ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

ރާއްޖޭގެ ފިލްމީ ދާއިރާގެ މީހުން އަބަދު ވެސް ދައްކަނީ އެހެން ދާއިރާތައް ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރާ ގޮތަށް ފިލްމީ ދާއިރާ އަށް މަސައްކަތް ނުކޮށްދޭ ވާހަކަ އެވެ. އެއީ ހަގީގަތަކަށް ވެސް ވެދާނެ އެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

މި އަހަރުގެ ހިތްވަރު ދިނުމުގެ އިނާމަށް ބަލާ އިރު ވެސް، ފިލްމީ ދާއިރާ އިން އެއްވެސް ފަންނާނަކަށް އިނާމެއް ނުލިބެ އެވެ. އެކަމަކު ހަމައެކަނި ކުޅިވަރުގެ ދާއިރާ އިން ވެސް މި އަހަރު ހަ މީހަކަށް ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބުނެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

ފިލްމީ ދާއިރާ އަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ އެވޯޑެއް ދިނުމަކީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ކޮންމެ ބަޔަކު ވެސް އެ ބަޔަކު ކުރާ މަސައްކަތުގެ އަގު ކޮންމެވެސް ސިފައެއްގައި ވަޒަން ކުރަން އުންމީދު ކުރާނެ އެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

ރާއްޖޭގެ ފިލްމީ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑަކީ ގައުމީ ފިލްމް އެވޯޑެވެ. އެކަމަކު މި އެވޯޑް ބާއްވަމުންދާ ގޮތާ ދޭތެރޭ ހިތްހަމަނުޖެހޭ ބަޔަކު ވެސް އެބަ ތިއްބެވެ. ހަމައެއާ އެކު މި އެވޯޑް ދެމުން ދާ ގޮތާ ދޭތެރޭ ފިލްމީ ދާއިރާ އަށް ލޯބި ކުރާ މީހުންގެ މެދުގައި ވެސް ފާޑު ކިޔުންތަކެއް އެބަ ހުއްޓެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

އެންމެ ފުރަތަމަ މިދިޔަ އަހަރު ބޭއްވި އެވޯޑަށް ބަލައިލަމާ ހިނގާށެވެ. އެ އެވޯޑް ހާއްސަ ކުރީ 2008-2010 އަށް ރިލީޒްވެފައި ހުރި ފިލްމުތަކަށެވެ. އެވޯޑް ދިނީ ތިން އަހަރު ރިލީޒްވި ފިލްމަތަކެއް އެއް މިންގަނޑަކުން ކިރައިގެންނެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

އަންނަ މަހު ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑް ބާއްވަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ އެވޯޑް ހާއްސަކޮށްފައި ވަނީ 2011-2013 އަށް ރިލީޒްވި ފިލްމުތަކަށެވެ. އަނެއްކާ ވެސް ތިން އަހަރު ރިލީޒްވި ފިލްމްތައް އެއްކޮށްލައިގެން އެވޯޑް ދެނީ އެވެ. މި ފަހަރުގެ އެވޯޑްގައި 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރެ އެވެ.

ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް
ފިލްމުތަކަށް އެވޯޑް ދިނުމުގައި އިންތިޒާމެއް ނެތް

މި ތައްގަނޑަށް ރާއްޖޭގައި ފިލްމް އެވޯޑް ދޭން ޖެހެނީ ގިނަ ސަބަބުތަކެއް ވެސް ހުރެގެންނެވެ. ފުރަތަމަ ކަމަކަށް، ފިލްމީ ދާއިރާގެ އެއްވެސް ކަމެއް ތަރުތީބު ކުރެވިފައި ނެތީ އެވެ. އެ ދާއިރާގެ ބެލެނިވެރިޔަކު ނެތީ އެވެ. ހަމައެކަނި ޝައުގުވެރިވާ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންތަކެއް ފިލްމް ހަދާފައި ނެރޭ އުސޫލެއް އޮންނާތީ، އެއްވެސް ކަމެއް ހަރުދަނާ އުސޫލެއްގެ ތެރެއިން ކުރިއަށް ދާނެ ގޮތެއް ރޭވިފައި ނޯންނަނީ އެވެ.

