ވަޓްސްއެޕަށް ވީޑިއޯ ކޯލް
ވަޓްސްއެޕަށް ވީޑިއޯ ކޯލް

ބިލިއަނަކަށް ވުރެ ގިނަ މީހުން ބޭނުންކުރާ ޗެޓް އެޕްލިކޭޝަން ވަޓްސްއެޕް އިން ވީޑިއޯ ކޯލް ކުރެވޭ ގޮތް ހަދައިފި އެވެ.

އައިފޯނާއި އެންޑްރޮއިޑް އަދި ވިންޑޯޒް ފޯން ޑިވައިސްތަކަށް ދޫކުރަމުން އަންނަ މި އަޕްޑޭޓް ކުރިއަށް އޮތް ދުވަސްތަކުގައި ދޫކޮށް ނިންމާނެ އެވެ. މި އަޕްޑޭޓް ދޫކޮށްފައި މި ވަނީ ޓެސްޓްކުރުމުގެ މަރުހަލާތަކެއް ފުރިހަމަކުރުމަށް ފަހުގަ އެވެ.

ވަޓްސްއެޕަށް ވީޑިއޯ ކޯލް ދީފައި މި ވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ އެތައް ބަޔަކު އެކަމަށް އެދެމުން އަންނާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މި އަޕްޑޭޓަށް ފަހު، ކޮންޓެކްޓް ހުޚުވުމުން ކަނާތްފަރާތު މަތީ ކަނުގައި ވީޑިއޯ ކޯލް އައިކަންއެއް އިންނާނެ އެވެ. ޕްރައިމަރީ ކެމެރާ އާއި ފްރަންޓް ކެމެރާ އިން ވެސް ވީޑިއޯ ބޭނުންކުރެވޭ ގޮތަށް ހަދާފައި ވާއިރު ވީޑިއޯ ކޯލް ކުރިއަށް ދާއިރު، ވީޑިއޯ ކޯލްގެ އަނެއް ކޮޅުގައިވާ މީހާ އަށް އަޑު ނީވޭ ގޮތަށް މިއުޓްކޮށްލެވޭނެ އެވެ.

އެޕަލްގެ ފޭސްޓައިމްއާ ޚިލާފަށް ކޮންމެ އޮޕަރޭޓިން ސިސްޓަމެއްގެ ފޯނަކުން ވެސް އެހެން އޮޕަރޭޓިން ސިސްޓަމެއްގެ ފޯނަކަށް ވެސް ވަޓްސްއެޕުން ވީޑިއޯ ކޯލް ކުރެވޭނެ އެވެ. އަދި ވަޓްސްއެޕް ވީޑިއޯ ކޯލް ވެސް ޓެކްސްޓް މެސެޖެކޭ އެއްގޮތަށް ވާނީ އެންކްރިޕްޓް ކޮށްފަ އެވެ.

ފޭސްބުކުން 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހު 19 ބިލިއަން ޑޮލަރަށް ވަޓްސްއެޕް ގަތް ނަމަވެސް އެ އެޕްލިކޭޝަން ހިންގަމުން ދަނީ ވަކިންނެވެ. އޭރު ވަޓްސްއެޕަށް ހާއްސަކޮށްފައި ވަނީ ފަންސާހަކަށް މުވައްޒަފުން ކަމަށް ވިޔަސް މިހާރު އެ އަދަދު 200 އަށް އަރަ އެވެ.