26 އެޕްރީލް 2021 - 12:56

އިވެމުން ދިޔައީ ސަމުސާތައް ތަށިތަކުގައި ބޮސްދޭ އަޑެވެ. މަޑުމައިތިރި މިޔުޒިކުގެ ކާނާއަކަށް އެ އަޑުތައް ވުމުން ހިތަށް އަރާމުގޮތެއް އިހުސާސްވެއެވެ. ހިތުގެ ރިހުމަށް ޝިފާތަކެއް ލިއްބައިދޭ ކަހަލައެވެ. މާހައުލު ހަލަބޮލި ނޫނަސް ހިމޭންކަމަށް ނޭވާލެވޭނެ ފުރުސަތެއް ނުދެއެވެ. ދޭތެރެ ދޭތެރެއިން މީހުންގެ ހިޔަތަކުން މުޅިތަނުގެ މިނިވަންކަމަށް އަތްދޮވަލައެވެ. ރާޅުބާނި ތަކެއް ގޮތަށް ކަޅު ކޮފީގެ ހިތްގައިމު ވަސްގަނޑު މުޅިތަނުގައި ވަކި ހިއްޕައިލައެވެ. ހުނުމުގެ އަޑާއެކުވެގެން ތުންފަތުގެ ސަކަރާތުގެ އަޑު އިވިލައެވެ.
އަތުގައި އޮތް ބޯ ފޮތުގެ ތެރެއަށް ގެއްލިފައި އިން ޝާޔަން ދެ ލޯ މަރައިލިއެވެ. ކަޅު ދުނި ގަނޑުލީ އޭނާގެ ރަސްމީ އައިނު ނޭފަތަށް ހެޔޮ ކޮށްލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ލަސްލަހުން ހިންދިރުވާލަމުން ކުރިން ކިޔައިލި ޖުމުލަ ތަކުރާރުކޮށްލިއެވެ.
"ޑޯންޓް ކްރައި ވެން ދަ ސަން ގޯން، ބިކޯޒް ދަ ޓިއަރސް ވޯންޓް ލެޓް ޔޫ ސީ ދަ ސްޓަރސް."
ޝާޔަން ފުން ނަޒަރަކުން ބަލައިލީ ކުރީގެ ހުނަރުވެރި އާޓިސްޓެއް ކަމަށްވާ ޕައިލެޓާ ވެރާގެ ތަސްވީރަށެވެ. ދެވަނަ ސިކުންތުގައި އޭނާ ބަލައިލީ ވަށައިގެންވާ މާހައުލަށެވެ. ކޯޅިކޯޅިއަށް ތިބި ޒުވާނުންގެ ހަރަކާތްތަކަށެވެ. އެ ހިތްގައިމު ހިނިތުންވުން ތަކަށެވެ. އަތާއި އަތް ޖޯޑުކޮށްލަމުން ކުރެވެމުންދިޔަ ސަލާން ގަލާންތަކަށެވެ. ލޯތްބާ އެކު ދިއްކޮށްލެވޭ ސަމުސާތަކަށެވެ. ޝާޔަން ލޮލުގެ ތެތްކަން އިތުރުވަމުން ދިޔައެވެ. އޭނާއަށް ފެންނަމުން ދިޔަ މަންޒަރުތަކުގެ މައްޗަށް ކުދިކުދި ފެންބޮޅުތަކާއި ސިފައެއް ނެތި ދުވަމުން ދިޔަ ދެފުށް ފެންނަ ބައްޓަންތައް އިތުރުވާން ފެށިއެވެ. އެހެންވެ އޭނާ ދެ ފަހަރު އެސްފިޔަ ޖަހައިލިއެވެ.
