27 އެޕްރީލް 2021 - 12:10

ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒް 28 ޕަސެންޓް މީހުން ޖަހައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގައި 82،827 މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ދީފައިވާ ކަމަށެވެ. ފުރަތަމަ ޑޯޒް ދިން މީހުންގެ އަދަދު އުޅެނީ 292،413 ގަ އެވެ.
އެ ދުވަހު އެކަނި ވެސް 1،186 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ދިންއިރު 5،904 މީހުންނަށް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާފައި ވެ އެވެ.
ސަރުކާރުން ވަނީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން ކަރަންޓީން ނުވެ ދަތުރުކުރެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފަ އެވެ.
އާ އުސޫލުގައި ބުނީ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒުތައް ހަމަވެފައިވާ ނަމަ ކަރަންޓީންވުމަކާ ނުލައި އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަށުގެ 60 ޕަސެންޓް މީހުންނަށް ވެކްސިންގެ ޑޯޒް ނުދެވޭ ނަމަ ބަލި އުޅޭ ނިސްބަތް ފަސް ޕަސެންޓަށް ވުރެ މަތި ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ މީހުންނަށް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރެވޭނެ އެވެ.
އެ މީހުންނާއެކު، ވެކްސިން ޖަހަން ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރާ ނަމަ އެ ކުދިންގެ ވެސް ޕީސީއާރު ނެގެޓިވް ޓެސްޓާއެކު ދަތުރުކުރަން އަންގާފައި ވެ އެވެ.