ގެއްލުމެއް ވީކަން ސާބިތުކޮށްނުދެވޭ ނަމަ ބަދަލު ނަގައެއް ނުދެވޭނެ: ސުޕްރީމް ކޯޓު
ގެއްލުމެއް ވީކަން ސާބިތުކޮށްނުދެވޭ ނަމަ ބަދަލު ނަގައެއް ނުދެވޭނެ: ސުޕްރީމް ކޯޓު

އެއްބަސްވުމާ ހިލާފުވި ނަމަވެސް އެކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ސާބިތުކޮށްނުދެވޭ ނަމަ އެ ގެއްލުމުގެ ބަދަލެއް ޝަރީއަތުން ނަގައިނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެންމެ މަތީ ކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ، ޅ. ކުރެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ އެއްބަސްވުން ބާތިލްކޮށް މާޗު 18، 2013 ގައި އެމްޓީސީސީއާ ހަވާލުކުރުމުން، އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ޔޫމެޓް ކޮންސްޓްރަކްޝަނުން ދައުވާ ކުރުމުންނެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން ޔޫމެޓް ކޮންސްޓްރަކްޝަނާއި ވާކްސް ކޯޕަރޭޝަނުން ޖެނުއަރީ 27، 2011 ގައި ޖޮއިންޓް ވެންޗާ އެއްބަސްވުމެއް ހެދި އެވެ. ނަމަވެސް މަސައްކަތްތައް ހައުސިން މިނިސްޓްރީއަށް ބަދަލުކުރާނެ ކަމަށް އެ ކޯޕަރޭޝަނުންނާއި ފިނޭންސް މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީން ބުނުމުން އެކަމުގެ މައްޗަށް ބަރޯސާވެެ ވާކްސް ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނިކޮށް އެއްބަސްވުން ބާތިލްކުރީ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޫމެޓު ކުންފުނިން އެދުނީ 36 މިލިއަން ރުފިޔާ ނަގައިދޭށެވެ. އެކަމަކު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އެއްބަސްވުމުގެ ދަށުން ޔޫމެޓް ކޮންސްޓްރަކްޝަނަށް ލިބިފައިވާ 7.9 މިލިއަން ރުފިޔާ އުނިކުރުމުން ބާކީވާ 13.4 މިލިއަން ރުފިޔާ އަކީ ވާކްސް ކޯޕަރޭޝަނާއި ހައުސިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެ ނިންމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން 13.4 މިލިއަން ރުފިޔާގެ ބަދަލަކީ ޔޫމެޓަށް ދޭންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅާފައިވާ ބައި ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ވެސް ވަނީ ހައި ކޯޓުގެ ހުކުމަށް ތާއިދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި، ކޮންޓްރެކްޓާ ހިލާފު އަމަލެއް ކުރިކަން ނުވަތަ އެއްބަސްވުމުގެ ވަކި ފަރާތަކުން އެއްބަސްވުމާ ހިލާފުވިކަން ސާބިތުކޮށްދިނުމާއި އެފަދަ އަމަލެއްގެ ސަބަބުން ގެއްލުމެއް ލިބުނުކަން ނުވަތަ ލިބިދާނެކަން ސާބިތުކޮށްދިނުމަކީ ތަފާތު ދެ ކަމެއްކަން އެނގޭ ކަމަށެވެ.

އެހެންވެ، ސާބިތުނުކޮށްދެވާނަމަ ގެއްލުމުގެ ބަދަލެއް ނަގައި ނުދެވޭނެކަމަށް ހުކުމުގައި ވެ އެވެ.

"އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ހިލާފުވިކަން ސާބިތުވުމަކީ ހުރިހާ ހާލަތެއްގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާއަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބުނީީ ކަމުގައި ނުވަތަ ލިބިދާނެ ކަމުގައި ބަލަންޖެހޭނެ ކަމެއް ނޫނެވެ. އަދި އެއީ އަނެއް ބައިވެރިޔާގެ ކިބައިން ގެއްލުމެއްވިނަމަ، އެކަން ސާބިތުކުރުމުގެ ބުރަ ނެތިގެންދާނެ ކަމެއް ވެސް ނޫނެވެ. އެއްބަސްވުމުގެ ބައިވެރިަކު އެއްބަސްވުމާ ހިލާފުވި ނަމަވެސް އެ ކަމުގެ ސަބަބުން ގެއްލުމެއް ލިބުނުކަން ސާބިތުނުވާނަމަ އެ ގެއްލުމުގެ ބަދަލެއް ޝަރީއަތުން ނަގައި ނުދެވޭނެ އެވެ،" ހުކުމުގައި ވެ އެވެ.

ހުކުމުގައި ބުނީ ގެއްލުމުގެ ބަދަލުގައި ނަގައިދެވޭ ފައިސާއަކީ އެއްބަސްވުމުގެ އިލްތިޒާމްތައް ފުރިހަމަކުރުންމަތީ ދެމިހުރި ފަރާތަށް އެކަމުގެ އިނާމެއްގެ ގޮތުން ނަގައިދެވޭ އެއްޗެއް ނޫނެވެ. އެއާ ހިލާފަށް ގެއްލުމުގެ ބަދަލަކީ ޝަރީއަތުގައި ކަންކަން ސާބިތުކުރުމަށް އޮންނަ ހަމަތަކުގެ މަތިން، އެކަންކަމަށް ރިއާޔަތް ކޮށްގެން ނޫނީ ކަނޑައެޅޭނެ އެއްޗެއް ނޫން ކަމަށް ބުންޏެވެ.

"އެއްބަސްވުމުގެ ބައިވެރިޔަކު އެއްބަސްވުމާ ހިލާފުވިކަމާއި އެ ހިލާފުވުމުގެ ސަބަބުން ގެއްލުމެއްވި ކަމާއި އެ ގެއްލުންވުމުގައި އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ހިއްސާވާ މިންވަރަކީ ކޮބައިކަމާއި ގެއްލުން ކުޑަކުރުމަށް މަސައްކަތެއް ކުރިނަމަ އެ މަސައްކަތަކީ ކޮބައިކަމާއި ގެއްލުމުގެ ބަދަލުގައި އެދޭ މިންވަރާއި އެއްބަސްވުމުގައި ގެއްލުމުގެ ބަދަލު ނަގައިދިނުމާމެދު ހިމެނިފައިވާ އުސޫލު ފަދަ އެ ގެއްލުމަކާ ގުޅިގެން ޝަރީއަތަށް ސާބިތުވާންޖެހޭ އަދި ރިއާޔަތް ކުރަންޖެހޭ އެންމެހާ ކަންކަން ޝަރީއަތަށް ސާބިތުވެ، އެކަަންކަމަށް ރިއާޔަތް ކުރެވިގެން ނޫނީ ކަނޑައެޅޭނެ އެއްޗެއް ނޫން ކަމެވެ،"

އެ މައްސަލައިގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ.