ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް" އަށް އޮންރީ އާއި ޝިއެރާ
ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް" އަށް އޮންރީ އާއި ޝިއެރާ

ލަންޑަން (27 އޭޕްރީލް) - އިނގިރޭސި ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް" އިން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިންގެ ޝަރަފު ތިއޭރީ އޮންރީ އާއި އެލެން ޝިއެރާ ހޯދައިފި އެވެ.

ކުރިން ނިއުކާސަލް އަށް ކުޅުނު ޝިއެރާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ނިއުކާސަލް އާއި ބްލެކްބާނާއެކު، ޝިއެރާ ވަނީ ޕްރިމިއާ ލީގުގައި 260 ލަނޑު ޖަހައިފަ އެެވެ.

"ޕްރިމިއާ ލީގުގައި ވަރަށް މޮޅެތި ކުޅުންތެރިން ކުޅެފި. އެހެންކަމުން ހޯލް އޮފް ފޭމް އިން ޖާގަ ލިބުމަކީ އަހަންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް،" ޝިއެރާ ،50، ބުންޏެވެ.

އާސެނަލްގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް އޮންރީ ވަނީ އެ ކްލަބާއެކު ދެ ފަހަރު ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފަ އެވެ. ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، 2003 / 2004 ވަނަ އަހަރު ލީގު ނެގި އާސެނަލްގެ ޓީމުގައި ވެސް އޮންރީ ހިމެނުނެވެ.

އޮންރީ ބުނީ ޝިއެރާއާއެކު، ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް" އިން ޖާގަ ލިބުނީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޕްރިމިއާ ލީގުގެ "ހޯލް އޮފް ފޭމް"ގައި އިތުރު ކުޅުންތެރިން ހިމެނުމަށް، 23 ކުޅުންތެރިން ޝޯޓްލިސްޓެއް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި ޝޯޓްލިސްޓުން "ހޯލް އޮފް ފޭމް" އިން ޖާގަ ލިބޭނެ ކުޅުންތެރިން ހޮވާނީ އާންމުކޮށް ހުޅުވާލާ ވޯޓަކުންނެވެ.

މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ޑޭވިޑް ބެކަމް އާއި ޑެނިސް ބާގްކޭމްޕާއި ޑިޑިއޭ ޑްރޮގްބާ އަދި ރިއޯ ފާޑިނާންޑް ހިމެނެ އެވެ.