26 އެޕްރީލް 2021 - 12:08

އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކާ އަގު 100ރ. އަށް ކުޑަކޮށްފި އެވެ.
ރޯދަ މަސް ފެށުނުއިރު އެސްޓީއޯ އިން 25 ކިލޯގެ ފިޔާ ބަސްތާއެއް ވިއްކަމުން އައީ 200ރ. އަށެވެ.
އެސްޓީއޯއިން ބުނީ ރޯދަ މަސް ފެށުނު އިރު އެ ކުންފުނިން ގެނައި ސްޓޮކް އަދިވެސް ހުސްނުވާ ކަމަށެވެ. އަދި ފިޔާ އަކީ އަވަހަށް ހަލާކުވާ ޒާތުގެ އެއްޗަކަށްވާތީ އަގު ހެޔޮކޮށް ވިއްކަން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފިޔާ ބަސްތާއެއްގެ އަގު ހެޔޮ ކުރި ނަމަވެސް ވަކިން ފިޔާ ވިއްކާނީ ކުރިން ވެސް ވިއްކަމުން އައި އަގުގަ އެވެ. އެއީ ކިލޯއެއް 9.50ރ. އަށެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި މި ރޯދަ މަސް ނިމެންދެން ފިޔާ، ބިސް އަދި އަލުވި ހުސްނުވެ ލިބޭނެ އެވެ. އަދި ބާޒާރުގައި އަގު ކޮންޓްރޯލް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.