26 އެޕްރީލް 2021 - 12:29

މަސްތުވާތަކެތި ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި، މަޝްހޫރު ރެޕް އާޓިސްޓް އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް)ގެ މައްޗަށް ބޮޑެތި ދައުވާތަކެއް ކޮށްފި އެވެ. އޭނާގެ އިތުރުން މި މައްސަލައިގައި ހިމެނޭ އެހެން ހަތަރު މީހެއްގެ މައްޗަށް ވެސް ވަނީ ޝަރީއަތް ކުރަން ކޯޓަށް ފޮނުވައިފަ އެވެ.
ޕީޖީ އޮފީހުން ބުނީ ޕެސްޓްގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައިވާ ކަމަށެވެ. އެއީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.
ޕެސްޓާ އެކު އަތުލައިގަތް އަނެއް ހަތަރު މީހުންނަކީ މުހައްމަދު ސުއައިދު، ލ. ގަން، ތުނޑި، އަބަދަށްއުފާ، އާއިޝަތު ހަސްނާ ނާހިދު، މ. އަސަރީހަނދާން، އަހުމަދު ހުސާމް، ލ. ގަން، ތުނޑި، ރޯޝަންހިޔާ އަދި އަހުމަދު ޝަމްއޫން، ލ. ގަން، ތުނޑި، ހަނދުވަރީހިޔާ އެވެ.
ވޭތުވެދިޔަ 15 ވަރަކަށް އަހަރު ރެޕް އާޓިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޕެސްޓް މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ 13 ގަ އެވެ. އޭރުން ފެށިގެން އޭނާ ހުރީ ފުލުހުންގެ ބަންދުގަ އެވެ. މި މައްސަލައިގައި އެންމެ ގިނަ ދައުވާ ކުރަނީ ވެސް ޕެސްޓަށެވެ.