އަނެއްކޮޅުން ސިޔާސީ އެކި ކަހަލަ ކަންތައްތަކަށް އިސްކަން ދެވޭލެއް ބޮޑުކަމުން ގަވައިދުން އެވޯޑް ނުބޭއްވި ފިލްމްތައް ކިއު ޖެހެނީ އެވެ.

ގިނަ ފަހަރަށް ފިލްމް ހަދަނީ ވިޔަފާރީގެ އުސޫލުން ކަމަށްވާތީ، ކޮލިޓީ އަށް އިސްކަމެއް ނުދެވެ އެވެ. ވިޔަފާރި އަށް ވިސްނައިގެން ފިލްމް ހަދާތީ، ރާއްޖޭގެ ސިނަމާ އަށް ފިލްމެއް އަންނާނީ ވެސް ހާލަކުން ފަހަރަކު އޭ ބުނުމަކީ ގޯހަކަށް ނުވާނެ އެވެ.

އެހެންވެ ބެލުންތެރިން ހަގީގަތުގައި ބޭނުންވާ ވަރާ ގާތަށް ވެސް ސިނަމާއަކަށް ފިލްމެއް ނާދެ އެވެ. ފާއިތުވި ފަސް އަހަރަށް ބަލާ އިރު ވެސް، އަހަރަކު މަދުވެގެން 10 ފިލްމް ވެސް ސިނަމާ އަށް ގެނެވިފައެއް ނެތެވެ.

މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާ އިރު، އެއް ދުވަސްވަރެއްގައި ރާއްޖޭގައި އަހަރަކު 10-14 ފިލްމް ރިލީޒްވި ދުވަސްވަރެއް ވެސް ހިނގައްޖެ އެވެ. ހަމައެއާ އެކު ގިނަ އަދަދެއްގެ ކުރު ފިލްމްތައް ވެސް ފުލުފުލުހުން ނެރުނު ދުވަސްވަރެއް މާޒީވެގެން ހިނގައްޖެ އެވެ.

އޭރު ބައެއް އެހެން އެވޯޑްތައް ވެސް ތައާރަފުވެގެން ދިޔަ އެވެ. އޭގެ ތެރޭގައި "އާފަތިސް އެވޯޑް" އާއި "މިއަދު" ނޫހުގެ "ކްރިސްޓަލް އެވޯޑް" ހިމެނެ އެވެ.

ފިލްމީ ދާއިރާ އަށް ހާއްސަ ޖަމިއްޔާއެއް މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ނަމުގައި އެބަ އޮތެވެ. އެ ޖަމިއްޔާ އިން ވެސް އެވޯޑެއް ދެ އެވެ. އެކަމަކު އެ ޖަމިއްޔާއަކީ މިހާތަނަށް އައި އިރު، އެކަށީގެންވާ ގޮތަކަށް ހަރަކާތްތެރި ޖަމިއްޔާއެއް ނޫނެވެ. މިދިޔަ އަހަރާއި 2014 ގައި ރިލީޒްވި ފިލްމުތަކަށް އެމްއެފްއޭ އިން އެވޯޑް ދޭން ނިންމައި، އޮކްޓޯބަރު މަހު އެވޯޑް ހަފުލާ ބާއްވާނެ ކަމަށް ވެސް އިއުލާން ކުރި އެވެ. އެކަމަކު އޭގެ ފަހުން ބަހަބަރެވެ.

