27 އެޕްރީލް 2021 - 10:23

އދ. ދަނގެތީގެ މިސްކިތެއްގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ރޭ ތަރާވީހް ނަމާދަށް މީހުން ތިއްބާ ވަގަށް ނަގައިފި އެވެ.
ދަނގެތިން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ވަގަށް ނެގީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާއި ދަނގެތީގެ ޖަމިއްޔާތަކާ ގުޅިގެން ފަގީރުންނަށް ސަދަގާތް ކުރުމަށް މިސްކިތުގައި ބެހެއްޓި ފަންޑު ފޮއްޓެކެވެ.
ނަމާދު ވަގުތު މިސްކިތުގައި ބެހެއްޓުމަށް ފަހު ގެންދާ ފޮށި ރޭގެ ތަރާވީހް ނަމާދަށް ފަހު ބެލި އިރު މިސްކިތުގައި ނެތުމުން އެންމެން އެ ފޮށި ހޯދުމަށް ރަށު ތެރެއަށް ބަލަނިކޮށް ފެނުނީ މިސްކިތް ކައިރީ ހުންނަ ފަޅު ގެއެއްގެ ކައިރިން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ފޮށި ފެނުނު އިރު އޭގައި ހުރި ފައިސާތައް ވަނީ ނަގައިފަ އެވެ.
"މި ރަށުގައި މީގެ ކުރިން ވެސް ފަންޑު ފޮށި ބަހައްޓާ. ދުވަހަކު ވެސް އެކަހަލަ ކަމެއް ދިމާ ނުވާތީ އެހާ ސޭފްޓީއަކަށް ނުވިސްނާ ތިބީ. އެ ފޮށީގައި އުޅޭނެ ގާތްގަނޑަކަށް 6000ރ." ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.