ބީއެމްއެލް އިން ހޯނޑެއްދޫގައި ނޭޗާ ޕާކެއް
ބީއެމްއެލް އިން ހޯނޑެއްދޫގައި ނޭޗާ ޕާކެއް

ބީއެމްއެލް އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ އެހީގައި ގދ. ހޯޑެއްދޫގައި ނޭޗާ ޕާކެއް މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލް އިން ހޯނޑެއްދޫގައި ނޭޗާ ޕާކެއް
ބީއެމްއެލް އިން ހޯނޑެއްދޫގައި ނޭޗާ ޕާކެއް

"ދިގެ މައްކޮޑާ"ގެ ނަން ދީފައިވާ މި ޕާކު ހުންނާނީ ހޯޑެއްދޫ އުތުރު ޗަސްބިން ސަރަހައްދުގަ އެވެ. މި ޕްރޮޖެކްޓަކީ ހޯޑެއްދޫ ސްޕޯޓްސް އިން ހިންގި ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން އެ ސަރަހައްދުގައި 85 ފޫޓުގެ ދިގު ވޯކްވޭއަކާއި ވިއުއިން ޕްލެޓްފޯމެއް ވަނީ ހަދައިފަ އެވެ. އަދި އެ ސަރަހައްދުގައި ބެންޗް ބަހައްޓައި، ބާބަކިއު ހެދޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ހޯޑެއްދޫ ސްޕޯޓްސް އިން ވަނީ މި ސަރަހައްދުގައި މަސްކެނޑުމަށް ހާއްސަ ތަނެއް ވެސް ހަދައިފަ އެވެ. އަދި ކުނި އުކާލަން ޑަސްބިން ވެސް ވަނީ ބަހައްޓައިފަ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮޖެކްޓަކީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން އާއްމުންނަށް ފަސޭހައިން ބަލާލައި ހިތްހަމަޖައްސާލާނެ މާހައުލެއް ގާއިމްކޮށްދިނުމުގެ އިތުރުން މިފަދަ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކާ ހަމަޔަށް ރައްކާތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ ޕްރޮޖެކްޓެއް ކަމަށެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މި ޕްރޮޕޯސަލް ކާމިޔާބު ކުރި މަހްދޫން އާދަމް ބުނީ ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްގެންދިޔައީ ގުދުރަތީ ރީތިކަމަށް ގެއްލުން ނުވާ ގޮތަށް ކަމަށެވެ. އަދި މިއީ ހޯޑެއްދޫގެ އިތުރުން މަޑަވެލީގެ ރައްޔިތުންނަށް ވެސް ބޭނުން ކުރެވޭގޮތަށް ހަދާފައިވާ ތަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ޕްރޮޖެކްޓް ހިންގުމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއްދިނީ މި ސަރަހައްދުގެ ގުދުރަތީ ރީތިކަމަށް ބަދަލު ނާންނާނެހެން އެއްވެސް ގެއްލުމެއް ނުލިބޭނެހެން މަސައްކަތްތައް ކުރަން. އަޅުގަނޑުމެންގެ އުއްމީދަކީ މި ތަނުގެ ފައިދާ ދެ ރަށުގެ ރައްޔިތުންނަށް ވެސް ލިބިގެންދިއުން،"

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މި ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވާ ޕްރޮޖެކްޓުތަކަށް ފަންޑު ކޮށްދޭނީ ބީއެމްއެލް އިންނެވެ.