކޯޑްކޮށް ނުވަތަ ދައްކާ ވާހަކަ ވަގުތުން ލިޔެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހޭ. އެ ކަންތައް ކުރުމަށް ކޯޓުތައް ތައްޔާރު ނޫން ނަމަ، އެ ކަމަށް މުއްދަތެއް ދެވިދާނެ. އެކަމަކު މުޅި ގާނޫނަށް އަމަލު ކުރުން ފަސްކުރީމަ ހައްގުތައް ގެއްލިގެންދާނެ،" ޝަމީލް ވިދާޅުވި އެވެ.
އެހެން ވަކީލަކު ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަކީ ކަމާ ގުޅުން ހުރި ދާއިރާތަކުގެ މެދުގައި ވަރަށް ގިނަ ދުވަސް ވަންދެން މަޝްވަރާކޮށް ޚިޔާލު ވެސް ހޯދައިގެން އެކުލަވާލައި ފާސްކޮށްފައިވާ ގާނޫނެކެވެ. އަދި އެ ގާނޫނު ތަސްދީގު ކުރުމަށް ފަހު އަމަލް ކުރަން ފެށުމާ ދެމެދު އަށް މަސް ދުވަސް ދީފައި ވުމުން، އެއީ ގާނޫނަށް އަހުލުވެރިވާން އެކަށީގެންވާ މުއްދަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ހައްގުތަކެއް ހިމެނޭ މި ގާނޫނަށް އަމަލުކުރަން ފަސް ކުރުމުން، ގާނޫނުލް އުގޫބާތަށް އަމަލު ކުރުން ފަސްކުރުމުން ހައްގުތަކެއް ގެއްލިގެން ދިޔަ ގޮތަށް އަނެއްކާވެސް އެތައް ބައެއްގެ ހައްގުތަކެއް ނުލިބި ހިނގައިދާނެ. ގާނޫނުގައި އެބަ ހުރި ބައެއް މާއްދާތައް ގެޒެޓް ކުރި ތާރީޚުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ޖެހޭކަން ބަޔާން ކޮށްފައި. މިސާލަކަށް އެބަ އޮތް 169 ވަނަ މާއްދާގެ (ރ)ގައި އޯޑިއޯ ވިޝުއަލް ވަސީލަތްތައް ހުރިހާ ކޯޓުތަކުގައި ގާއިމު ކުރަން ހަ މަސް ތެރޭގައި. އެކަން ކޯޓުތަކުން ނުކުރާ ނަމަ މިހާރު ވެސް އެ އޮތީ ކޯޓުތައް މި ގާނޫނާ ޚިލާފު ވެފައިތާ. މިއީ ދެން ފަސް ކުރެވޭނެ އެއްޗިއްސެއް ވެސް ނޫން އަނެއްކާ، ގާނޫނަށް އަމަލު ކުރުން ފަސް ކުރިޔަސް،" އެ ވަކީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަހުލުވެރި ކުރުމަށްޓަކައި ވަކި މުއްދަތުތަކެއް އިތުރު ކުރަން ނުޖެހޭ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ ގާނޫނުލް އުގޫބާތަށް އަހުލުވެރި ކުރުމުގެ މަސައްކަތް، އެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހުގައި މިހާރު ވެސް ހުއްޓުމެއް ނެތި ކުރިއަށް ދާ ކަމެވެ. އެހެންކަމުން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރަން ފެށުމަށް ފަހުގައި ވެސް އެ ގާނޫނަށް އަހުލުވެރި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެ އެވެ.