ޝާޔަން ކުއްލިއަކަށް ދެ ލޯ ބޮޑުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުންނެވެ. ގައިގޯޅިކޮށް ތިބި ދެ ޒުވާނުންނާ ދިމާއަށް އޭނާއަށް ބެލުނެވެ. އޭނާ ދަންނަ ދެ މީހުންހެން ހީވާތީއެވެ. އޭނާ ދެ ފަހަރަކު އެސްފިޔަ ވެސް ޖަހައިލިއެވެ. ލޮލަށް ގޮތެއް ހަދައިލަމުން ކަޅި ޖަހައިނުލައި ބަލަމުން ދިޔައެވެ. އެތަނުން އެކަކީ ފަން އިސްތަށިގަނޑެއްގެ ވެރި ޒުވާނެކެވެ. އިރުއިރުކޮޅާ އިނގިލިތަކުން ފުނާ އަޅައިލައެވެ. ނިތްމައްޗަށް ވެއްޓޭ އިސްތަށިކޮޅު ނަގައި ކަންފަތުގައި އަޅުވާލައެވެ. ޝާޔަންނަށް އެ ޒުވާނާގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ. އެ މަންޒަރުގެ ތެރެއިން އޭނާއަށް ފެންނަމުން ދިޔައީ ޚުދު އޭނާއެވެ. އޭނާއާއެކު ގާތުގައި އިނީ އަރީޝެވެ.
ޝާޔަންގެ ހަނދާނުގެ ތަސްވީރުތަކުން ބައެއް މަންޒަރުތައް އޭނާގެ ލޮލަށް ތިލަވަމުން ދިޔައެވެ. މަޑުމަޑުން އެ މަންޒަރުތަކަށް އޭނާ ގެނބެމުން ގެނބެމުން ދިޔައެވެ.
"ދެން އަރީ." ތުއި ރާގެއްގައި ޝާޔަން ބުނެލިއެވެ.
"އޭ ވަރަށް ލޯބި." އަރީޝް ހެމުންހެމުން ޝާޔަންއާ ކައިރިވެލިއެވެ.
"މުޅި މޫނު ހަޑިކޮށްލީނު." ޝާޔަން ޓިޝޫއެއް ނަގަމުން އޭނާގެ ކޯތާފަތުގައި ހުރި އައިސްކްރީމުތައް ފޮހެލިއެވެ.
އަރީޝް ކައިރިވަމުން ކައިރިވަމުން ގޮސް ޝާޔަންއާ ދިމާއަށް ބަލައިލިއެވެ. ޝާޔަން ވެސް އަރީޝްގެ މޫނަށް ބަލައިލިއެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޝާޔަންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ ހިމޭންވިއެވެ. އަރީޝް އަތް ހިއްލައިލިއެވެ. ޝާޔަން ލަސްލަހުން އޭނާގެ އަތުގައި ހިފައިލިއެވެ. އަރީޝްގެ ތުންފަތް ޖައްސައިލީ ޝާޔަންގެ ނޭފަތު ކުރީގައި ހުރި އައިސްކުރީމު ގައެވެ. ޝާޔަން ދެ ލޯ މަރައިލިއެވެ. އަރީޝްގެ ހިތުގައި ދުވެ ގަތް ހިޔާލީ އަސް ދުވެ ގޮސް ހުއްޓުނީ ކިހާ ހިސާބަކު ކަމެއް ޝާޔަންއަކަށް ނޭނގެއެވެ.
"އައްދޯތް، ތަދުވެއްޖޭ." ޝާޔަން ތެޅި ގަންނަމުން ހަޅޭއްލަވާގަތެވެ.
އަރީޝްގެ މޭގައި އަތްއަޅައި ކޮށްޕާލަމުން ޝާޔަން ނޭތަފުގެ ކުރީގައި އަތް ޖައްސައިލިއެވެ. އަރީޝް އޮތީ ބިނދިބިނދިފައި ހޭށެވެ. ބަނޑުގައި އަތްއަޅައިގެން އޮވެ އޭނާ ހީނހީނ ހަލާކުވާ ވަރުވިއެވެ.
"ހުރޭ، ހިކަންޖަށް ދުވަހެއް އައިއްޔާ މީދަލަށް ވެސް ދުވަހެއް އަންނާނެ." ޝާޔަން ނުރުހިފައި ބުނެލިއެވެ.
"އޭނ! ކީކޭ ތިބުނީ؟" އަރީޝަށް ދޭހަ ނުވެގެން އަހައިލިއެވެ.
"މަށަށް ވެސް އަދި ދުވަހެއް އަންނާނޭ މި ބުނީ." ޝާޔަން ތުންއަނބުރައިލިއެވެ.
