ކޮވިޑު ޖެހޭ މީހުން އިތުރުވަނީ، 328 މީހުން ޕޮޒިޓިވްވެއްޖެ
ކޮވިޑު ޖެހޭ މީހުން އިތުރުވަނީ، 328 މީހުން ޕޮޒިޓިވްވެއްޖެ

ކޮވިޑު ޖެހޭ މީހުން އާދަޔާ ހިލާފަށް އިތުރުވެ، އެ ބައްޔަށް އިތުރު 328 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް 3،252 ސާމްޕަލް ޓެެސްޓުކުރި ކަމަށެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 167 އަދި ރަށްރަށުން 127 މީހަކާއި ރިސޯޓުތަކުން 10 އަދި ސިނާއީ މަސައްކަތްކުރާ ރަށްރަށުން 24 މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.

އެއާއެކު، ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ އަދަދު ވަނީ 28،000 އިން މައްޗަށް އަރައިފަ އެވެ.

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ދިން ބޮޑެތި ލުއިތަކަށް ފަހު، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.

އިއްޔެ 253 އަދި އޭގެ ކުރީ ދުވަހު ވެސް 218 މީހަކު ޕޮޒިޓިވްވި އެވެ. އެހެންވެ، އެކްޓިވް ކޭސްތައް ވެސް ވަނީ މި ފަހުން މައްޗަށް ނުދާ ވަރަށް އިތުރުވެފަ އެވެ. ކޮވިޑުގެ އެކްޓިވް ކޭސްތައް މިހާރު ހުރީ 3،701 ގަ އެވެ.

ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 126 މީހަކަށް މި ވަގުތު ފަރުވާ ދެ އެވެ. ބަލިން 112 މީހަކު ރަނގަޅުވެފައި ވެ އެވެ.