"ފަނޑިޔާރުން އަހުލުވެރި ކުރަން ކަމަށް ވިޔަސް، ގާނޫނަކަށް ވީމައެއް ނޫން ދެއްތޯ މި އަށް އަހުލުވެރި ވާންޖެހެނީކީ. އެކަމެއް އެބައެއްގެ ނޮލެޖަށް އަންނަ ހިސާބުން އެބަ ޖެހޭ އަހުލުވެރި ވާން. ފާސް ކޮށްފައި ގެޒެޓް ކުރީމާ ދެން މި ޖެހެނީ އަމަލު ކުރަން، ކޮންމެހެން އަހުލުވެރި ވާކަށް ނޫން،" އެ ވަކީލު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްޔެ ވާހަކަ ދައްކަވަމުން މެމްބަރު ވަހީދު (ލޯޔަރު ވައްޑޭ) ވިދާޅުވީ ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އަމަލު ކުރުން ފަސް ކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައި އޮތީ މީހުން ތަމްރީން ކުރުމަށް މުއްދަތެއް ހޯދުމުގެ ބޭނުމުގައި އެކަންޏެވެ. އަދި މި އިސްލާހަކީ "މަޖިލީހުގެ މެންބަރުންގެ ގައިގައި އަތްލުމަށް ފުރުސަތެއް ހޯދުމަށް ޓަކައި" ހުށަހެޅި އިސްލާހެއް ކަމަށް ވައްޑޭ ވިދާޅުވި އެވެ.
"ހިތު ހުރިހާ ގޮތަކަށް ބާރުގެ ބޭނުން ކުރައްވައިގެން ކަންކަން ކުރެއްވުމުގެ މަޤްޞަދުގައި ހުށަހަޅާފައި އޮތް ބިލެއް، އިސްލާހެއް މިއީ. މި އިސްލާހުގައި އެންމެ ބޮޑަށް ވިސްނަންޖެހޭ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގައިގައި އަތްލާނީ މި ގާނޫނު މިގޮތަށް ފުރުސަތު ދީފި ކަމަށް ވަނީ ނަމަ،" މިހާރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގައި ހުންނެވި ވައްޑެ ވިދާޅުވި އެވެ.
"މި ޖިނާއީ އިޖުރާއަތުގެ ބިލު ފާސްނުވެގެން، ގާނޫނަކަށް ނުވެގެން ކޯޓުތައް ތިބީ ކެތްމަދުވެފައި. ފުލުސް އޮފީހާއި އަދި ޖިނާއީ ތަހްގީގުތައް ހިންގާ ފަރާތްތައް ތިބީ ކެތްމަދުވެފައި. މި ފާސްވެގެން ދިޔައިމަ ވެސް އަނެއްކާވެސް މަސައްކަތް ކުރަމުން މި ގެންދަނީ މިކަން ހުއްޓުވުމަށްޓަކައި. މިއީ އަޅުގަނޑުމެން އަމިއްލަ އަށް އަޅުގަނޑުމެން ކަރުގައި ހިފުން ކަހަލަ ކަމެއް. އެހެންވީމާ، މިކަހަލަ ޒާތުގެ ކަންތައްތައް ކުރުމަށް، މިއީ އިޞްލާޙެކޭ ބުނެ މިކަން އަސްލު ހުށަހަޅައިގެންނުވާނެ."
ޖިނާއީ އިޖުރާއާތުގެ ގާނޫނު އެކުލަވާލީ މީގެ ތިން އަހަރު ކުރިން ފެށިގެން ޝަރުއީ ދާއިރާ އާއި ތަހުގީގީ އިދާރާތަކާއި ގާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް ފަހު އެވެ. މި ގާނޫނަށް އަމަލްކުރަން ފަށާ އިރު، ކޯޓުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންތަކާއި ތަހުގީގީ އިދާރާތަކުން ކުރަން ޖެހޭ ކަންތައް، އެ މަޝްވަރާތަކުގެ ތެރެއިން ވެސް ހުންނާނީ ދެނެގަނެވިފަ އެވެ. އެހެންކަމުން، ޝަރުއީ މަރުހަލާތައް ފުރިހަމަ ކުރެވެން އޮތް ދަނޑިވަޅެއްގައި، އެކަމަށް އެންމެ ބޭނުންތެރި ގާނޫނު ކުރިމަތީގައި އޮވެމެ، އެ ގާނޫނަށް އަމަލު ކުރުން ފަސް ކުރުމަކީ ޖިނާއީ އަދުލުގެ ނިޒާމުން ނާޖާއިޒު ފައިދާ ނަގަނީ ކަމަށް ކުރާ ތުހުމަތުތައް އިތުރުވާނެ ކަމެކެވެ.