"ޝާގެ ދުވަސްތާ ހަމަ ކޮންމެ ދުވަހަކީ ވެސް." އަރީޝް ޝާޔަން ގާތަށް ޖެހިލިއެވެ.
ޝާޔަންގެ ފަން އިސްތަށި ގަނޑުގައި އޭނާ ފިރުމައިލިއެވެ. މަޑުމަޑުން އަރީޝްގެ އިނގިލި ތިރިކޮށްލީ ޝާޔަންގެ ކޯތާފަތަށެވެ. ކޯތާފަތް ހުރަސްކޮށް އޭނާގެ ދަތްދޮޅީގައި އިނގިލި ޖައްސާ ހިއްލައިލިއެވެ. ޝާޔަންގެ ނޭވާ އަވަސްވިއެވެ. އަރީޝްގެ މޫނު ޝާޔަންގެ މޫނާ ކައިރިކޮށްލިއެވެ. އަރީޝްގެ ހޫނު ނޭވާ ޝާޔަންގެ ތުންފަތުގައި ޖެހުނެވެ. އޭނާ އެތެރެއަށް ނޭވާ ދަމައިލިއެވެ. އަރީޝްގެ ހަރަކާތްތަކުން ޝާޔަންގެ ގައިން ހީނބިހި ނަގަމުން ދިޔައެވެ. ލޯލިތައް ކޮޅަށް ޖެހި މަޑުމަޑު ތުރުތުރެއް ހަށިގަނޑުގައި ދައުރުކުރާން ފެށިއެވެ.
ކުއްލިއަކަށް ދެ ޒުވާނުން ދުރަށް ޖެހިލިއެވެ. އެ މީހުންނަށް ތިބެވުނު ތަން ހަނދާނަށް އައީ ކަންނޭނގެއެވެ. މައިދޮރުން މީހަކު އެތެރެއަށް ވަނުމުން ޖެހިލުންވީއެވެ. ޝާޔަންގެ ލޮލުގައި އަޅައިގަތީ އެ މަންޒަރެވެ. އޭނާއަށް ސިފަކުރެވުނީ އެ މަންޒަރުން އޭނާއާއި އަރީޝްކަން ވިސްނުނީ ވެސް އެހައި ހިސާބުންނެވެ.
ޝާޔަންގެ ވެސް ލޮލުގައި އަޅައިގަތީ ތަނުގެ މައިދޮރު ހުޅުވާލުމަށްފަހު މަޑުކޮށްލައިގެން ހުރި މީހާއެވެ. އޮފުއަރަމުންދާ ބޫޓުގެ ހިމަދިގު ކޮޅުން ފެށިގެން މައްޗަށް އޭނާއަށް ނަޒަރު ހިންގައިލެވުނެވެ. ކަޅު ކުލައިގެ ފަޓުލޫނުގެ މެދުން ނަގައިފައިވާ ރޫ ހުރީ ސީދާވެފައެވެ. ޖީބާ ދިމާ އަރިމަތިން ނަގައިފައިވާ ދެ ރޫ ވެސް އެހައި ތެދެވެ. ހުދުކުލައިގެ ގަމީހާ ކަޅު ކުލައިގެ ފަޓުލޫނު ކިތައްމެހާ ވެސް ގުޅެއެވެ. ދަށަށް ޖަހައިލައި ރޫތަށް ތަރުތީބުކޮށްލައިފަ ހުރި ގޮތުން އެމީހެއް ތަރުތީބުކަން ހާމަވެއެވެ. އަޅިކުލައިގެ ޓައީގައި ހިފައިލަމުން ކުޑަކޮށް ދޫކޮށްލިއެވެ. ތަރުތީބު މަގުން ކޮށައި އެއްވަރުކޮށްފައިވާ ތުނބުޅީގައި އޭނާގެ ކަނާއަތުގެ ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލީގެ އެހުރުގެ ތެރެއަށް ލައި ފިރުމައިލިއެވެ. އޭނާ ލަސްލަހުން މުޅި މާހައުލަށް ބަލައިލިއެވެ. ވަކި މީހަކަށް ކަޅިއަޅަމުންނެވެ. މީހެއް ދައުވަތަށް ފެންބޮވައިގެންފައިވާ ހެންނެވެ.
