26 އެޕްރީލް 2021 - 17:05

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ ނުވަތަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަކީ ކުޅޭކުޅޭ ކޮމިޓީއަކަށް ހެދުމުގެ ފުރުސަތު އެއްވެސް މެމްބަރަކަށް ނުދެއްވާނެ ކަމަށް ވިދާޅުވެ، އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ހަސަން ލަތީފަށް، އަސްލަމްގެ ރައްދު ފޮނުވައިލެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތު ނުދެއްވަން އަސްލަމް އުޅުއްވާ ކަމުގެ ތުހުމަތު ކުރެއްވުމުންނެވެ.
ސަލާމަތީ ހިދުމަތުގައި އެހާރާއި މިހާރުގެ މީހުން އަދި ހަމަ އެގޮތަށް ޝަރުއީ ދާއިރާގެ މީހުން ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ، މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އެ މައްސަލަ ބެލުމަށް އެދިވަޑައިގެން ހަސަން ލަތީފު މިދިޔަ މާޗު 21 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއަކާއެކު، މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ، 241 ކޮމިޓީން މައުލޫމާތު ހޯއްދެވުމަށް އެ ކޮމިޓީގެ މެމްބަރުން އެދިވަޑައިގަތުމުން ވެސް އެކަން ކޮށް ނުދެއްވަން ކޮމިޓީގެ މުގައްރިރު އަސްލަމް އުޅުއްވާ ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެ މައުލޫމާތު ހޯއްދަވަން މެމްބަރުން އުޅުއްވާ ސަބަބު ނަޝީދަށް ފޮނުއްވި ސިޓީން ސާފުވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވެފައި ވެ އެވެ.
އެކަމާ ގުޅިގެން އަސްލަމް "މިހާރު" އަށް ވިދާޅުވީ، 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައި، އެމްއެމްޕީއާރުސީގެ މައްސަލަ ބަލަނީ އެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން ކަމަށެވެ. އެ ސަބް ކޮމިޓީގައި މައްސަލަ އޮންނަތާ އަހަރެއް ވާއިރު، އެ ކޮމިޓީގެ މުގައްރިރަކީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.
"އެ ސަބް ކޮމިޓީގައި ހަސަން ލަތީފު ވެސް އިންނަވާ. އެހެންވިއްޔާ މައްސަލަ ލަސްވާ ނަމަ އެކަން ލަސްވަނީ ހަސަން ލަތީފަށް ވެސް އެނގިވަޑައިގެން ކަމަށް މި ބަލަނީ،" ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އޭގައި ބުނެފައި އޮންނާނެ ސަބް ކޮމިޓީ މެދުވެރިކޮށް އޭގެ މައުލޫމާތު ސާފުކުރައްވަން. ސަބް ކޮމިޓީން އެ މައްސަލަ ބަލާތާ އަހަރަކާ ކައިރި ވަނީ. އެހެންވީމާ، މައްސަލަ ނުނިމޭ ނަމަ އެކަން އެނގޭނީ އެ ކޮމިޓީއަށް ކަމަށް ވާތީ އަޅުގަނޑު އެހެން ދެންނެވީ،" ނަޝީދުއާ ގާތްގުޅުމެއް އޮންނަ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގައި އެންމެ ސީނިއާ އެއް މެމްބަރު އަސްލަމް ވިދާޅުވި އެވެ.
"241 ކޮމިޓީއަކީ ގާނޫނުއަސާސީން ބާރު ދީގެން އުފައްދާފައިވާ ކޮމިޓީއެއް. އެއީ [ހަސަން ލަތީފް] ކުޅޭކުޅޭ ކޮމިޓީއަކަށް ހަދަން އަޅުގަނޑު ފުރުސަތެއް ނުދޭނަން. އަޅުގަނޑު ކޮމިޓީ ހިންގާނީ ގާނޫނީ އިމުގެ ތެރެއިން ކޮމިޓީގެ މެއިންޑޭޓަށް ތަބާވެގެން. އެއިން ބޭރުވާކަށް އެއްވެސް ބަޔަކަށް އަޅުގަޑު ފުރުސަތެއް ނުދޭނަން. ގާނޫނީ އިމުގެ ތެރެއިން، ކޮމިޓީގެ މެއިންޑޭޓުން އައިސްފައިވާ މައްސަލަތައް އަޅުގަނޑުމެން މިހާތަނަށް ވެސް ވާނީ ބަލާފައި. މިހާރު ވެސް ދަނީ ބަލަމުން."
އަސްލަމްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަޖިލީހުގެ އެކިއެކި ކޮމިޓީތަކުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ބެލުމެވެ. ޖުޑިޝަރީ ކޮމިޓި އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުން މައްސަލަ ބަލާއިރު، މާލިއްޔަތު ކޮމިޓީގައި މައްސަލަ އޮންނަތާ ވެސް ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީން ބަލަނީ އެމްއެމްޕީއާރުސީގެ އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަންކަމެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ކޮންމެވެސް އެއް ދިމާލަކުންނޭ މައްސަލަ ބަލަން ވާނީ. މަޖިލީހުގެ އެކިއެކި ކޮމިޓީތަކުން އެއް މައްސަލައެއް ބަލައި، އެކި މެމްބަރުން އެކި ކޮމިޓީތަކަށް ސިޓީ ފޮނުވައިގެން މިހެން ކަންތައް ކުރީމާ އޮޅުންބޮޅުންގަނޑަކަށް މި ވެއްޓެނީ. އެއީ އަޅުގަނޑުގެ ވިސްނުން،" އަސްލަމް ވިދާޅުވި އެވެ.
"މިހާރު ވެސް ތިން ކޮމިޓީއަކުން މައްސަލަ އެބަ ބަލާ. ކޮންމެވެސް އެއް ދިމާލަކުން މި މައްސަލަ ބެލުން އެއީ އަޅުގަނޑު ދެކޭ ގޮތް."