29 އެޕްރީލް 2021 - 07:36

ދާދި ފަހުން ބޮލީވުޑްގެ އެކްޓަރު ރާޖްކުމާރު ރާއޯ ސޮއިކުރި ނެޓްފްލިކްސްގެ ފިލްމު "މޮނިކާ، އޯ މައި ޑާލިން" އިން އޭނާ 15 ކްރޯޑް ރުޕީސް ފީއެއް ލިބޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރާޖަކީ މި ވަގުތު ބޮލީވުޑްގައި ތިބި ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު އެކެކެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ނެޓްފްލިކްސް އަށް ހަދާ ފިލްމަށް ރާޖް 15 ކްރޯޑް ރުޕީސް (2.01 މިލިއަން ޑޮލަރު) ގެ އަގެއްކީ އޭނާ މިހާރު ފިލްމު ކުޅޭ އަގު ވެސް ބޮޑުކޮށްފައިވާތީ އެވެ. އެގޮތުން "މޮނިކާ، އޯ މައި ޑާލިން" އަކީ މިހާތަނަށް އެންމެ ބޮޑު އަގެއް ކީ ފިލްމު ކަމަށް ބުންޏެވެ.
ނަމަވެސް ފިލްމު ކުޅޭ އަގު ބޮޑުކުރުމާ ބެހޭ ގޮތުން ރާޖް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. ނެޓްފްލިކްސްގެ "މޮނިކާ، އޯ މައި ޑާލިން" ގެ ކުރިން ވެސް ނެޓްފްލިކްސްގެ ދެ ޕްރޮޖެކްޓެއްގައި އޭނާ މަސައްކަތްކުރި އެވެ. އެއީ މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އަނޫރާގް ބާސޫގެ އެންތޮލޮޖީ ފިލްމު "ލޫޑޯ" އާއި ޖެނުއަރީ މަހު ޕްރިމިއާކުރި ޕްރިޔަންކާ ޗޯޕްރާގެ "ދަ ވައިޓް ޓައިގާ" އެވެ.
މިހާރު ޕްރި-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "މޮނިކާ، އޯ މައި ޑާލިން" އަކީ ޑައިރެކްޓަރު ސްރީރާމް ރަގްވަން ޕްރޮޑިއުސްކޮށް، ވަސަން ބާލާ ޑައިރެކްޓްކުރާ ފިލްމެކެވެ.
ކާކީ ކޮމެޑީއެއްގެ ގޮތުގައި ހަދާ މި ފިލްމުގެ ބަތަލާ އަކީ ހުމާ ގްރޭޝީ އެވެ.
ރާޖްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަދާއީ ދޯ" އާއި "ހަމް ދޯ ހަމާރޭ ދޯ" ހިމެނެ އެވެ.