އޭނާގެ ލޮލުގައި އަޅައިގަތީ ޝާޔަންއެވެ. ޝާޔަން ފެނުމާ އެކު ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއެވެ. ލޮލުގައި އޮތް އަވި އައިނު ނަގައި ބޮލަށް ހެޔޮކޮށްލަމުން ޝާޔަންއާ ދިމާއަށް އޭނާ ހިނގައިގަތެވެ. ޝާޔަން ވެސް އޭނާއަށް މަރުހަބާ ކިޔުމުގެ ގޮތުން ކޮޅަށް ތެދުވެލިއެވެ. ޝާޔަން އިޝާރަތްކޮށްލީ ކުރިމަތީ ހުރި ގޮނޑިއަށެވެ. އޭނާ ހުއްޓިލަމުން ކޮނޑުގައި އޮތް ދަބަސް ޖެހިގެން ހުރި ގޮނޑީގައި ބެހެއްޓިއެވެ.
"އަހަންނަކީ މުހައްމަދު އަރީޝް، އުމުރުން 37 އަހަރު، ކުޑަ ފިރިހެން ކުއްޖެއްގެ ބައްޕަ. ކާވެނި ރޫޅުނުތާ ދެ އަހަރު ވެއްޖެ." އަރީޝް ސަލާމަތް އަތްދިއްކޮށްލަމުން ހިނިތުންވެލިއެވެ.
"މީ މަރިޔަމް ޝާޔަން، އުމުރު 35 އަހަރު. ކުޑަ ފިރިހެން ކުއްޖެއްގެ މަންމަ. ދެވަނަ ކައިވެންޏަކަށް ވިސްނަމުން މިދަނީ." ޝާޔަން ވެސް ފާޑަކަށް ހިނިތުންވެލަމުން ސަލާމުގެ ޖަވާބުދޭން އަތް ދިއްކޮށްލިއެވެ.
"ފައްޓަމާ ދެއްތޯ؟" އަރީޝް ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން ޝާޔަންގެ މޫނަށް ބަލައިލިއެވެ.
"އާދެ، އެންމެ ރަނގަޅު. ކުރިއަށް ގެންދަވާ." ޝާޔަންގެ ވާހަކަ ވެސް ބައްޓަން ކުރީ ސީދާ އަރީޝްގެ ވާހަކަދެއްކުމުގެ ވަޒަނަށެވެ.
"އަޅުގަނޑު ދެންނެވީ..." އަރީޝްގެ އަޑު ބެދުނެވެ.
"ދެން ތި ރަސްމީ ތޮފި ނަގައިފަ އިހަށް ހަމަޖެހިލަބަލަ." ޝާޔަން ގާތަށް ހިނިއައެވެ.
އަރީޝް ބަލައިލީ ސީދާ ޝާޔަންގެ މޫނަށެވެ. އޭނާގެ ދެ ލޮލަށެވެ. އަރީޝްގެ ލޮލުގެ ތެތްކަން އިތުރުވެ ކަރުނަތަކަކަށް ބަދަލުވާން ފެށިއެވެ. ނަމަވެސް އޭނާ ހިތްވަރުކޮށްފައި އެކަން ހިންދައިލިއެވެ.
"އަދިވެސް ހަމަ އެހައި ސީރިއަސްތަ؟ އަރީޝް ތިޔަ ހަރު ތޮށިގަނޑުން ބޭރަށް ނުކުމެ އިހަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަބަލަ." ޝާޔަން ހިނިތުންވެލަމުން ނަސޭހަތުގެ ރާގުގައި ބުނެލިއެވެ.
އަރީޝްގެ މޫނުމަތިން ފެންނަމުން ދިޔައީ އަބުއިކަމުގެ ކުލަވަރެވެ. އޭނާ އިނީ ހިސާބަކަށް ހާސްވެ ކަންބޮޑުވެފައެވެ. ކޮންމެވެސް ވަރަކަށް ދާހިތްލާފައެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ރާޅުބާނީތަކުގެ އަސަރުތައް މޫނުމަތިން ފެންނަމުން ދަނީއެވެ. ހިތުގެ ގޮނޑުދޮށަށް ބިންދާލާ ކޮންމެ ރާޅަކުން ދިޔަރެހަށް ދަމާލާ އޮއިވަރުގެ އަސަރު ލޮލުން ފެންނަނީއެވެ.