ގައުމީ ފިލްމީ އެވޯޑްގެ ވާހަކަ ދައްކާ އިރު، އެވޯޑް ތަރުތީބަކުން، ހަމަޖެހޭ އުސޫލަކުން ކުރިއަށް ދާނީ އެވޯޑެއް ބޭއްވޭ ވަރަށް ފިލްމްތައް ރިލީޒްވެގެންނެވެ. އެކަމަކު އެ މިންގަނޑު ކަނޑައަޅާނީ ކިހިނެއް، ކޮން ބައެއްތޯ އެވެ؟

ފިލްމީ ދާއިރާގެ ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މަދުވެގެން އަހަރަކު ފަސް ފިލްމް ނިކުތުމަކީ ރާއްޖޭގައި އެވޯޑެއް ބާއްވަން އެކަށޭނެ އަދަދެކެވެ. އެހެންވެ އެ އަދަދަށް ނުވަތަ އެއަށް ވުރެ އިތުރަށް އަހަރު ނިމޭ އިރު، ފިލްމްތަކެއް ރިލީޒްވެފައި ހުރި ނަމަ ޖެހިގެން އަންނަ އަހަރު، އެ ފިލްމުތަކަށް އިންސާފުކޮށްފައި އެވޯޑް ދޭންވީ އެވެ.

އެވޯޑެއް ލިބުމުގެ އަސްލު އުފާ އިހުސާސް ކުރެވޭނީ އޭރުންނެވެ. އޭގެ މުއާލާތް ކެނޑޭ ފަހުން، ދެތިން އަހަރު ފަހުން، އޭގެ ފަހުން ނިކުންނަ ފިލްތަކާ އެއްކޮށްލައިގެން އެވޯޑް ދޭ ނަމަ، އެކަން އެންމެ އިންސާވެރިކޮށެއް ނުދާނެ އެވެ.

އެހެންވެ މިއީ އަސްލު ފިލްމީ ދާއިރާގެ މައްސަލައެއް ކަމަށް ބަލަމާ ހިނގާށެވެ. ވިޔަފާރިއަކަށް ވުރެ ދުރަށް ވިސްނައިގެން ކޮލިޓީ ރަނގަޅު، ގިނަ ފިލްމުތަކެއް އަހަރެއްގެ ތެރޭގައި ރިލީޒްކުރަން އަޒުމް ކަނޑައެޅި ދާނެ އެވެ. އެކަން އޮތީ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ އަތްމަތީގަ އެވެ.

ހާއްސަކޮށް ގައުމީ އެވޯޑެއްގެ "ހަގީގީ އުފާ" ހާސިލް ކުރަން ބޭނުން ނަމަ އެވެ. އޭގެ އަސްލު މި ދާއިރާގެ މީހުން ވަޒަބް ކުރާ ނަމަ އެވެ.

ދެހާސް ސާދަ އަށް ބަލައިފި ނަމަ ސިނަމާ އަށް އައީ އެންމެ ހަތަރު ފިލްމެވެ. މިދިޔަ އަހަރު އެ އަދަދަށް އެއް ފިލްމް އިތުރުވި އެވެ. އެހެންވެ އެ ފިލްމުތަކަށް އަންނަ އަހަރު އެވޯޑް ދޭނީ ދެ އަހަރުގެ ފިލްމްތައް އެއްކޮށްލައިގެންނެވެ.

ކޮންމެހެން ބޮލީވުޑާއި ހޮލީވުޑްގެ ވާހަކަ މީގެ ތެރެއަށް ވެއްދުމުގެ މާނައެއް ނެތެވެ. އެ ދެ އިންޑަސްޓްރީއަކީ އަހަރެއްގެ މައްޗަށް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދާ އަހަރަކު އެތައް ފިލްމެއް ނިކުންނަ ދެ އިންޑަސްޓްރީ އެވެ. އެކަމަކު ދެ އިންޑަސްޓްރީ އަށް ބަލައިފި ނަމަ، ދާއިރާގެ މީހުންގެ ހިތްތައް އުފާކޮށް ދޭ ވަރަށް އެވޯޑްތައް ދެ އެވެ. ތަރުތީބުން ފުލުފުލުންނެވެ. އަހަރު ނިމުނީމައި، ދެން އޮންނާނީ ފާއިތުވި އަހަރުގެ ފިލްމުތަކަށް އެވޯޑް ދިނުމުގެ ސީޒަން ފެށިފަ އެވެ.

