އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ތިން ބޭފުޅެއްގެ ނަން
އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ތިން ބޭފުޅެއްގެ ނަން

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމަށް ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ މިދިޔަ މަހުގެ 21 ގައި އިސްތިއުފާ ދެއްވުމުންނެވެ. އެއަށްފަހު، ރައީސް އޮފީހުން ވަނީ އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފަ އެވެ.

އެ މަގާމަށް ރައީސް އިސްކަންދެއްވާ ތިން ބޭފުޅުންނަކީ ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު ރ.ސ 5143، އަހުމަދު އާހިދު ރަޝީދު، ހ. ގުރަވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާނެވެ.

އޭގެ ތެރެއިން އާހިދަކީ މީގެ ކުރިން ވެސް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ހަތް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ. އިންފޮމޭޝަން ކޮމިޝަރުގެ އޮފީހަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އުފެއްދި އޮފީހެކެވެ.