"މި ބުނީ އޮފީހަށް ޒިންމާދާރުވާހެން، އަމިއްލަ ދިރިއުޅުމަށް އަމިއްލަ ނަފުސަށް ވެސް އެ ކަންބާއްވަ ބަލައިށޭ." ޝާޔަން ހިފައިލީ ސީދާ ނުކުތާގައެވެ.
"ޝާ! ޕްލީޒް." އަރީޝް އާދޭހުގެ ރާގުގައި ބުނެލިއެވެ.
"އަހަންނަށް އެ ހައްގު ދިނީ އަރީއެއް ނޫންތަ؟ ހަނދާނެއް ނެތްދޯ. އަރީ އެބަޖެހޭ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ސަމާލުކަންދޭން،" ޝާޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ. "ދިރިއުޅުމަކީ އެންމެ ބޮޑު ޒިންމާ. ޒިންމާދާރު ވަޒީފާތަކުގައި އަހަރުމެން އުޅެނީ ދިރިއުޅުމުގެ ޒިންމާއިން ރެކޭކަށް ނޫން. އެކަމަށް މަގުފަހިކޮށްދޭން. މަގު ކޮށައިދޭން. އެކަމަށް ބޭނުންވާ ތަނަވަސްކަން ހޯދައިދޭން."
އަރީޝް ބަލައިލީ ސީދާ ޝާޔަންގެ މޫނަށެވެ. އޭނާގެ ފަރިތަ ޖުމުލަތަކުން އަރީޝްގެ ހިތުގައި މާޒީގެ މަންޒަރުތަކެއް ކުލަވާތީއެވެ. އަރީޝް ކަޅި ޖަހައި ނުލައި އިނީ ސީދާ ޝާޔަންގެ ތުންފަތަށް ބަލާށެވެ.
"ބައެއް މީހުންނަށް ވިސްނެނީ ޒިންމާދާރު ވަޒީފާއެއްގެ ހުރިހާ ޒިންމާތަކެއް ނެގުނީމަ އެމީހެއްގެ ދިރިއުޅުން ކާމިޔާބުވާނޭ. އެއީ ވަރަށް ބޮޑު ކުށްހީއެއް. ހަގީގަތުގައި ކާމިޔާބު މީހަކީ ދިރިއުޅުމުގެ ޒިންމާތައް ވަޒަންހަމަކޮށް ގެންގުޅޭ މީހާ. ދަތިހާލުން ވެސް ދިރިއުޅުން ތަރުތީބުކުރާ މީހާ. ދެ މަފިރިއެއްނަމަ އެއީ ކާމިޔާބު ބައެއްކަމަށް ބަލާނީ ދަރީން. ދަރީންނަކީ ހުލްގުހެޔޮ މުޖުތަމައަށް ތުރާލަކަށް ނުވާ ދަރީންނަމަ އޭގެ ޝަރަފުވެރިންނަކީ މައިންބަފައިން. މާނައަކީ މައިންބަފައިން ކާމިޔާބުވީއޭ. އެކަމަކު ޒިންމާދާރު ވަޒީފާތަކުގައި އުޅޭ މީހެއްގެ އެންމެ ދަރިއަކު ވެސް ގޯސްވެ މުޖުތަމައުގެ ލަދަކަށް ނޫނީ މުޖުތަމައަށް އުނދަގުލަކަށް ވެއްޖެ ނަމަ ހަގީގަތުގައި ނާކާމިޔާބުވީ އެ ކުއްޖާއެއް ނޫން. އޭނާގެ މައިންބަފައިން. އޭނާގެ ބެލެނިވެރިން." ޝާޔަންގެ ވާހަކަ ހުއްޓައިލީ ފޯނު ވައިބުރޭޓްވާން ފެށުމުންނެވެ.