ފިލްމީ ފަންނާނުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ އެވޯޑެއް ދޭ އިރު، ހަމަ އެވޯޑެއް ދިނުމުގެ ބޭނުމުގައި އެކަން ކުރުމުގެ މާނައެއް ނެތެވެ. މީގެ އަށް އަހަރު ނުވަތަ 10 އަހަރު ކުރީގެ ފިލްމްތަކަށް މިހާރު އެވޯޑް ދިނުމުގެ ބޭނުމެއް އެބަ ހެއްޔެވެ؟ ނުވަތަ ދެތިން އަހަރެއްގެ ފިލްމްތައް އެއްކޮށްލައިގެން އެވޯޑް ދިނުމަކުން އަސްލު އެވޯޑެއްގެ ހާއްސަކަމެއް ނޯންނާނެ އެވެ.

އެކަން އެގޮތަށް ކުރާ ނަމަ އެއީ އިންސާފުވެރިކޮށް ދާނެ ކަމެއް ވެސް ނޫނެވެ. ފިލްމީ މަސައްކަތްތަކަކީ ވަރަށް ބާރު ދުވެލީގައި ކުރިއަރަމުން އަންނަ ދާއިރާއެކެވެ. ރާއްޖޭގައި މި ދާއިރާ އަދި އެހާ ކުޑަކޮށް ފެނުނަސް، މަސައްކަތަށް ބޭނުން ކުރާ ސާމާނާއި ޓެކްނޮލޮޖީ ފަދަ ވަސީލަތްތަކުގެ ނުފޫޒު ދިވެހި ފިލްމީ ދާއިރާގެ ތެރޭގައި މިހާރު ވަރަށް ބޮޑެވެ. ޓެކްނިކަލް ގޮތުން ވަރަށް ބޮޑަށް ދިވެހި ފިލްމްތައް ކުރި އަރައިފި އެވެ.

އެކަމަކު ދެތިން އަހަރެއްގެ ފިލްމްތައް އެއް މިންގަނޑަކުން ކިރައިގެން އެވޯޑް ދޭ ނަމަ، ޓެކްނިކަލް ގޮތުން ފިލްމްތަކަށް ކޮށްފައި ހުރި މަސައްކަތްތަކަށް އެންމެ، އިންސާފުވެރިކޮށް ވަޒަނެއް ނުކުރެވޭނެ އެވެ. އެހެންވެ ގައުމީ އެވޯޑެއް ދޭ އިރު، މި ކަހަލަ ކަންކަމަށް މިހާރަށް ވުރެ ބޮޑަށް ވިސްނާލުން ރަނގަޅު ކަމަށް ފެނެ އެވެ.

މި އަހަރަކީ އަނެއްކާ ވެސް ފިލްމީ ދާއިރާ އަށް އުންމީދީ އަހަރެކޭ ބުނެވި ދާނެ އެވެ. އަހަރުގެ މިހާތަނަށް އައި އިރު ހަ ފިލްމެއް ސިނަމާ އަށް އަތުވެއްޖެ އެވެ. މި މަހާއި އަންނަ މަހު ވެސް ރިލީޒް ކުރަން ދެ ފިލްމެއް ތާވަލު ކުރެވިފައި އެބަ އޮތެވެ. އެކަމަކު މިހާރު ގައުމީ ފިލްމް އެވޯޑް ދެމުން އަންނަ ގޮތަށް ބަލާ އިރު، މި އަހަރުގެ ފިލްމުތަކަށް އެވޯޑް ދެވޭނީ 2018 ގަ އެވެ.

ބޭނުން ވަނީ މި އުސޫލް ބަދަލުކޮށް ލެވޭނެ މިސްރާބެކެވެ. އެކަމަކު ސުވާލަކީ އެކަން އެގޮތަށް ވާނެތޯ އެވެ؟ އެވަރަށް ފިލްމީ ދާއިރާގެ މަސައްކަތް ކުރިއަށް ހިނގައްޖެތޯ އެވެ؟