ދެވަނަ އޮސްކާއާ އެކު އެންތަނީ ހޮޕްކިންސް އަށް ރެކޯޑެއް
ދެވަނަ އޮސްކާއާ އެކު އެންތަނީ ހޮޕްކިންސް އަށް ރެކޯޑެއް

ހޯމަ ދުވަހު ބޭއްވި 93 ވަނަ އޮސްކާ އެވޯޑްސްގައި އެންމެ މޮޅު އެކްޓަރުގެ މަގާމު "ދަ ފާދާ" އިން ލިބުމާ އެކު އެކްޓަރު އެންތަނީ ހޮޕްކިންސް އަށް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް ލިބިއްޖެ އެވެ.

އޭނާގެ ނަން ރެކޯޑް ފޮތަށް އެރީ މިހާތަނަށް އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން އެވޯޑް ހޯދި އެންމެ ދުވަސްވީ އެކްޓަރުގެ ގޮތުގަ އެވެ. އެވޯޑް އޭނާ ލިބުނު އިރު އުމުރަކީ 83 އަހަރާއި 116 ދުވަހެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގެ ޑޮލްބީ ތިއޭޓަރުގައި ބޭއްވި އެވޯޑް ހަފުލާގެ އެންމެ ޝަރަފުވެރި އެއް މަގާމު ހޮޕްކިންސް އަށް ލިބުނު ނަމަވެސް އޭނާ ހަފުލާގައި ބައިވެރިއެއް ނުވެ އެވެ. ބަދަލުގައި އެވޯޑާ ހަވާލުވީ މިދިޔަ އަހަރު އެންމެ މޮޅު އެކްޓަރުގެ އޮސްކާ ލިބުނު ޖޯކީން ފީނިކްސް އެވެ.

މި ފަހަރު ހޮޕްކިންސް އަށް ލިބުނު އެވޯޑަކީ އޭނާ އަށް އެންމެ މޮޅު އެކްޓަރުގެ އޮސްކާ ލިބުނު ދެވަނަ ފަހަރެވެ. ކުރިން އޭނާ އަށް އޮސްކާ ލިބުނީ 1992 ގެ "ސައިލެންސް އޮފް ދަ ލޭމްބްސް" ގައި ކުޅުނު ޑރ. ހެނިބަލް ލެކްޓާގެ ރޯލުންނެވެ.

ދެވަނަ އޮސްކާއާ އެކު ދުނިޔޭގެ ރެކޯޑް ފޮތުން ހޮޕްކިންސް އަށް ޖާގައެއް ލިބުނު އިރު، ކުރިން އޮސްކާގެ މޮޅު އެކްޓަރުގެ މަގާމު ލިބުނު އެންމެ ދުވަސްވީ އެކްޓަރުގެ ރެކޯޑް އޮތީ 1982 ގެ "އޮން ގޯލްޑެން ޕޮންޑް" ގެ ބަތަލު ހޭންރީ ފޮންޑާގެ އަތުގަ އެވެ. އޭނާ އަށް އެވޯޑް ލިބުނު އިރު އުމުރަކީ 76 އަހަރެވެ.

އޮސްކާގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދި އެންމެ ދުވަސްވީ އެކްޓަރަކީ 82 އަހަރުގައި އެވޯޑް ލިބުނު ކުރީގެ އެކްޓަރު ކްރިސްޓޯފާ ޕްލަމާ އެވެ. މި އަހަރުގެ ފެބްރުއަރީގައި މަރުވި އެކްޓަރަށް އަށް އެވޯޑް ލިބުނީ 2010 ގެ "ބިގިނާޒް" އިންނެވެ.