އަރީޝް ބަލައިލީ މޭޒުމަތީގައި އޮތް ޝާޔަންގެ ފޯނަށެވެ. ސްކުރީނަށް އަރާފައި އޮތް ނަން އަރީޝް ކިޔައިލިއެވެ. އޭނާ ހިތުން އެނަން ތަކުރާރުކޮށްލިއެވެ.
"އެ ގުޅަނީ ނާނު." ޝާޔަން ފޯނަށް އިޝާރަތްކޮށްލިއެވެ.
އަރީޝްގެ މޫނުމަތީގެ ހަރަކާތްތަކުން ފޯނު ނަގައި ވާހަކަދައްކާށޭ ބުނެލިއެވެ.
"ކޮބައި؟ އަހަރުމެން މިތިބީ އިންތިޒާރުގަ. ކިހާއިރަކުން އާދެވޭ ވަރުވާނީ؟" ޝާޔަން އަޑުއަހަން ހުރީ އެކޮޅުން ދައްކާ ވާހަކައެވެ. "އެންމެ ރަނގަޅު އަހަރުމެން އެބަތިބިން. ހަމަ އެ ރެސްޓޯރެންޓުގަ. އޯކޭ ސީޔޫ."
ޝާޔަން ބަލައިލީ އަރީޝްގެ މޫނަށެވެ. އަރީޝް ނިތްއަރުވާލިއެވެ.
"މިހާރު ބުރިޖަށް އަރަނީއޯ. އޭނާ މާލެ އުޅޭތީ ކުޑަކޮށް ލަސްވީއޯ." ޝާޔަން އޮޅުންފިލުވައިދިނެވެ.
"ކުށްވެރިވީ އަހަރެންނެއްނު." އަރީޝް ފާޑަކަށް ހިނިތުންވެލިއެވެ.
"ތަނަކަށް ގަޑިއެއް ކިޔައިފި ނަމަ އެ ގަޑިއަކަށް އިހުތިރާމު ކުރަންވާނެ ދޯ. އަހަރެން އަރީޝް ކުށްވެރިއެއް ނުކުރަން. އަހަންނަށް އަރީޝްގެ ގޮތް އެނގޭތީ ހަމަ ނަސޭހަތެއް ދިނީއެއްނު. އަރީޝް ބަލާނެ އޮފީހަށް ގަޑި ނުޖެހި ދެވޭތޯ،" ޝާޔަން ފުންނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން މި ބުނަނީ ހަމަ އެގޮތަށް ދިރިއުޅުމުގެ ކަންކަމަށް ވެސް ފަރުވާތެރި ވާށޭއޭ. ދަރިއަށް އަޅައިލާށޭ. އެހެންނޫނީ އަނެއްކާ ވެސް ދިރިއުޅުމުގެ ފަންބޮނޑި ބޮއްސުންލައި ބާކީ ވާނީ ހަމަ އަރީޝެއްނު."
"އެއީ ތަ ވިޝް ކުރާ ގޮތަކީ؟" އަރީޝް ނިތަށް ދެތިން ރޫ އަރުވާލިއެވެ.
"އެހެން ނަމަ އަހަރެން މިތަނަށް އައިސް މިގޮތަށް ވާހަކަދައްކާނެތަ؟" ޝާޔަން ފޫހިގޮތަކަށް ބުނެލިއެވެ.
"އެހެން ނުބުނަމެއްނު." އަރީޝް ހިނިތުންވެލިއެވެ.
"އެހެންތާ ތިބުނެވުނީ."
"ޔޫ ނޯ. ސްޓިލް ވީއަރ ބެސްޓް ފްރެންޑްސް." އަރީޝް ކަމެއް ހަނދާން ކޮށްދިނެވެ.
"އެންޑް ވީ އަރ އެކްސް،" ޝާޔަން ވެސް ހިނިތުންވެލިއެވެ. "އެކްސް ވައިފް އެންޑް އެކްސް ހަސްބަންޑް."
"އެއީތާ މީގެ ބިއުޓީއަކީ ދޯ." އަރީޝް ފުން ނޭވާއެއް ދޫކޮށްލިއެވެ.
(ނުނިމޭ، އަނެއް ބައި ބުދަ ދުވަހުގެ ނޫހުގައި)