ކެޓްރީނާ އާއި ވިޖޭގެ ފިލްމު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
ކެޓްރީނާ އާއި ވިޖޭގެ ފިލްމު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ތަމަޅަ އެކްޓަރު ވިޖޭ ސެތުޕަތީ އާއި ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް ކުޅެން ސޮއިކޮށްފައި އޮތް ފިލްމު "މެރީ ކްރިސްމަސް" ގެ މަސައްކަތް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

ވިޖޭ ބުނީ ފިލްމު ފަސްކުރީ މި މަހުގެ 15 ގައި ޝޫޓިން ފަށަން ތައްޔާރުވެގެން ތިއްބައި ކެޓްރީނާ އަށް ކޮވިޑް-19 ޖެހުމުގެ އިތުރަށް މިހާރު އިންޑިއާގައި އެ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ ކަމަށެވެ. މި މަހުގެ ކުރީކޮޅު ކެޓްރީނާ އަށް ކޮވިޑް ޖެހުނަސް އޭނާ މިހާރު ހުރީ ބަލިން ރަނގަޅުވެފަ އެވެ. ކެޓްރީނާ ސޮއިކޮށްފައި ހުރި ފިލްމުތަކުގެ ތެރެއިން ސަލްމާ ޚާންގެ "ޓައިގާ 3" އަކީ ޝޫޓިން ފަށާފައި އޮތް ފިލްމެކެވެ.

ވިޖޭ ބުނި ގޮތުގައި "މެރީ ކްރިސްމަސް" ގެ މަސައްކަތް ދެން ފަށާނީ ކޮވިޑްގެ ހާލަތު ރަނގަޅުވި އިރަކުންނެވެ. މި ފިލްމަކީ "އަންދާދުން" ގެނެސްދިން ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ ތުރިލާއެކެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާންމުކޮށް އިންޑިއާގައި ހަދާ ތިން ގަޑިއެއްހާ އިރުގެ ފީޗާ ފިލްމުތަކާ ހިލާފަށް "މެރީ ކްރިސްމަސް" އަކީ 90 މިނިޓްގެ ފިލްމެކެވެ. އަދި އޭގެ ބޮޑު ބައި ޝޫޓްކުރާ ގޮތަށް އޮތީ ޕޫނޭގަ އެވެ.

މި ފިލްމުގެ މަސައްކަތް މަޑުޖައްސައިލަން ޖެހުނު އިރު ސްރީރާމް އޮތީ ވަރުން ދަވަނާ އެކު "އެއްކީސް" ނަމުގައި ބައޮގްރަފިކަލް ޑްރާމާއެއް ވެސް ހަދަން 2019 ގައި އިއުލާންކޮށްފަ އެވެ. އެ ފިލްމުގެ މަސައްކަތް ފަށާ ގޮތަށް އޮތީ "މެރީ ކްރިސްމަސް" އަށް ފަހު އެވެ.