16 ނޮވެމްބަރ 2016 - 17:51

ބޯންމެރޯ ހަދަން އަންނަ މަހު ހަ ކުއްޖަކު ފުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ މޯލްޑިވްސް ބްލަޑް ސާވިސް އާއި އެންސްޕާ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން، ބޯންމެރޯ ހަދަން ދާ ކުދިންގެ އާއިލާތަކާ އިއްޔެ ބައްދަލުކޮށްފައިވާ ކަމަށެވެ.
އެ ކުދިން ދާން ހަމަޖައްސާފައިވަނީ ޓްރިވެންޑްރަމަށެވެ.
އޭނާ ވިދާޅުުވީ މި ފަސް އަހަރުގެ ތެރޭގައި 25 ކުދިންނަށް ބޯން މެރޯ ހަދަން ފުރުސަތު ދިނުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި ނަމަވެސް ތިން އަހަރުގެ ތެރޭގައި އެކަން ފުރިހަމަވަމުން އަންނަ ކަމަށެވެ. އަންނަ މަހު ފުރާ ހަ ކުދިން ހިމަނައިގެން، ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހަދާ ކުދިންގެ އަދަދު 25އަށް އަރާނެ އެވެ.
"މުޅި ވައުދު ތިން އަހަރުގެ ތެރޭގައި ފުރިހަމަކުރެވުނީ. މި ހަ ކުދިން ފުރައިގެން ދިއުމުން އެ ޓާގެޓް ހާސިލްވެފައި އޮންނާނީ،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯންމެރޯ ހަދަން ދާ ކޮންމެ ކުއްޖަކަށް ނުވަ ލައްކައާ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވާ ކަމަށެވެ. ނަމަވެސް ބޯންމެރޯ އަށް ފަހު ވެސް ދިމާވާ ކަންތައްތަކަށް ފައިސާގެ އެހީ ދޭން ހަމަޖައްސާފައިވާތީ އެ އަދަދު މަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.